Roadha Mihaaru
މިނިސްޓަރު ހައިދަރަށް އެމްޑީޕީން ރުހުން ނުދޭން އެދިއްޖެ

މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ނިންމަން އެމްޑީޕީގެ ޕީޖީގައި މީކާއިލް އެދިވަޑައިގެންފި

21 ނޮވެމްބަރ 2023

ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ދެކޮޅު ހައްދަވައި އެ ގޮތަށްް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ދެކޮޅު ހައްދަވައި އެ ގޮތަށްް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފި އެވެ.

މަޖިލީހުގައި މިއަދު ފެށި ބަޖެޓް ބަހުސްގައި މީކާއިލް ވިދާޅުވީ، ފެނިގެން ދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ފޭރިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"އިއްޔެ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ދެއްވި ޕްރެސް ކޮންފަރެންސުން އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަންނަވަނީ ވެރިކަން ހޯދުމުގެ ބޭނުމުގައި ތިމަންނާމެން އެ ދުވަހު ހެދީ ދޮގޭ،" މީކާއިލް ވިދާޅުވި އެވެ.

"މި ހައުސިން މިނިސްޓަރަށް ގްރީން ދިނުމަށް ތްރީލައިން ވިޕެއް އަޅުއްވަން ނަހައްދަވާ. ހަމަގައިމު ވެސް އަޅުގަނޑުގެ ވޯޓެއް މި ހައުސިން މިނިސްޓަރަށް ރުހުން ދިނުމަކަށް ވޯޓެއް ނުދޭނަން."

މާލޭގެ ރައްޔިތަކަށް ދޭން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ދުވަސްވަރު ވިދާޅުވެފައިވާ ވާހަކަ ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، ދެ ވަނަ ބުރާ ހަމައަށް ކުރެއްވި ކަންކަމަށް އިހުތިރާމް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެ ވާހަކަ މީކާއިލް ކުށްވެރި ކުރެއްވި އެވެ.

ހައުސިން މިނިސްޓަރު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ފްލެޓް ލިސްޓު ރިވިއުކުރަން ޖެހެނީ ހާލަތު ނުބަލައިި ޕޮއިންޓްދީ، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ކުރަމުންދާ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. ލިސްޓް ރިވިއުކުރާނީ އެ ކޮމިޝަނުގެ ލަފައެއް ހޯދުމަށް ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުށިދިއްގަރު ފަޅު މަޝްރޫއަށް ފާޑުވިދާޅުވެ މީކާއިލް ވިދާޅުވީ، ވާދޫ ކަނޑު ހުރަސްކޮށް މާދުރުގައި އޮތް ތަނަކަށް މާލޭ ރައްޔިތުން ޖަމާކުރަން އުޅުމަކީ ގޯހެއް ކަމަށެވެ.

އޭނާ ތުހުމަތުކުރަނީ އެއީ މި ސަރުކާރުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން އަތުލައިގަތުމަށް ހިންގާ ކަމެއްގެ ގޮތަށެވެ.

އޭނާ ވަނީ މިފަދަ ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ މެންބަރުންނާއި އެހެނިހެން ޕާޓީތަކުގެ މެންބަރުންނަށް އިލްތިމާސްކޮށް، ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީ ޕީޖީން ތްރީލައިން ވިޕް ނުނެރުމަށް އެދިވަޑައިގެންފަ އެވެ.

މި މިނިސްޓަރަށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނާއި މާލެ ރައްޔިތުންގެ ރުހުން ނެތް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.