Roadha Mihaaru
ޕީޕީއެމް ހިންގަން ޔާމީންގެ ކޮމިޓީއަކާ ހަވާލުކުރައްވައިފި

ޕީޕީއެމްގެ ހިންގުން ލީޑަޝިޕާއި ސެނެޓާ ވަކިން ޔާމީން ކޮމިޓީއަކާ ހަވާލުކުރައްވައިފި

22 ނޮވެމްބަރ 2023

ޕީޕީއެމް ހިންގަން އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނުހިމަނައި އަދި ސެނެޓްގެ ބޭރުން ސްޓިއަރިން ކޮމިޓީއެއް އެ ޕާޓީގެ ރައީސް އަދި ޖަލު ހުކުމެއްގައި ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕީޕީއެމް ހިންގަން އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނުހިމަނައި އަދި ސެނެޓްގެ ބޭރުން ސްޓިއަރިން ކޮމިޓީއެއް އެ ޕާޓީގެ ރައީސް އަދި ޖަލު ހުކުމެއްގައި ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައްވައިފި އެވެ.

ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ޕާޓީ އިދާރީ ގޮތުން ހިންގުމުގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ އަސާސީ ގަވައިދުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އެކަމަކު ޕާޓީ ހިންގަން ވަކިން ކޮމިޓީއެއް އެކުލަވާލީ ސެކްރެޓަރީ ޖެނެރަލް އަދި ޕާޓީގެ ސެނެޓަށް ވެސް އެންގުމެއް ނެތި އެވެ.

ޕީޕީއެމް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވެސް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މަލީހު ވިދާޅުވީ ލީޑަޝިޕްގެ ގިނަ ބޭފުޅުން މި ވަގުތު ތިއްބެވީ ސަރުކާރުގެ ވަރަށް ޒިންމާދާރު މަގާމުތަކުގައި ކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް ޕާޓީގެ ދުވަހުން ދުވަހުގެ މަސައްކަތްތަކަށް ވަގުތު ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އެދެން އެ ބޭފުޅުންގެ އެ މަސައްކަތުގައި ކާމިޔާބީ އަށް،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އަސާސީ ގަވައިދުގައި ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށެވެ. އެ ޕާޓީގެ ކަންކަމާ ގުޅޭ. ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު މިރޭ ވަނީ ޕީޕީއެމާއި މިހާރު ވެރިކަން ކުރާ ޕީއެންސީއަކީ އެއް އާއިލާއެއްގެ ގޮތުގައި ވަރަށް ބޮޑަށް ސިފަ ކުރައްވައިފަ އެވެ. ޔާމީން ވެސް އެދިވަޑައިގަންނަވަނީ ދެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޕީޕީއެމްއަކީ ބޮޑު ޕާޓީ ކަމަށާއި ޕީއެންސީއަށް ވެރިކަން ލިބުނީ ޕީޕީއެމްއާ ހެދިކަން ބަޔާން ކުރެއްވުމަށް ވެސް މަލީހު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.

"ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ. ޕީޕީއެމް/ޕީއެންސީގެ ތެރެއިން ބޭފުޅަކު ވެރިކަމަށް އިންތިހާބުވެވަޑައިގަތީ. ޕީއެންސީގައި 3،500 މެންބަރުން. އެހެންކަމުން އެއް އާއިލާއެއްގެ ގޮތުގައި އޮތުން މީގަ ކާމިޔާބީއަކީ،" މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދޭ އެދުމެއް ޕީޕީއެމްގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުދިޔުން."

ޔާމީން ވެސް އެދިވަޑައިގަންނަވަނީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ވެސް ނުދިއުން ކަމަށް މަލީހް ވިދާޅުވި އެވެ.

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ނޫސްވެރިންގެ ބައްދަލުވުންތަކުގެ ދައުވަތު ޕީޕީއެމުން އާއްމުކޮށް ދެނީ މީޑިއާ ގްރޫޕް މެދުވެރިކޮށެވެ. އެކަމަކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު، އެސްޖީ މުހައްމަދު ތޮލާލު މީޑިއާއާ ހިއްސާ ނުކުރައްވަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ. އެސްޖީއާ މެދު ހިޔާލު ތަފާތުވުމެއްތޯ އެހެމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ. ތޮލާލަކީ ޔާމީނާ އެއްވަރަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ވަރަށް ގާތް ބޭފުޅެކެވެ. އަދި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ތަރުޖަމާނަކީ ވެސް ތޮލާލެވެ.

ތޮލާލު އެ މަގާމުން ވަކިކުރަން ބޭނުންވާ ކަން މީގެކުރިން ޔާމީން ވަނީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ގާތުގައި ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ އެސްޖީ ތޮލާލަށް މިއަދު ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ދެއްވައިފަ އެވެ. އަދި ޕީޕީއެމްގެ އެހެން ގިނަ އިސް ބޭފުޅުންނަށް ވެސް ސަރުކާރުން މަގާމުތައް ދެއްވާފައިވާއިރު، އެ ބޭފުޅުން މި ވަގުތު ތިއްބެވީ ރައީސްއާ އެކު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމް އިން މެންބަރުން ގެންދާތީ މީގެކުރިން ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެކަމަކު މިފަހުން ވެސް ލ. އަތޮޅުގެ ޕީޕީއެމްގެ އިސް ބަޔަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.