Roadha Mihaaru
އިންޑޮނޭޝިއާ ހޮސްޕިޓަލަށް އެންމެ ފަހުގެ އިންޒާރު

އިންޑޮނޭޝިއާ ހޮސްޕިޓަލަށް އެންމެ ފަހުގެ އިންޒާރު

23 ނޮވެމްބަރ 2023

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ތިބި އެންމެހައި ބަލި މީހުންނާއި، އެމީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ވަގުތީ ހިޔާވަހިކަން ހޯދުމަށް ވަދެ ތިބި އާންމުން ނެރެ އެ ހޮސްޕިޓަލު ހުސްކުރުމަށް އިޒްރޭލު ސިފައިން މިއަދު އެންމެ ފަހުގެ އިންޒާރު ދީފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ތިބި އެންމެހައި ބަލި މީހުންނާއި، އެމީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ވަގުތީ ހިޔާވަހިކަން ހޯދުމަށް ވަދެ ތިބި އާންމުން ނެރެ އެ ހޮސްޕިޓަލު ހުސްކުރުމަށް އިޒްރޭލު ސިފައިން މިއަދު އެންމެ ފަހުގެ އިންޒާރު ދީފި އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރު މުނީރުލް ބަރްޝް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު ގަޑިއިރުގެ ތެރޭގައި އިންޑޮނޮޝިޔާ ހޮސްޕިޓަލް ހުސްކުރުމަށް، މީގެ ގަޑިއެއްހާ އިރު ކުރިން އިޒްރޭލު ސިފައިން ވަނީ އިންޒާރުކޮށްފަ އެވެ. ތަން ހުސްކުރަން އިންޒާރު ކުރި އިރު، އެ ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށް އިޒްރޭލު ސިފައިން ދަނީ އިއްޔެ އިން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް ދެމުންދާ ހަމަލާތައް އިތުރު ކުރުމާ ގުޅިގެން، އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ތެރެއިން 450 މީހަކު އިއްޔެ ވަނީ އެ ހޮސްޕިޓަލުން ނެރެގެން ގެންގޮސްފަ އެވެ. އެމީހުން ހޮސްޕިޓަލުން ނެރުނީ ކޮންމެ އެމްބިއުލާންސަކަށް ހައެއްކަ މީހުން އަރުވައިގެންނެވެ.

ނަމަވެސް، ހާލު ބޮޑު 200 އަށް ވުރެ ގިނަ ބަލިމީހުން އަދިވެސް އެ ހޮސްޕިޓަލުގައި އެބަތިބި ކަމަށް މުނީރުލް ބަރްޝް ވިދާޅުވި އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ 65 މީހެއްގެ ހަށިގަނޑު ވެސް، އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން، ވަޅުލާން ނުގެންދެވި އެ ހޮސްޕިޓަލުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑޮނީޝިއާ ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލު ސިފައިން އެންމެ ފަހުގެ އިންޒާރު މިދިނީ، ޣާއްޒާގެ އައްޝިފާ ހޮސްޕިޓަލަށް ވެސް އެފަދަ އިންޒާރުތަކެއް ދިނުމަށް ފަހު، ބަރު ހަތިޔާރާއެކު އެ ހޮސްޕިޓަލަށް ވަދެގަނެ، 200 އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ހައްޔަރުކުރުމަށް ފަހު އެވެ. އޭގެ އިތުރުން އިޒްރޭލު ސިފައިން އިއްޔެ ވަނީ، އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލަމިއްޔާ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް އިޒްރޭލު ސިފައިން އިއްޔެ މެންދުރު ފަހު ވަދެގަތުމަށް ފަހު، އެ ތަނުގައި ތިބި މުވައްޒަފުންނާ ސުވާލުކޮށް އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ފަހު އެވެ.

އޭޕީ ނިއުސް އޭޖެންސީން ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާ އެކު، އެ ހޮސްޕިޓަލުގެ އިތުރު ޑޮކްޓަރުންނާއި ނަރުހުން ވެސް، އިއްޔެ ވަނީ ހައްޔަރުކޮށްގެން އެ ހޮސްޕިޓަލުން ނެރެފަ އެވެ. އެމީހުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް އިޒްރޭލު ސިފައިން ނުބުނެ އެވެ.

ޝިފާ ހޮސްޕިޓަލުގައި މިހާރު ތިބި ހާލު ބޮޑު 180 ބަލިމީހުންނަށް ފަރުވާ ދިނުމަށް މިހާރު އެ ހޮސްޕިޓަލުގައި ތިބީ އެންމެ ތިން ޑޮކްޓަރުންނާއި ހަތަރު ނަރުހުން ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެ އެވެ. އެ ހޮސްޕިޓަލުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިއަކު ބުނި ގޮތުގައި އިޒްރޭލު ސިފައިން މިހާރު ތައްޔާރުވަމުން ދަނީ، އެ ހޮސްޕިޓަލުން ނުނިކުމެވިފައި ތިބި ހާލު ބޮޑު 180 ބަލިމީހުން، ބާރުގެ ބޭނުންކޮށް ގަދަކަމުން އެ ތަނުން ނެރެ ބޭރަށް ލުމަށެވެ.

މަދު އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ތިއްބަސް، އެކަށީގެންވާ ވަސީލަތްތައް ނެތުމުން ބަލިމީހުންނަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ ގޮތެއް މިހާރު ނެތެވެ. އަދި އިޒްރޭލު ސިފައިން އެ ހޮސްޕިޓަލު ހިސޯރުކޮށްގެން ތިބުމުން އެއްވެސް އެއްޗެއް އެ ތަނަށް ވެއްދުން ވަނީ މަނާކޮށްފަ އެވެ.

އޮކްޓޫބަރު 7 ގައި އިޒްރޭލު ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް 47 ދުވަސް ވެގެން ދިޔަ އިރު، ޣައްޒާ އިން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 14530 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 6500 އަށް ވުރެ ގިނަ ކުޑަކުދިންނާއި 4000 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ކަމަށް ވިޔަސް، އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އޭގެ އިތުރުން ޣައްޒާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިދާރާތަކާއި ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.