Roadha Mihaaru
ކޮޕް ސަމިޓަށް ރައީސް ޑރ. މުއިއްޒު ދުބާއީ އަށް

ކޮޕް ސަމިޓަށް ރައީސް ޑރ. މުއިއްޒު ދުބާއީ އަށް

30 ނޮވެމްބަރ 2023

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް އިއްޔެ ވަޑައިގެންފި އެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް އިއްޔެ ވަޑައިގެންފި އެވެ.

އެ މަނިކުފާނުގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދު ވެސް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުއިއްޒު ދުބާއީ އަށް ވަޑައިގަތީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެވެ. މިއީ މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ވަޑައިގެންނެވި ފުރަތަމަ ގައުމެވެ.

ކޮޕް28 ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކޮޕް28 ބައްދަލުވުން ވާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.

ކޮޕް ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ނޫސްވެރިން ގާތު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެހީ ދިނުމަށް ދުނިޔޭގެ އެކި ޖަމިއްޔާތަކުން ހަދާފައިވާ ފަންޑުތަކުން ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، އެ ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ތަރައްގީވެފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެހެންވެ، މި ސަމިޓުގައި ރާއްޖެއިން ހާއްސަ އިސްކަމެއް ދީގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެ އަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ ވަރު ވަޒަން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.