Roadha Mihaaru
ތަރައްގީ ހޯދަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނެ: ރައީސް

ތަރައްގީ ހާސިލްކުރަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނަން: ރައީސް

13 ފެބުރުއަރީ 2024

ޔޫއޭއީން ހަދާފައިވާ ހާއްސަ އިކޮނޮމިކް ޒޯން އޭރިއާ "ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު"ގެ ކާމިޔާބީ އާއި އެ ތަޖުރިބާ މިސާލަކަށް ބަލައިގެން ރާއްޖޭގައި އެފަދަ އިގްތިސާދީ ހަބްތައް ގާއިމް ކުރުމަށް މަސައްކަތްތައް ރާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫއޭއީން ހަދާފައިވާ ހާއްސަ އިކޮނޮމިކް ޒޯން އޭރިއާ "ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު"ގެ ކާމިޔާބީ އާއި އެ ތަޖުރިބާ މިސާލަކަށް ބަލައިގެން ރާއްޖޭގައި އެފަދަ އިގްތިސާދީ ހަބްތައް ގާއިމް ކުރުމަށް މަސައްކަތްތައް ރާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިއަދު ފެށި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ވިދާޅުވީ، ތަރައްގީ ހާސިލު ކުރުމުގައި ޔޫއޭއީ އާއި ރާއްޖެ އަށް ފައިދާވާ ފަދަ ޕްރޮޖެކްޓްތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން

އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން

އާ ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެ އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ތަރައްގީގެ އާ ހަރުފަތްތަކަކަށް ދިއުމަށް މަސައްކަތްތައް ކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެހެންވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަވަހަށް ތަރައްގީކޮށް އޭގެ ބޭނުން ކުރުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފޯރަމް ފެށުމަށް ބޭއްވި ހަފުލާގައި ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު

ފޯރަމް ފެށުމަށް ބޭއްވި ހަފުލާގައި ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު

"ސަރުކަރުން މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާ ފުޅާކޮށް އެ ދާއިރާއިން އާ ގޮތްގޮތަށް އާމްދަނީ އިތުރު ކުރުމަށް. ކުޅިވަރުގެ ދާއިރާ އާއި، ތައުލީމާއި، އެޑްވެންޗާ އަދި މެޑިކަލް، ކަލްޗަރަލް ޓޫރިޒަމަށް ފުޅާ ކުރަން ޕްލޭންތައް ހެދިފައިވޭ،" ރައީސް ވިދާޅުވި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޔޫއޭއީ އާއި ރާއްޖެއާ ދެމެދު މިހާރު ވެސް އެއާލައިންގެ ދަތުރުތައް ވަރަށް ފުޅާކޮށް ކުރަމުން އަންނަ އިރު އެކަމުން ދެގައުމަށް ވެސް ބޮޑެތި ފައިދާތައް ކުރާ ކަމަށެވެ.

ރާއްޖޭގައި އިންވެސްޓަރުންނަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދޭނެ ކަމަށާއި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށް ލުއި ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން

އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން

ރައީސް ވިދާޅުވީ، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި ފޮރިން އިންވެސްޓްމެންޓްގެ އާ ގާނޫނެއް އެކުލަވައިލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތައް އުފައްދައިގެން ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށާއި އެފަދަ ކަންކަމަށް ވެސް ފަސޭހަކޮށްދެއްވާނެ ކަމަށެވެ.

ފޯރަމްގައި ބައިވެރިވެ ވަޑައިގަތް ބައެއް ބޭފުޅުން

ފޯރަމްގައި ބައިވެރިވެ ވަޑައިގަތް ބައެއް ބޭފުޅުން

ދެ ގައުމުގެ ގިނަ ދުވަސްވީ ހާރިޖީ ގުޅުން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޔޫއޭއީ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓު މުދާ އެތެރެ ކުރާ އެއް ގައުމު ކަމަށެވެ. ރާއްޖެއަށް މިދިޔަ އަހަރު ގާތްގަނޑަކަށް ބައި ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ 12 ޕަސެންޓެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ދާއިރާ އާއި ރިއަލް އެސްޓޭޓް ވިޔަފާރިތަކުގައި ޔޫއޭއީގެ ގިނަ އަދަދެއްގެ އިންވެސްޓްމެންޓްތައް އެބަހުރި ކަމަށާއި ރާއްޖެއިން އަބަދުވެސް އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ރައީސް ވިދާޅުވީ، "އެގްރީމެންޓް އޮން އެވޮއިޑެންސް އޮފް ޑަބަލް ޓެކްސް" އާއި "އެގްރީމެންޓް އޮން ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް އިންވެސްޓްމެންޓްސް އެންޓާޑް އިން ޓު ދަ މޯލްޑިވްސް" ގައި 2017 ވަނަ އަހަރު ސޮއި ކުރެވިފައިވާ ކަމަށާއި، އެކަމުން ވެސް ދައްކުވައިދެނީ ވިޔަފާރީގެ ދާއިރާގައި ދެ ގައުމުގެ ގުޅުން ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، ޔޫއޭއީ އަށް ހާއްސަކޮށް އިންވެސްޓްމެންޓް ޕްރޮޓެކްޝަން ޓްރީޓީ ގާނޫނަކަށް ބަދަލުކޮށް އެއަށް އަމަލު ކުރަން ކުރިއަށް އޮތް 2-3 މަސްތެރޭގައި ފަށާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް އިސް ވިޔަފާރިވެރިން ވެސް ބައިވެރިވާ އިންވެސްޓްމަންޓް ފޯރަމް މިއަދު ނިމޭނެ އެވެ. މި ފޯރަމްގައި ބައިނަލްއަގުވާމީ ބައެއް ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއި ޔޫއޭއީގެ ވިޔަފާރިވެރިން ވެސް ބައިވެރިވެ އެވެ. މި ފޯރަމްގައި ގާތްގަނޑަކަށް 280 ވަރަކަށް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.