Roadha Mihaaru
މަރުގެ އަދަބަށް ހުރަސްއެޅޭ މާއްދާއެއް ބާތިލްކޮށްފި

ގާނޫނުލްއުގޫބާތު އޮތީ ގިސާސް ހިފަން ހުރަސްއެޅޭ ގޮތަށް، އެ މާއްދާ ބާތިލް: ސުޕްރީމް ކޯޓު

30 ނޮވެމްބަރ 2023

ރާއްޖޭގެ ގާނޫނުލްއުގޫބާތް އޮތީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން (މަރަށް މަރު ހިފުން) އަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި، އެ ގާނޫނުގައި އެ ހުރަސް ކުރިމަތިވާ މާއްދާ ބާތިލް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ގާނޫނުލްއުގޫބާތް އޮތީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން (މަރަށް މަރު ހިފުން) އަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި، އެ ގާނޫނުގައި އެ ހުރަސް ކުރިމަތިވާ މާއްދާ ބާތިލް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މި މާއްދާ ބާތިލްކުރީ ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމްގަ އެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން މިއަދު އިއްވެވި ހުކުމްގައި ބާތިލްކުރަން ނިންމީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ.

އެ މާއްދާގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި އޭނާގެ ރައުޔުގައި ވިދާޅުވީ މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންކަމުން މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލްކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާން އިން ބަޔާންކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ އަދި މާނަ ވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ އިސްލާމީ ޝަރީއާގައި ގަސްދު މަރު ސާބިތު ކުރަން ބޭނުންވާ މިންވަރަކީ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަމަށް އިސްލާމީ އިލްމްވެރިން އެއްބަސްވާ ކަމާއި އެއީ ހިލާފެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑަކީ އިސްލާމީ ޝަރީއާގެ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަން އެނގޭ ކަމަށެވެ. އެ މިންވަރު ސާބިތުކޮށްދެމުން މަރުގެ އަދަބު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު: ވިދާޅުވީ ގާނޫނުލްއުގޫބާތު އޮތީ ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ކަމަށް

ފަނޑިޔާރު ހުސްނުއްސުއޫދު: ވިދާޅުވީ ގާނޫނުލްއުގޫބާތު އޮތީ ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ކަމަށް

އެ މާއްދާގައި ބުނާ މިންގަނޑަކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެ އެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ އެވެ.

ނަމަވެސް، މަރުގެ އަދަބު ދޭން ޖެހޭ ހާލަތުގައި 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުން އިތުރު ޝަރުތުތަކެއް ކަނޑައަޅައި މަރުގެ އަދަބު ރާއްޖޭގައި އަމުދުން ނުދެވޭ މިންވަރަށް، އަމަލީ ގޮތުން ނުކުރެވޭނެ ކަމެއްގެ ގޮތަށް މާނަ ކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވި އެވެ.

އެކަމަކު، މި ރައުޔާ ފަނޑިޔާރު އައިޝާ ސުޖޫންގެ ރައުޔު ތަފާތެވެ.

ފަނޑިޔާރު އައިޝާ ސުޖޫން: މާއްދާ އުވާލުމާ ދެކޮޅަށް ރައުޔު ނެރުއްވި ހަމައެކަނި ފަނޑިޔާރު

ފަނޑިޔާރު އައިޝާ ސުޖޫން: މާއްދާ އުވާލުމާ ދެކޮޅަށް ރައުޔު ނެރުއްވި ހަމައެކަނި ފަނޑިޔާރު

ފަނޑިޔާރު ޝުޖޫން ވިދާޅުވީ މިހާރު އަމަލު ކުރާ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އޮތް ގޮތުން އެއްވެސް ހެއްކެއްގައި ފުށުއަރާ ނަމަ، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

އެ މާއްދާއަކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އިތުރު ރައްކާތެރިކަމެއް ކަމަށް ދެކޭ ކަމަށާއި އެއީ މަރުގެ އަދަބަކީ ގާނޫނުއަސާސީން ލިބިދޭ ދިރިއުޅުމުގެ ހައްގާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ދިރިހުރުމުގެ ހައްގު ނިގުޅައިގަނެވޭނީ ގާނޫނު މަޖިލީހުން ހަދާ ގާނޫނެއްގައި ބަޔާން ކުރާ ގޮތެއްގެ މަތިން ކަމަށާއި އެ ނޫން ގޮތަކަށް އެކަން މާނަ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމީ ޝަރީއާގައި މަރުގެ އަދަބު ކަނޑައަޅަން މީހަކު ކުށްވެރިވާ މިންވަރަށް ބެލެވުނު ނަމަވެސް، ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބުނާ މިންވަރަށް ހެކީގެ މިންވަރު ނެތް ނަމަ، މަރުގެ އަދަބު ކަނޑައަޅަން ގާނޫނީ ހުރަހެއް އުފެދޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. މަރުގެ އަދަބު ދޭން ގާނޫނުގައި ބުނާ އޮޅިގަނޑު ގިރާ ކުރެވުނު ކަމަށް ނުބެލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ކަމަށާއި އިސްލާމީ ޝަރީއަތަށް ރިއާޔަތް ކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހާލަތުގައި ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ގާނޫނުގެ ހެދުމުގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެ ތަނުން ކޮންމެ ގާނޫނަކީ ވެސް ސައްހަ ގާނޫނެއް ކަމަށް ބަލަންޖެހޭނެ އެވެ.