Roadha Mihaaru
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް

ކެންޑިޑެސީ ބާތިލްކުރުމުން ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް

28 މާޗް 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ހުށަހެޅުއްވި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލް) އަށް ތާއީދުކުރައްވަން އޭނާ ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ހުށަހެޅުއްވި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލް) އަށް ތާއީދުކުރައްވަން އޭނާ ނިންމަވައިފި އެވެ.

އިބޫ ޖަލީލަށް ތާއީދުކުރައްވަން ނިންމެވިކަން ހަސަން އިއުލާންކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު އެ ސަރަހައްދުގައި ތިއްބެވި އެ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވަ އެވެ.

ހަސަން ވަނީ އިބޫ ޖަލީލު އަދި ފައްޔާޒާ އެކު ފޮޓޯ ނަންގަވާ އޭނާ ތާއީދު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ހަސަންގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރެއްވި އިރު، އަންނަ މަހު 21 ގައި ބާއްވާ އިންތިހާބަށް އޭނާ ގެންދެވީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވަމުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން އެންމެ ފުރަތަމަ ފެއްޓެވި އެއް ކެންޑިޑޭޓަކީ ވެސް ހަސަން އެވެ. އޭނާ އެންމެ ފުރަތަމަ ވާދަކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގަ އެވެ. އެކަމަކު، އޭނާގެ ކެންޑިޑެސީ އެ ޕާޓީން ބާތިލްކުރުމުން ފަހުން ނިންމެވީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށެވެ.

ހަސަންގެ ކެންޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ދާއިރާގެ މިހާރުގެ މެންބަރު އަލީ އާޒިމްގެ ކޮއްކޮ ހ. ކްއީން، އިލްޔާސް އަހުމަދެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށާއި އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއް ކަމަށް ވާތީ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ މަޖިލީހަށް ވާދާނުކުރެވޭނެ އެވެ.