Roadha Mihaaru
މަންޑޭގެ އެޕާޓްމެންޓްގައި 200 އަށް ވުރެ ގިނަ ސެންޓު

މަންޑޭގެ އެޕާޓްމެންޓްގައި އަގުބޮޑު 200 އަށް ވުރެ ގިނަ ސެންޓުފުޅި!

30 ނޮވެމްބަރ 2023

އެޕާޓްމެންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ ކަމުގެ ތުހުމަތު އޮތް، ހަސަން މަމްދޫހު (މަންޑޭ) އާއި އޭނާގެ އަންހެނުން ފާތިމަތު ޝަހުދާގެ އަގުބޮޑު ޕެންޓްހައުސް ފުލުހުން ފާސްކުރި އިރު، އެ ތަނުގައި އަގުބޮޑު 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕީޖީ އޮފީހުން މިއަދު ވަނީ މީޑިއާ އަށް ތިލަކޮށްދީފަ އެވެ. އަދި ހިފެހެއްޓި އަގުބޮޑު މުދާތަކުގެ ފޮޓޯތައް ވެސް ވަނީ ދައްކައިފަ އެވެ.

ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މުދާތަކުގެ ތެރޭގައި، ކަނޑާފައި ހުރި، 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި، އެންމެ އަގުބޮޑެތި ސެންޓު ވެސް ހިމެނެ އެވެ.

ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސް ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަަހައްޓައިފަ އެވެ.