Roadha Mihaaru
"އަޅުގަނޑަށް ވުރެ ޔާމީނަށް ހެޔޮއެދޭމީހަކު ނުހުންނާނެ"

ކުޅުނީ ޑްރާމާއެއް، އަޅުގަނޑަށް ވުރެ ޔާމީނަށް ހެޔޮ އެދޭ މީހަކު ނުހުންނާނެ: ޣައްސާން

01 ޑިސެމްބަރ 2023

ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިސްވެ ހުންނަވައިގެން އެ ޕާޓީގެ އިސް ޓީމެއް ކ. ހުރައަށް މިއަދު ވަޑައިގަތުމުން، ހުސްގޮނޑިއެއް ހިފައިގެން ބަޔަކު އެ ބޭފުޅުންގެ ފަހަތުން ހިނގީ "ބައެއްގެ އިޝާރާތަށް" ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިސްވެ ހުންނަވައިގެން އެ ޕާޓީގެ އިސް ޓީމެއް ކ. ހުރައަށް މިއަދު ވަޑައިގަތުމުން، ހުސްގޮނޑިއެއް ހިފައިގެން ބަޔަކު އެ ބޭފުޅުންގެ ފަހަތުން ހިނގީ "ބައެއްގެ އިޝާރާތަށް" ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

"ޝައްކެއް ވެސް އެއީ ބައެއްގެ އިޝާރާތަށް ހިންގި ކަމެއް. ހަމަ ބަޔަކު އަޑީގައި ތިބެގެން ކުޅުނު ޑްރާމާއެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން "މިހާރު" އަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓީމު ހުރައަށް ފޭބި ވަގުތު ޕީޕީއެމް ކުލައިގެ ހުސްގޮނޑިއެއް ހިފައިގެން ތިބި ބަޔަކު "ގޮނޑި އަށް ބައްލަވާ" ކިޔަމުން ފަހަތުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ މީހުން އެގޮތަށް ކަންތައް ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ގޮނޑިއެއް ހުސްކޮށް ބަހައްޓާފައިވާތީ އެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު، އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާފައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ޕީޕީއެމްގައި ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ޣައްސާން ވިދާޅުވީ، ހުރާގައި މިއަދު އެ ބޭފުޅުންނާ ދެކޮޅަށް އަޑުއުފުލި ޓީމުގެ ބައެއް މީހުންނާ ވާހަކަ ދައްކަވައި ހަގީގަތް ސާފުކޮށްދެއްވި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިއަދު ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

އަނެއްކާ ރައީސް ޔާމީން ޖަލަށް ލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،"--- ޣައްސާން

"އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން އަޅުގަނޑަށް ވުރެ ބޮޑަށް ރައީސް ޔާމީނަށް ހެޔޮއެދޭ މީހަކު ނުހުންނާނެއޭ. އެ މަނިކުފާނު ޕާޓީ ދޫކުރެއްވި ކަމަށް ވިދާޅުވިއިރު އަޅުގަނޑަކަށް ނޭނގެއޭ. މައްސަލައެއް އުޅޭ ކަމެއް ވެސް ވިދާޅެއް ނުވެއޭ. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް އަންގާނުލައްވައޭ،" ޣައްސާން ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް [ޕީޕީއެމްގެ ޓީމާ ދެކޮޅަށް ހުރައިން ނުކުތް މީހުން] ކަންކަން ރަނގަޅަށް އެނގިވަޑައިނުގަންނަވާތީ އެ ނުކުތީ. ފަހުން ހުރިހާ ކަމެއް ސާފުކޮށްދިނިން އަޅުގަނޑުމެން."

ޣައްސާން ވިދާޅުވި ގޮތުގައި، ޕީޕީއެމް ވެރިކަން ކުރި ޒަމާނުގައި ވެސް ޕީއެންސީ އޮތީ ޕީޕީއެމަށް އެހީތެރިވާ ޕާޓީއެއްގެ ގޮތުގަ އެވެ. އެހެންވެ، މިހާރުގެ ރައީސް ޑރ. މުއިއްޒު ނިސްބަތްވާ ޕީއެންސީ މިއަދު ވެރިކަން ކުރާއިރު ޕީޕީއެމް ވާން ޖެހޭނީ ޕީއެންސީ އަށް އެހީތެރިވާ ޕާޓީއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގޮތަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އަޅުގަނޑުމެން މި ހިންގަނީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ މެމްބަޝިޕް ޑްރައިވެއް. ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ވެސް ވަކިވަރަކަށް މެމްބަރުން ތިބީމާ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މި އުޅެނީ،" ޣައްސާން ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކުގައި، ޔާމީނާ އެކު މިހާރު އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ވެސް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އަދި ޔާމީނަށް އެ ބޭފުޅުން ހެޔޮ އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަނެއްކާ ރައީސް ޔާމީން ޖަލަށްލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،" ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ "ރައީސް ޑރ. މުއިއްޒާ އެކު ގަދަކޮށް" ކަމަށެވެ. އަދި ވިދާޅުވީ ރައީސްކަން ޑރ. މުއިއްޒަށް ލިބިވަޑައިގަތީ ޔާމީނަށް ފުރުސަތު ގެއްލި، ޔާމީން ވެސް ކަން ގަބޫލު ކުރެއްވުމުން ކަމަށެވެ.