Roadha Mihaaru
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ

ސިޓީތަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

03 ޑިސެމްބަރ 2023

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ އިން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ އިން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

އެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހަތަރު އަތޮޅަކުން މިއަދުން ފެށިގެން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން އާ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ނިންމަވާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމެވީ އިމިގްރޭޝަނުން ބުނިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހިދުމަތްތައް ފަސޭހައިން އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ކުޅުދުއްފުއްޓާއި ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން އައްޑު އަށް ހަފުތާއަކު ހަތަރު ދުވަހު ޕާސްޕޯޓް ފޮނުވާނެ އެވެ. މީގެ ކުރިން އައްޑު އަށް ޕާސްޕޯޓް ފޮނުވަމުން އައީ ހަފުތާއަކު ދެ ދުވަހު އެވެ. އަދި ކުޅުދުއްފުއްޓާއި ތިނަދޫ އަދި ފުވައްމުލަކަށް ދެން ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓް ފޮނުވާނެ އެވެ. ކުރިން އެ ރަށްރަށަށް ޕާސްޕޯޓް ފޮނުވަމުން އައީ ހަފުތާއަކު އެއް ދުވަހު އެވެ.

މިދިޔަ މަހު 20 ގައި އިމިގްރޭޝަނުން ވަނީ ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އީ-ގޭޓްގެ ހިދުމަތް ވެސް އަލުން ވަނީ ފަށައިފަ އެވެ.