Roadha Mihaaru
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދަށް

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

04 ޑިސެމްބަރ 2023

އައްޑޫ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އައްޑޫ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާރާމާރީއާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެ އެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ.

މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާއިރު އިއްޔެ ވެސް އައްޑޫގައި އިތުރު މާރާމާރީއެއް ހިނގި އެވެ. އެ މާރާމާރީ ހިނގާފައިވަނީ ގެޔަކަށް ވަދެ ވަޅި ހަރައިގެންނެވެ. އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކަށެވެ.

މާލޭގައި ވެސް މި ދުވަސްކޮޅު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.