Roadha Mihaaru
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި

ގަލޮޅު ދަނޑުގެ ލައިޓްތައް މައްސަލަ ޖެހި މާޒިޔާގެ މެޗަށް ހިޔަނި

06 ޑިސެމްބަރ 2023

ގައުމީ ފުޓްބޯޅަ ދަނޑުގެ ލައިޓްތައް މައްސަލަ ޖެހި، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބުރު ސްޕޯޓްސްގެ މިރޭ ކުޅުނު މެޗަށް ހިޔަނި އެޅިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ލައިޓްތައް މައްސަލަ ޖެހި، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބުރު ސްޕޯޓްސްގެ މިރޭ ކުޅުނު މެޗަށް ހިޔަނި އެޅިއްޖެ އެވެ.

މާޒިޔާއިން 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވިޔަސް، އެ ކާމިޔާބުގެ ވާހަކަތައް ފަނޑުވީ ވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ލައިޓްތަކަށް މައްސަލަ ދިމާވެ ބައިގަޑިއިރަށް ވުރެ ގިނަ ވަގުތަށް މެޗު މެދުކަނޑާލަން ޖެހުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ގާތްގަނޑަކަށް ފަސް މިނެޓް ކުޅެވުނުތަނުން ލައިޓްތަކުން ކަރަންޓް ކެނޑި ބޮކީގެ އަލިކަން މުޅިން ކަނިވި އެވެ.

މިރޭގެ މެޗުގައި ގަލޮޅުދަނޑުގެ ލައިޓްތައް މައްސަލަ ޖެހިފައި: އެކަމާ ހެދި ބައިގަޑިއިރަށް މެޗު މެދުކެނޑު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިރޭގެ މެޗުގައި ގަލޮޅުދަނޑުގެ ލައިޓްތައް މައްސަލަ ޖެހިފައި: އެކަމާ ހެދި ބައިގަޑިއިރަށް މެޗު މެދުކެނޑު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މައްސަލަ ދިމާވީ ދެވަނަ ހާފުން ހަތަރު މިނެޓާއި 40 ސިކުންތު ކުޅެވުނު ފަހުންނެވެ. އޭރު ގަޑިން 10:06 އެވެ. ކަރަންޓް މައްސަލަ ހައްލުވެ އަލުން ލައިޓްތައް ދިއްލި މެޗު ފެށީ އޭގެ 32 މިނެޓް ފަހުންނެވެ. އޭރު ގަޑިން 10:38 އެވެ.

މެޗުން މޮޅުވެ، މާޒިޔާ އިން ވަނީ އެއްވަނައިގައި އޮތް އީގަލްސްއާ އެއް ޕޮއިންޓް ފަރަގު ކުޑަކޮށްފަ އެވެ. މާޒިޔާ އަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. އީގަލްސް އަށް އޮތީ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އީގަލްސް އަށް 35 ޕޮއިންޓެވެ. މާޒިޔާ އަށް 34 އެވެ.

މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި، ބުރުގެ ސޮލާހު އަލީ އަށް ރަތްކާޑު ދެއްކުމުން، ބާކީބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މާޒިޔާގެ ޑިފެންޑަރު ބްރަނިމިއޭ ޖޮސިޗް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް ވަންނަން ދަނިކޮށް ގޯލް ލައިން މަތިން އަތުން މަތަކުރުމުން ރަތް ކާޑު ދައްކައި، މާޒިޔާ އަށް ޕެނަލްޓީއެއް ދިނެވެ.

އެ ޕެނަލްޓީގައި ހަމްޒާ މުހައްމަދު ވަނީ މާޒިޔާ އަށް ފުރަތަމަ ލީޑް ނަގައިދީފަ އެވެ.

އެ ޓީމުގެ ސާބިއާގެ ފޯވާޑް ވޮއިސްލާވް ބަލޮބޮނިވިޗް ހެޓްރިކް ހެދި އެވެ. މާޒިޔާގެ ދެވަނަ ލަނޑު ރީބައުންސް ބޯޅައެއްގައި އޭނާ ޖެހީ 25 ވަނަ މިނެޓްގަ އެވެ. ކޮންމެ ހާފެއްގައި ތިން ލަނޑު ޖެހި އެވެ. ފުރަތަމަ ހާފުގައި ޖެހި އަނެއް ލަނޑު ޖެހީ ޖަޕާނުގެ މިޑްފީލްޑަރު ޓޮމަކީ ވަޑާ އެވެ.

މެޗުގައި ހެޓްރިހް ކެދި މާޒިޔާގެ ބަލަބަނޮވިޗް، ބުރު ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މެޗުގައި ހެޓްރިހް ކެދި މާޒިޔާގެ ބަލަބަނޮވިޗް، ބުރު ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަނެއް ތިން ލަނޑު ޖެހީ، ލައިޓިން ސިސްޓަމްގެ މައްސަލަ ހައްލުކޮށް އަލުން ކުޅެން ފެށި ފަހުންނެވެ. ކުޅެން ފެށިތާ މިނިޓެއް ތެރޭ ބަލަބަނޮވިޗް އޭނާގެ ދެވަނަ ލަނޑު ޖެހައި މެޗުގެ ނަތީޖާ ހަތަރު ލަނޑަށް ފުޅާ ކުރި އެވެ.

އޭނާގެ ލަނޑަށް މިނެޓެއް ނުވަނީސް ނާއިޒު ހަސަން މާޒިޔާގެ ފަސްވަނަ ލަނޑު ޖެހި އެވެ. ބަލަބަނޮވިޗް ހެޓްރިކް ހެދީ އޭގެ ދެ މިނެޓް ފަހުންނެވެ.

ލީގުގައި ދެން އޮތް ދެ މެޗު އޮތީ ވެސް މާޒިޔާ އަށެވެ. ލީގުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 15 ގަ އެވެ. އޭގެ ކުރިން އިންޑިއާގެ މޯހަންބަގާން އާ ދެކޮޅަށް މާޒިޔާ މާލޭގައި ކުޅޭ މެޗު އަންނަ ހަފުތާގައި އޮންނާނެ އެވެ.

މި މެޗަކީ އަލަށް ޕްރިމިއާ ލީގުގައި ވާދަކުރަން ފެށި ބުރު ސްޕޯޓްސްގެ ފަހު މެޗެވެ. އެޓީމު ނިންމާލީ 14 މެޗުން 18 ޕޮއިންޓް ހޯދައިގެން ލީގު ތާވަލްގެ ފަސްވަނައިގަ އެވެ.