Roadha Mihaaru
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

06 ޑިސެމްބަރ 2023

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުނަސް، ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖްރައާތެއް ގާނޫނެއްގައި ބަޔާންވެފައި ނެތް ކަމަށް ހައި ކޯޓުން މި މައްސަލާގައި ނިންމިޔަސް، މީގެކުރިން މިފަދަ މައްސަލަތަކުގައި އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކޮށްފައިވާ ކަމަށެވެ. އެހެންވެ، މި މައްސަލާގައި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރެވެން ނެތް ކަމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ބުންޏެވެ.

ޝާމިނާއި ކަރަމްގެ ވަކީލް ވިދާޅުވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ނިންމީ އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އަމުރު ކުރިޔަސް، އެފަދަ އަމުރުތައް ތަންފީޒު ކުރެވޭނެ އުސޫލެއް ނެތުމުން ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވެސް އިސްތިއުނާފް މަރުހަލާގައި ބަންދުކުރާ މީހުން ބަންދުގައި ބައިތިއްބަންޖެހޭ އުސޫލުތަކެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ފަސް އަހަރު ވަންދެން އެ މީހުން ބަންދުގައި ތިބެން ޖެހުނު ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގިއިރު، ދައުވާލިބޭ މީހުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހޭދަކޮށްފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނިގޮތުގައި އިސްތިއުނާފް މައްސަލަ ލަސްވުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ ބަންދުން ދޫކޮށްލުމަކީ ހައްލެއް ނޫނެވެ. އަދި ގާނޫނު އަސާސީ އޮންނަ ގޮތުން، ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކުގެ އިތުރުން މުޖްތަމައުގެ ހައްގު ވެސް ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އެދޭނީ އިސްތިއުނާފް މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި ކަމަށާއި އިސްތިއުނާފް މައްސަލަ އަވަސް ކުރުމަށް ދައުލަތުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އިސްތިއުނާފް މައްސަލަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ހައި ކޯޓުގެ މައްޗަށް އަމުރު ކުރެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ސުޕްރީމް ކޯޓަށް އޮންނަ ބާރުގެ ދަށުން އެފަދަ އަމުރެއް ނެރެވިދާނެ ކަމަށް ދެކޭ ކަމަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.