Roadha Mihaaru
ކޮރަޕްޝަން ގިނައީ މަޖިލީހާއި ކުންފުނިތަކުގައި

ކޮރަޕްޝަން ގިނަ ކަމަށް އާއްމުން ގަބޫލުކުރަނީ މަޖިލީހާއި ކުންފުނިތަކުގައި

07 ޑިސެމްބަރ 2023

ކޮރަޕްޝަން އެންމެ ގިނައިން އަށަގަނެފައިވާ ކަމަށް އާއްމުން ދެކެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ކަމަށް، އޭސީސީން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަން އެންމެ ގިނައިން އަށަގަނެފައިވާ ކަމަށް އާއްމުން ދެކެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ކަމަށް، އޭސީސީން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެ ކޮމިޝަނުން ހެދި ދިރާސާގައި ވަނީ، ކޮރަޕްޝަނާ މެދު އާއްމުން ދެކޭގޮތާއި އެ މީހުންގެ ވިސްނުމުގައި ކޮރަޕްޝަން އެންމެ ގިނަ އިދާރާތައް ބަލައިފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން، ކޮމްޕިއުޓާ އެސިސްޓެޑް ޓެލެފޯން އިންޓަވިއުން ގެންދިޔަ ދިރާސާގެ 56 ޕަސެންޓް މީހުން ވަނީ ކޮރަޕްޝަނަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނެފަ އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވިކަމަށް 64 ޕަސެންޓް މީހުން ބުނާއިރު، 28 ޕަސެންޓް މީހުން ވަނީ ކޮރަޕްޝަންގެ ހާލަތަށް ބަދަލެއް ނާންނަކަން ފާހަގަކޮށްފަ އެވެ.

އާއްމު ގޮތެއްގައި ހިންގާ ކޮރަޕްޝަނަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިހާބުކުރާ ބޭފުޅުން އަދި ސިޔާސީ މީހުން، ގާބިލިއްޔަތުކަމަށް ބެލުމެއް ނެތި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދޭކަމަށް 92 ޕަސެންޓު މީހުން ބުނެ އެވެ. ދެ ވަނަ ކަމަކީ، ކޮންޓްރެކްޓް އެވޯޑު ކުރުމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ގާތް ފަރާތްތަކަށް ޕްރޮޖެކްޓު ހޯދައިދިނުން ކަމަށް 86 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. އެ މީހުންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ހަދިޔާ އާއި ރިޝްވަތު ބަލައިގަަންން ކަމަށް 44 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

ދައުލަތް އަދި ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި އެންމެ އާއްމު ކޮރަޕްޝަނަކީ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ހިދުމަތް ދިނުން އަވަސްކުރުން ކަމަށް 87 ޕަސެންޓް މީހުން އަދި ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުން ކަމަށް 79 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. ކޮންޓްރެކްޓް އެވޯޑު ކުރުމުގައި ވަކި ފަރާތަކަށް ހޯދައިދިނުމަށް ނުފޫޒު ފޯރުވުން ކަމަށް 78 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި، ކޮރަޕްޝަނާމެދު ދެކޭގޮތުގެ ގައުމީ ދިރާސާއާ ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި، ކޮރަޕްޝަނާމެދު ދެކޭގޮތުގެ ގައުމީ ދިރާސާއާ ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އަދި ޖުޑީޝަރީއަށް ބަލާއިރު، ޖިނާއީ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހުން އަދި ނިކަމެތިންގެ މައްސަލަ ނިންމުމުގައި ތަފާތު ގެންގުޅޭކަން 83 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. އެ ފަރާތްތަކަށް ދީފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން މުއްތަހަމުން ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރާކަމަށް 79 ޕަސެންޓް މީހުން ބުނާއިރު ޕްރޮސެކިއުޝަން މަރުހަލާ ނިންމިދިޔަ ނުދިނުމަށް ނުފޫޒު ފޯރުވާކަމަށް 75 ޕަސެންޓް މީހުން ބުނެ އެވެ.

މިނިވަން މުއައްސަސާތަކުން، ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުން އަދި ޕްރޮމޯޝަން ދޭކަމަށް 81 ޕަސެންޓް މީހުން އަދި ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކަމަށް 75 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

ދައުލަތް އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަންގެ ގޮތުގައި އާއްމުން ފާހަގަކުރަނީ މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކިކުރުމާއި ޕްރޮމޯޝަން ދިނުން ކަމަށް 86 ޕަސެންޓް މީހުން އެއްބަސްވެ އެވެ. ރިޝްވަތާއި ހަދިޔާ ބަލައިގަނެ، ކޮންޓްރެކްޓުތައް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަވާލުކުރާކަމަށް 78 ޕަސެންޓް މީހުން އަދި ދައުލަތުގެ މުދާ އަމިއްލަ މަންފާއަށް ބޭނުންކުރާކަމަށް 76 ޕަސެންޓް މީހުން އިއްތިފާގުވެފައިވެ އެވެ.

އިދާރާތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް އަށަގަނެފައިވާ ކަމަށް އާއްމުން ދެކެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތް އަދި ދައުލަތް ހިއްސާވާ ކުންފުނިތަކެވެ. އެއީ 75 ޕަސެންޓު މީހުންނެވެ. އެ ލިސްޓުގެ ދެވަނައިގައި ހިމެނެނީ މިނިސްޓްރީތަކެވެ. ތިން ވަނައަށް އެރީ ލޯކަލް ކައުންސިލްތަކެވެ.

ފާއިތުވި ތިން އަހަރު ކޮރަޕްޝަންގެ އަމަލު މަދުވެފައިވާ ކަމަށް އާއްމުން ނުދެކޭ ކަމަށް، ދިރާސާގައި ބައިވެރިވި މީހުން ގަބޫލުކުރެ އެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާއްމުންނަށް ކޮރަޕްޝަންގެ ކުށެއް ކުރާތަން ފެނިފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެގޮތުން ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުލުމަށް އެދި ފައިސާއާ ހަދިޔާ ބަލައިގަނެފައިވާކަން 65 ޕަސެންޓް މީހުން ބުނެފައިވެ އެވެ. ރައްޓެހިންނާއި ގާތް މީހުން މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުން ހިދުމަތް އަވަސްކުރާކަމަށް 58 ޕަސެންޓް މީހުން ބުނާއިރު ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރައްޓެހި އަދި ތިމާގެކަމުން ގުޅިފައި ތިބި މީހުން މެދުވެރިކޮށް އަދި ރިޝްވަތު ދޭކަން 40 ޕަސެންޓް މީހުން ބުނެފައިވެ އެވެ. ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބު ކޮށްފައިވާކަން 40 ޕަަސެންޓް މީހުން ބުނެފައިވެ އެވެ.

ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ރިޝްވަތާއި ހަދިޔާ ބަލައިގަންނަ ކަމަށް 76 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

ކޮރަޕްޝަން އާއްމުވާން މެދުވެރިވާ ސަބަބަކީ މީހުންގެ ކިބައިގައި ނަޒާހަތްތެރިކަމާއި އަހުލާގީ ސުލޫކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށް 78 ޕަސެންޓް މީހުން ބުންޏެވެ. ކޮރަޕްޝަން ހިންގަނީ އިދާރާތަކުގެ ހަރުދަނާކަން ކުޑަވުމުން ކަމަށް އެއްބަސްވަނީ 71 ޕަސެންޓް މީހުންނެވެ.

ކޮރަޕްޝަން ނައްތާލުމަށް ކޮމިޝަންގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްކަމަށް 53 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ބައިވެރިވި 51 ޕަސެންޓަކީ ފިރިހެނުންނެވެ. އެއީ ރާއްޖޭގެ އުތުރުން 18 ޕަސެންޓް، މެދުރާއްޖެ ތެރެއިން 17 ޕަސެންޓް އަދި ދެކުނުގެ ރަށްތަކުން 22 ޕަސެންޓާއި މާލެ ސަރަހައްދުން 43 ޕަސެންޓެވެ.