Roadha Mihaaru
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް

ހަފުތާއެއްގެ ތެރޭގައި ތުރިޕްތީގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް

08 ޑިސެމްބަރ 2023

ބޮލީވުޑްގެ އެކްޓްރެސް، ތުރިޕްތީ ދިމްރީގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު ހަފުތާއެއްގެ ދެ މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ބޮލީވުޑްގެ އެކްޓްރެސް، ތުރިޕްތީ ދިމްރީގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު ހަފުތާއެއްގެ ދެ މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ތުރިޕްތީ އަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންބީރް ކަޕޫރުގެ އާ ފިލްމު "އެނިމަލް"ގައި ސަޕޯޓިން ރޯލެއް ކުޅޭ އެކްޓްރެސްއެކެވެ. އޭނާގެ ފޮލޮވާސްގެ އަދަދު ކުއްލިއަކަށް މައްޗަށް ދިޔައީ ވެސް އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ލިބުނު ހާއްސަ ސަމާލުކަމާ ގުޅިގެންނެވެ.

އެ ފިލްމު ސިނަމާތަކުގައި ދައްކަން ފެށި އިރު އޭނާގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު ހުރީ 666،000 ގަ އެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް އެ އަދަދު ވަނީ 2.6 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.

ތުރިޕްތީ ބޮލީވުޑަށް ތައާރަފުވީ 2017 ވަނަ އަހަރު ނުކުތް ސްރީދޭވީގެ ފިލްމު "މޯމް"ގައި ކުޅުނު ކުޑަކުޑަ ރޯލަކުންނެވެ. އޭނާ ލީޑު ރޯލެއް ކުޅުނު ފިލްމެއް އެންމެ ފުރަތަމަ ނުކުތީ 2018 ވަނަ އަހަރުގަ އެވެ. "ލައިލާ މަޖްނޫ" ކިޔާ އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބި، ފްލޮޕްވީ އެވެ.

އޭގެ ފަހުން ނުކުތް އޭނާ ލީޑު ރޯލު ކުޅުނު ދެ ފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ބުލްބުލް" އާއި މިދިޔަ އަހަރު ގެނެސްދިން "ގަލާ" އެވެ. "ބުލްބުލް"ގައި އޭނާ ކުޅުނު ރޯލަށް ވަނީ އޯޓީީޓީ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ވެސް ލިބިފަ އެވެ.

އޭނާ މުހިންމު ރޯލުތައް ކުޅޭ އެހެން ދެ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "އެނިމަލް" އަށް އެންމެ ހަ ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު، ރިކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.