Roadha Mihaaru
ޝްރަދާގެ އިންސްޓަގެ 60 މިލިއަން ރާއްޖޭގެ ފޮޓޯއަކުން

ޝްރަދާ ކަޕޫރްގެ އިންސްޓަގްރާމްގެ 60 މިލިއަން ފޮލޯވަރުން ފާހަގަކުރީ ރާއްޖޭގެ ފޮޓޯއަކުން

13 އެޕްރީލް 2021

ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް އިންސްޓަގްރާމުން ފޮލޯކުރާ މީހުން 60 މިލިއަނަށް އެރުމާ ގުޅިގެން އެކަން ދިވެހިރާއްޖޭގައި ނަގާފައި ފޮޓޯއަކާ އެކު ހިއްސާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް އިންސްޓަގްރާމުން ފޮލޯކުރާ މީހުން 60 މިލިއަނަށް އެރުމާ ގުޅިގެން އެކަން ދިވެހިރާއްޖޭގައި ނަގާފައި ފޮޓޯއަކާ އެކު ހިއްސާކޮށްފި އެވެ.

އޭނާ އެންމެ ފަހުން ޗުއްޓީ ހޭދަކުރި ބަރޮސް މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއަކާ އެކު ބުނީ ފޭނުންދޭ ހިފަހެއްޓުމެއް ނެތް ލޯތްބަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި ފޭނުންނަކީ އެންމެ ރަނގަޅު ބައިވެރިން ކަމަށެވެ. އިންސްޓަގްރާމްގައި ޝްރަދާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 60.4 މިލިއަނަށް އަރަ އެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި ހުނަރުވެރި ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާ، 34، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަށް ތިން ފަހަރަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އޭނާގެ ރާއްޖޭގެ ފޮޓޯތަކަކާ އެކު ފޮލޯވަރުންގެ އަދަދު އިތުރުވާން ފެށި އެވެ.

އެންމެ ފުރަތަމަ ޝްރަދާ ރާއްޖެ އައީ މިދިޔަ މަހުގެ ކުރީކޮޅު ކަޒިން އަދި އެކްޓަރު ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ޕާޓީ އަށް އާއިލާގެ ގިނަ އަދަދެއްގެ ބަޔަކާ އެކީގަ އެވެ. އެ ޕާޓީ ބޭއްވީ އޯޒެން ލައިފްގަ އެވެ. އޭގެ ދެ ހަފުތާއެއްހާ ފަހުން ބައްޕަ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީ ކަޕޫރާ އެކު ސީދާ ޗުއްޓީ ދަތުރަކަށް އައިސް ތިބީ ވޮއްމުލި ރިސޯޓްގަ އެވެ. ބަރޮސް ދަތުރުގައި ޝްރަދާއާ އެކު ބައިވެރިވީ ލޯބިވެރިޔާ ރޯހަން ޝްރެސްތާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" އާއި "ބާގީ" ފަދަ ފިލްމުތައް ކުޅެފައިވާ ޝްރަދާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ސްޓްރީޓް ޑާންސާ" އާއި "ބާގީ 3" އެވެ. އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމަކާއި "ނާގިން" ޓްރިލޮޖީ އާއި "ޗަލްބާޒް އިން ލަންޑަން" ހިމެނެ އެވެ.

އިންސްޓަގްރާމްގައި ޝްރަދާ ފޮލޯވަރުންގެ އަދަދު 60 މިލިއަނަށް އެރި އިރު، ޓްވިޓާގެ ފޮލޯވަރުންގެ އަދަދު 13.8 މިލިއަނަށް އަރަ އެވެ. އަދި ފޭސްބުކް ފޮލޯވަރުންގެ އަދަދަކީ 37 މިލިއަނެވެ.