Roadha Mihaaru
ކަނޑު ހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެެދާނެ!

"ވިއްކާލި ކަނޑު" ހޯދުމުގެ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެދާނެ!

10 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ލިސްޓުގެ ތިން ވަނަ އަށް އޮތީ ރާއްޖޭގެ ދެކުނުން އިގްތިސާދީ ހާއްސަ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ސީސް (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފް ކުރެއްވުމެވެ. މިކަން ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅުން އެންމެ ބާރަށް ދެއްކި އެއް ވާހަކަޔަށް ވިޔަސް އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އިޓްލޮސްގެ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ލިސްޓުގެ ތިން ވަނަ އަށް އޮތީ ރާއްޖޭގެ ދެކުނުން އިގްތިސާދީ ހާއްސަ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ސީސް (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފް ކުރެއްވުމެވެ. މިކަން ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅުން އެންމެ ބާރަށް ދެއްކި އެއް ވާހަކަޔަށް ވިޔަސް އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އިޓްލޮސްގެ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

"ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" އިން ބުނަމުން ދިޔައީ އެކަން ކުރެވޭނެ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ފެބްރުއަރީ 24 އަށް މި ސަރުކާރަށް 100 ދުވަސް ހަމަވުމުގެ ކުރިން އިޓްލޮސްގެ ނިންމުން "އިސްތިއުނާފް" ކުރުން އެއީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާއަށް ވެސް ހެދީ އެވެ.

އެކަމަކު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީސް (އަންކްލޮސް) ގެ ދަށުން އުފައްދާފައި އޮންނަ މިނިވަން ޖުޑީޝަލް ބޮޑީއެއް ކަމަށްވާ އިޓްލޮސްގެ ނިންމުންތަކަކީ އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އެއަށް އަމަލުކުރުން ލާޒިމް އަދި އިސްތިއުނާފް ނުކުރެވޭނެ ނިހާއީ [ދާއިމީ] ނިންމުންތަކެވެ.

އެހެންވެ އިޓްލޮސްގައި މައްސަލައެއް އިސްތިއުނާފްކުރުމަށް އަމަލުކުރާނެ އިޖުރާއަތެއް ވެސް ކަނޑައަޅައިފައެއް ނޯވެ އެވެ.

ދެން ކުރެވޭނީ ކީއް؟

މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ 92،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދުން ރާއްޖެއަށް ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބުނެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ. މި ފުށުއަރާ ސަރަހައްދުގެ އެއް ބަޔަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސްގެ ސަރަހައްދަކަށް ވިޔަސް އިނގިރޭސި ވިލާތުން އިމުގެ މައްސަލައިގައި ރާއްޖެއާ ދެބަސްވުމެއް ނެތެވެ. އެކަމަކު އެ ސަަރަހައްދަށް އޮންނާނީ މޮރިޝަސްގެ ބާރު ކަމަށް އައިސީޖޭ އިން ނިންމުމާ އެކު މޮރިޝަސް އިން އެބައި ރަސްމީކޮން ހޯދަން މައްސަލަ ހުށަހެޅުމުން މި ބުނި ގޮތަށް އިން ވަކިކޮށް ނިންމީ އެވެ.

މި ނިންމުމުން ރާއްޖެއަށް ބޮޑު ގެއްލުމެއްވާ ކަމަށާއި އެއީ ކުރީ ސަރުކާރުގެ އިހުމާލެއް އަދި ޚިޔާނާތެއް ކަމަށް ބުނެ އެ ނިންމުން ބަދަލުކުރަން ބަލާއިރު އިޓްލޮސްގެ އާންމު އިޖުރާއާތުގެ ތެރޭގައި، ނިންމުންތައް އިސްތިއުނާފްކުރާނެ ގޮތެއް ނެތެވެ. ނަމަވެސް ނިންމުމެއް ތަންފީޒުކުރުމުގައި މައްސަލައެއް ދިމާވާ ނަމަ ނުވަތަ ނިންމުން މާނަކުރުމުގައި ސުވާލެއް އުފެދޭ ނަމަ އެކަމުގައި އިތުރު ގާނޫނީ ލަފާ އިޓްލޮސް މެދުވެރިކޮށް ހޯދޭނެ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" ގެ ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ލިޔުމެއް ވިދާޅުވާއިރު މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ކ) އެ ލިޔުން ބައްލަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ރިޔާސީ އިންތިހާބުގެ ދުވަސްވަރު "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" ގެ ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ލިޔުމެއް ވިދާޅުވާއިރު މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ކ) އެ ލިޔުން ބައްލަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ދެން އޮތީ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމަށް އޮތް ވަރަށް ހަނި ފުރުސަތެކެވެ.

އިޓްލޮސްގެ ސްޓެޓިއުޓް އަދި ރޫލްސްގައި ބުނާ ގޮތުން ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅޭނީ މައްސަލަ ނިންމިއިރު ލިބިފައިނުވާ ހެއްކެއް ނުވަތަ އެނގިފައިނުވާ ކަމެއް ހާމަވާ ހާލަތުގައި އަދި އެ ހެއްކަކީ ނުވަތަ ކަމަކީ އޭގެ ސަބަބުން ނިންމުމަށް އަސަރެއްކޮށްފާނެ ކަަމެއްގެ ގޮތުގައި ބެލެވޭ ހާލަތުގައި އެކަންޏެވެ. މިކަމެއް ވާންޖެހޭނީ ޓްރައިބިއުނަލް އަށް އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވެސް ކުރިން ނޭނގޭ ކަމަކަށެވެ. އަދި މިއީ އެކަމެއް ހުށަހަޅަންޖެހޭ ފަރާތުގެ އިހުމާލަކުން ހުށަނޭޅި އޮތް ކަމަކަށް ވެސް ވެގެން ނުވާނެ އެވެ.

މި ހާލަތުގައި ވެސް މުރާޖައާކުރުމަށް ހުށަހެޅޭނީ މުރާޖައާކުރުމަށް ހުށަހަޅާ ސަބަބު ހާމަވިތާ ހަ މަސް ވުމުގެ ކުރިންނެވެ. އަދި މައްސަަލަ ނިންމިތާ 10 އަހަރު ވެފައިވާ ނަމަ، އާ ކަމެއްގެ މައްޗަށް ބިނާކޮށް ވެސް މުރާޖައާކުރަން ހުށައެއްނޭޅޭނެ އެވެ.

"ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" އިން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެ ވަޑައިގަތް މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ބަހެއް މިކަމުގައި އަދި ނުލިބެ އެވެ.

ރައީސްގެ ސިޓީ އަދި ޔޫކޭގެ ބަދަލުވި ވިސްނުން އެއީ ސަބަބެއްތަ؟

ރާއްޖޭގެ ދެކުނުން، އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބަލަމުން އަންނަ 60 ރަށުގެ މައްޗަށް އެކުލެވޭ ހަތް އަތޮޅު ކަމަށްވާ ޗާގޯސްގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފަޔަކީ އެ ރަށްތައް ހޯދަން މޮރިޝަސް އިން ކުރަމުން އަންނަ ދައުވާގެ މައިގަނޑު އަސާސެވެ. ޗާގޯސް އަކީ އިނގިރޭސި ވިލާތުގެ މިލްކެއް ކަމަށް ހަދައިގެން ތިބޭ ތިބުން ޣައިރު ގާނޫނީ ކަމަށާއި ވީ އެންމެ އަވަހަކަށް އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށް ބުނެފައިވާ އެ ލަފަޔާ އެކު އދ.ގެ އާންމު މަޖިލީހުން ވެސް އެކަން ތަންފީޒުކުރުމަށް ގޮވާލައި ގަރާރުތައް ފާސްކޮށްފައިވެ އެވެ.

މިހާތަނަށް ރާއްޖޭން އދ. ގައި ވޯޓު ދީފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ. މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހައިދިނުމަށް އެދި މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ވެސް ރާއްޖޭން ބުނީ މޮރިޝަސް އަށް މި މައްސަލަ ހުށަނޭޅޭނެ ކަމަށާއި އެންމެ ފުރަތަމަ ހައްލުކުރަން ޖެހޭނީ ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލަ ކަމަށެވެ. އެކަމަކު ރާއްޖޭގެ މި އިޖުރާއީ ނުކުތާ އިޓްލޮސް އިން ބަލައިނުގަނެ ކަނޑުގެ ސަރަހައްދު ބަހަން ނިންމީ އެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ.

އދ. ގައި މީގެ ފަހުން ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށް ވިދާޅުވެ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ސިޓީއެއް ފޮނުއްވީ ރާއްޖޭގެ މި ސްޓޭންޑް ނާކާމިޔާބުވުމުންނެވެ. އަދި މި ސިޓީގެ ވާހަކަ އިޓްލޮސްގެ ނިންމުމުގައި ވެސް ފާހަގަކޮށްފައި ވުމުން މިއީ ކަނޑު ދޫކޮށްލަން ރާއްޖޭން ފޮނުވި ސިޓީއެއް ނޫންކަން ވެސް އަދި ކުރިން ނޭނގި އޮތް ސިއްރެއް ހާމަވުން ނޫންކަން ސާފުކޮށް އެނގެ އެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުން އިއްވަވަނީ

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުން އިއްވަވަނީ

ދެން އޮތީ އައިސީޖޭގެ ލަފަޔާ އެއްގޮތަށް އިނގިރޭސި ވިލާތުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރަން ކަމަށް ބުނެ ކުރިން ފެށި މަސައްކަތް ހުއްޓާލައި ރަށްތައް ނުދޭން މިހާރު ނިންމާފައި ވުމެވެ. އެކަމަކު މި ހާލަތަށް ބަލާއިރު ވެސް ރާއްޖެ-މޮރިޝަސްގެ އިން ކަނޑައެޅުމުގައި އިޓްލޮސް އިން ބުރަވީ އައިސީޖޭގެ ލަފަޔަށް ކަމަށް ވާތީ އިނގިރޭސި ވިލާތުން ކޮންމެ ގޮތަކަށް ވިސްނުން ގެންގުޅުނަސް އެކަމުގެ ސަބަބުން އިޓްލޮސްގެ ނިންމުމަށް ކުރާނެ އަސަރެއް ނެތެވެ.

އެހެންވެ މި ދެ ކަމަކީ ކުރީގެ ހާލަތު ބަދަލުވާނެ ކަމެއް ނޫން ކަމަށް ވާތީ، ނިންމުން މުރާޖައާކުރުމަކީ ވެސް ކުރެވޭނެ ކަމެއްގެ ގޮތުގައި ނުފެނެ އެވެ.

ދެން ކުރެވޭނެ ކަމެއް ނެތް ނަމަ އޮތީ އައިސީޖޭ އާއި އިޓްލޮސްގެ ނިންމުން ބަލައިނުގަނެ އިނގިރޭސި ވިލާތަށް ތާއީދުކޮށްގެން ތިބުމެވެ. އެއީ ޗާގޯސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ރާއްޖޭން ގަބޫލުކޮށް، އެކަމުގެ ބަދަލުގައި އެތަނުގެ ކަނޑުގެ ސަރަހައްދު ބޭނުންކުރަން ދޫކޮށްލައިގެން އިނގިރޭސި ވިލާތުން ކުރިން ވެސް އޮތް ގޮތަށް އެކަން ބޭއްވުމެވެ.

އިޓްލޮސްގެ ނިންމުންތަކަށް ތަބާވާން ލާޒިމް ނަމަވެސް ތަބާނުވެއްޖެ ނަމަ ޑިޕްލޮމެޓިކް ޕްރެޝަރާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި އިތުރު އެހެން އުނދަގޫތަކާ ވެސް ކުރިމަތިވެދާނެ އެވެ. އެކަމަކު ރާއްޖެ އަކީ އިނގިރޭސި ވިލާތް ފަދަ ބާރަކަށް ނުވާތީ މިގޮތަށް ގަދަ ދެއްކުމުގެ ނަތީޖާ ވަރަށް ގޯސްވެދާނެ އެވެ.

ނަތީޖާއެއް ނެތް ސިޔާސީ ވާހަކައެއް؟

މީގެ ކުރިން އޮތް ޕީޕީއެމްގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން އެމްޑީގެ ވެރިކަމުގައި 2019 ވަނަ އަހަރު ވެސް އދ. ގައި ރާއްޖޭން ވޯޓު ދީފައިވަނީ މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުމަށް ގޮވާލާ ގަރާރާ ދެކޮޅަށެވެ. އެކަމަކު އެމްޑީޕީގެ ވެރިކަމުގައި މިގޮތަށް ވޯޓު ދިނުމުން ޕީޕީއެމުން ބަޔާނެއް ނެރެ އެ ވޯޓުގެ މައްސަލާގައި ސަރުކާރުން މާފަށް އެދެންޖެހޭނެ ކަމަށް ބުންޏެވެ. އެ ބަޔާނުގައި ޕީޕީއެމުން ބުނެފައިވަނީ މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމަކީ ބައިނަލްއަގުވާމީ ކޯޓަށް ގޮންޖެހުން ކަމަށެވެ. އަދި "އެތައް ސަތޭކަ ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމު ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް" ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު އިސްތިއުމާރަށް ތާއީދު ނުކުރާނެ ކަމަށާއި ދެން އދ.ގައި ނަގާ ވޯޓެއްގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭނެ ކަމަށް ވިދާޅުވެ މޮރިޝަސް އަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޓީއެއް ފޮނުއްވިކަން ހާމަވުމާ އެކު އިދިކޮޅުގައި އޮވެ ޕީޕީއެމުން ދެން ވާހަކަ ދެއްކީ އޭގެ އަނެއް ކޮޅަށެވެ. ތުހުމަތަކީ ރާއްޖޭގެ ކަނޑުން ބައެއް "މޮރިޝަސް އަށް ވިއްކާލުން" ކަމަށްވީ އެވެ.

އެ ފާޑުކިޔުމަށް އޭރުގެ އެމްޑީޕީ ސަރުކާރުން ބުނީ މޮރިޝަސްއާ އެއްކޮޅަށް ވޯޓު ނުދިނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށެވެ. އެއީ މިނިވަން ކޮންމެ ގައުމަކަށް ވެސް އިގްތިސާދީ ހާއްސަ ސަރަހައްދުގެ ގޮތުގައި 200 މޭލުގެ ސަރަހައްދެއް ލިބޭއިރު މޮރިޝަސް އިން ޗާގޯސްގެ ރަށްތައް ވެސް ހިމަނައިގެން މި ސަރަހައްދު ކަނޑައަޅާއިރު ރާއްޖޭގެ 200 މޭލުގެ ތެރެއަށް ވަންނާތީ އެވެ.

ޕީޕީއެމުން ކުރިން ކޮންމެ ގޮތަކަށް ވާހަކަ ދައްކާފައި އޮތަސް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ސަރުކާރާ ދެކޮޅަށް ނެގި އެންމެ ވަރުގަދަ އެއް ހަތިޔާރަކީ "ކަނޑު ވިއްކުން" ކަމަށްވި އެވެ. އެ ބައި ހޯދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބޮޑު ވައުދެކެވެ. އެކަމަކު އެއީ ކަނޑުގައި ދަމާލި ރޮނގެއް ފަދަ ވައުދަކަށްވުން ވަރަށް ގާތެވެ.