Roadha Mihaaru
ފުށިދިއްގަރު އުނިކުރީ ގެދޮރުވެރިޔާއަށް އިސްކަންދޭން

ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރީ ގުޅިފަޅާއި ގިރާވަރުފަޅަށް އިސްކަން ދޭން!

10 ޑިސެމްބަރ 2023

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކުރީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަން ދިނުމަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކުރީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަން ދިނުމަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ. އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ކަނޑައަޅާފައި ނެތަސް އެއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭން ކޮށްފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ފުށިދިއްގަރުފަޅު ހިއްކަން ވެސް އޮތީ ކަނޑައަޅައި އެކަން އިއުލާން ކޮށްފަ އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނަ ބަޖެޓް ކޮމިޓީގެ މަރުހަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެކަމަށް މި ސަރުކާރުން ހާއްސަ ކޮށްފައިވާ ބަޖެޓު އުނިކޮށް، އެހެން މަޝްރޫއުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހާލައިފަ އެވެ.

އެކަމާ ގުޅުވައި ރައްޔިތުންގެ މަޖިލިސް އަދި ބަޖެޓު ދިރާސާ ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މާލެ ސަރަހައްދަށް މުޅިން އާ މަޝްރޫއެއް ފެށުމުގެ ބަދަލުގައި، ކުރީގެ ސަރުކާރުގެ ގެދޮވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން ބިން ހިއްކައިގެން ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއު ނިންމުން ކަމަށެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން، 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާގުޅޭގޮތުން މަޝްވަރާކުރަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ބަޖެޓް ކޮމިޓީން، 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާގުޅޭގޮތުން މަޝްވަރާކުރަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

"އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އަޅުގަނޑުމެން ވަރަށް ފުޅާކޮށް މަޝްވަރާ ކުރިން. ހާއްސަކޮށް މާލެ މެމްބަރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ ގުޅިފަޅާއި ގިރާވަރުފަޅުން ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއު ނިންމަން،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮމިޓީން ފާސްކުރި ބަޖެޓު 49.8 ބިލިއަނަށް އަރާފައިވާ އިރު، ދައުލަތުގެ ކޭޝް ފްލޯ ހަމަޖައްސަން ފައިސާ ނެތް ކަމާއި ތަރައްގީގެ މަޝްރޫއުތައް ވެސް ޕްރަޔޯރަޓައިޒް ކޮށްގެން ކުރަންޖެހޭ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.

"ފުށިދިއްގަރުފަޅު ހިއްކައިގެން އެ ކަން ނުކުރާށެކޭ ނޫން. އެކަމަކު މިހާރު އޮތް މަޝްރޫއުއާ ގުޅޭ ކަންކަން ޕްރަޔޯރަޓައިޒް ކުރުން މުހިންމު ކަމަށް އަޅުގަނޑުމެންނަށް [އެމްޑީޕީ މެމްބަރުންނަށް] ގަބޫލު ކުރެވުނީ،" ނާޝިޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ.

އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ގަވާއިދަށް ބަދަލު ގެނެސްގެން ވަނީ ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރަށް ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާގެ ތެރެއިން، އޭނާ ވިދާޅުވި ގޮތުގައި 200 މިލިއަން ރުފިޔާ ކޮމިޓީން ކަނޑައެޅީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު ނިންމުމަށެވެ. އަދި ބާކީ 200 މިލިއަން ރުފިޔާ އަތޮޅުތެރޭގެ ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން، ބަޖެޓު ކޮމިޓީގެ މެމްބަރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދައުލަތުގެ ކޭޝް ފްލޯ ތާށިވެގެން، އަތޮޅުތެރޭގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވި އެބަހުރި ކަމަށެވެ.

އެހެންކަމުން، ކޮންމެ ދާއިރާއަކަށް ހަތް މިލިއަނެއްހާ ރުފިޔާގެ މަގުން ފުށިދިއްގަރުފަޅު މަޝްރޫއުއިން 200 މިލިއަން ދޭން ނިންމީ އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުތެރެ ތަފާތުކުރުން ކުޑަކޮށް، ރަށްރަށަށް ވެސް އަންނަ އަހަރު ކަމެއް ކޮށް ދިނުމުގެ ބޭނުމުގަ އެވެ.

"އެމްޑީޕީއަށް ފާޑުމިކިޔަނީ އަތޮޅުތަކުގެ ރައްޔިތުންގެ ދުޝްމަނުން. މާލެ ސަރަހައްދަށް އާ މަޝްރޫއު އެއް ނުފަށައި، ރަށްރަށުގައި މަޝްރޫއުތަކެއް ހިންގަން އުޅުނީމަ ފާޑުކިޔުން ބަލައެއް ނުގަނެވޭ،" ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުން އެއްޗެއް ނުބުނޭ!

ފުށިދިއްގަރުފަޅު ހިއްކަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ޕްލޭން ކޮށްފައިވާ މަޝްރޫއު އެކެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގައި ވަނީ އިއުލާނު ކޮށްފަ އެވެ.

ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުން އެ މަޝްރޫއު އުނިކުރުމާ މެދު ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ނިންމާ ގޮތެއް ވެސް ނުބުނެ އެވެ.