Roadha Mihaaru
ފުށިދިއްގަރުފަޅު މަޝްރޫއު އެމްޑީޕީން ބަޖެޓުން އުނިކޮށްފި

ފުށިދިއްގަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓް އެމްޑީޕީން ބޭނުންވެގެން ބަޖެޓުން އުނިކޮށްފި

07 ޑިސެމްބަރ 2023

އާ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބަޖެޓްގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ބޭނުންވެގެން ބަޖެޓުން އުނިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބަޖެޓްގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ބޭނުންވެގެން ބަޖެޓުން އުނިކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ. ނަމަވެސް، އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ނެތެވެ.

ކޮމިޓީ މަރުހަލާގައި ވަނީ އެކަމަށް ހާއްސަ ކޮށްފައިވާ ބަޖެޓު އުނިކޮށް، އެހެން މަޝްރޫއުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހާލައިފަ އެވެ.

ބަޖެޓް ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، އެ ކޮމިޓީގައި ތިއްބަވަނީ ސަރުކާރު ފަޅީގެ 2-3 މެމްބަރަކު ކަމަށާއި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް އެމްޑީޕީގެ މެމްބަރުން ހުރަސް އަޅާފައިވާ ކަމަށެވެ.

"ސީދާ ސަރުކާރާ ދެކޮޅަށް، ސަރުކާރުން ބޭނުންވި ގޮތާ ހިލާފަށް އެ ބައި [ފުށިދިއްގަރުފަޅު ހިއްކަން ކަނޑައެޅި ފައިސާ] ބަޖެޓް އެ އުނިކުރީ. މިއީ ވަރަށް ދެރަކަމެއް. ބޯހިޔާވަހިކަން ހައްލު ކުރަން ބަޖެޓްގައި ހިމެނި އެންމެ މުހިންމު އެއް މަޝްރޫއު އެއީ،" އޭނާ ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކަން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ޕްލޭން ކޮށްފައިވާ ކަމެއް ވެސް މެ އެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގައި ވަނީ އިއުލާނު ކޮށްފަ އެވެ.

ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ރައީސް ޑރ. މުހަންމަދު މުއިއްޒު އިއުލާނު ކުރެއްވި މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ އެވެ. އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ އިތުރު 400 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެއާ އެކު އެ މަޝްރޫއުއަށް ބަޖެޓުގައި ކަނޑައެޅި އަދަދު 600 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ފުށިދިއްގަރުފަޅުގެ އިތުރުން ބައެއް ރަށްރަށުގައި ހިންގަން ކަނޑައަޅާފައިވާ ކުދި ބައެއް ޕްރޮޖެކްޓްތައް ވެސް އުނިކޮށްފައިވެ އެވެ.

ގެދޮރު އިމާރާތް ކުރުމަށާއި ބޯހިޔާވަހިކަމަށް ސަރުކާރުން ބަޖެޓުގައި ޖުމްލަ 4.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.