Roadha Mihaaru
އައިހެވަން ޕްރޮޖެކްޓް އަލުން ފަށާނަން: ސައީދު

އައިހެވަން ޕްރޮޖެކްޓް އަލުން ފަށާނަން: ސައީދު

12 ޑިސެމްބަރ 2023

މި ސަރުކާރުން އައިހެވަން ޕްރޮޖެކްޓް އަލުން ފަށާނެ ކަމަށާއި އިހަވަންދިއްޕޮޅު މަޝްރޫއު ގެންދިއުމަށް ވަރުގަދަ އަޒުމެއް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުން އައިހެވަން ޕްރޮޖެކްޓް އަލުން ފަށާނެ ކަމަށާއި އިހަވަންދިއްޕޮޅު މަޝްރޫއު ގެންދިއުމަށް ވަރުގަދަ އަޒުމެއް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ އާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ޕްރޮޖެކްޓެއް ކަމަށެވެ. އެތަނުގައި ބަންކަރިން ހިދުމަތް، ނުވަތަ ޓްރާންސްޝިޕްމަންޓް ހިދުމަތް ދިނުމާ މެދު ގޮތް ނިންމާނީ އެ ޕްރޮޖެކްޓަށް އިންވެސްޓް ކުރާ ބަޔަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދާނަން. ބަންކަރިން ހިދުމަތަކީ ދޭން ޖެހޭ ހިދުމަތެއް. ބަންކަރިން އެކަންޏެއް ނޫން އެހެން ހިދުމަތްތައް ވެސް ދޭން މިތިބީ ތައްޔާރު،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"އިހަވަންދިއްޕޮޅުގެ މަސައްކަތް ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަން. އަދި 1993 ވަނަ އަހަރު ވެސް ބަނދަރުގެ މަސައްކަތާއި ބަންކަރިން ވާހަކަތައް ދެކެވިފައި ހުންނާނީ. އެކަމަކު ބްރޭންޑްކުރެވިގެން އައިހެވެންގެ ނަން އައިސްފައިވާނީ 2014 ވަނަ އަހަރު،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ބަނދަރު ހެދުމުގައި ވަކި ސަރަހައްދަކަށް އިސްކަމެއް ނުދޭނެ ކަމަށާއި ދެ ސަރަހައްދުގައި ވެސް އެކަން ކުރާނެ ކަމަށެވެ.

އައިހެވަން އަކީ 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ގޮތުން އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ.

ކުރީ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް އިއުލާނުކުރެއްވި އެވެ. އެހެން ނަމަވެސް ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.