Roadha Mihaaru
ދައުލަތުން ދެ މުސާރައެއް ނުނަގާނަން: ސާޖިދާ

ދައުލަތުން ދެ މުސާރައެއް ނުނަގާނަން، ލިބޭ އެއްޗެއް ޑޮނޭޓް ކުރާނަން: ސާޖިދާ

12 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދަވާ ވަޒީފާގައި ނޯ-ޕޭ ލީވެއްގައި ހުންނަވާއިރު އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓުގެ ދަށުން މުސާރައެއް ލިބިވަޑައިގަތަސް، އެ މުސާރަ ނުނަންގަވާނެ ކަމަށާއި ބޭނުންވަނީ އެ މުސާރަ ހަދިޔާކުރައްވަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދަވާ ވަޒީފާގައި ނޯ-ޕޭ ލީވެއްގައި ހުންނަވާއިރު އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓުގެ ދަށުން މުސާރައެއް ލިބިވަޑައިގަތަސް، އެ މުސާރަ ނުނަންގަވާނެ ކަމަށާއި ބޭނުންވަނީ އެ މުސާރަ ހަދިޔާކުރައްވަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސާޖިދާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފަސްޓްލޭޑީ ކަމަށް ވަޑައިގެންނެވި އިރު، ސާޖިދާ ވަނީ ވަޒީފާއިން ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވް ނަންގަވައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އަންގައި، ކޮންޓްރެކްޓް އުސޫލުން ސާޖިދާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ސާޖިދާއާ އެކު ހެދި ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ. ފަސްޓްލޭޑީގެ ހައިސިއްޔަތުން ވެސް ސާޖިދާއަށް ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައި އިނާޔަތެއް ލިބިވަޑައިގަންނަވާއިރު، އެއް ފަހަރާ ދެ މަގާމު އަދާކުރައްވައި ދެ މަގާމުން މުސާރަ ނެގިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން ސުވާލުކުރެއްވުމުން، ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ސާޖިދާ ވިދާޅުވީ އެމްއެފްޑީއޭގެ ހިންގުމުގެ މަގާމެއް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ޓެކްނިކަލް އެހީތެރިކަން ދެއްވުމަށް ކަމަށެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި ޑިސިޝަންތައް ނަގަން ޖެހޭ މަގާމެއްގައި ހުންނެވި ނަމަވެސް ރައީސް ކަމަށް ޑރ. މުއިއްޒު ހޮވުމާ އެކު އެ މަސައްކަތްތަކުން ވާނީ އެކަހެރިވެވަޑައިގެންފަ އެވެ.

"އިލެކްޓްވި ދުވަހުން ފެށިގެން އެ ހުރިހާ އެއްޗަކުން އެކަހެރިވިން. އަޅުގަނޑު ނީންނާނެ އެއްޗެއްގައި ސައިން ވެސް ކޮށްފައި. އަޅުގަނޑު އަމިއްލައަށް ގަބޫލުކުރީ އެ ހިސާބުން ފެށިގެން އަޅުގަނޑު ޖެހޭނޭ މެނޭޖިރިއަލް ޑިސިޝަން ލެވެލްތަކުން އެކަހެރިވާން،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާ ދާއިރާއަކީ ފަންނީ މީހުން ވަރަށް މަދު ދާއިރާއެއް ކަމަށާއި އޭނާއާ ގުޅޭ ދާއިރާއަކުން ވެސް މުޅި ރާއްޖެއިން ކިޔަވާފައި ވަނީ ތިން ހަތަރު މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަށް އެހީތެރިކަން ދެއްވައި، ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި ދުވާލަކު ދެތިން ގަޑިއިރު އެމްއެފްޑީއޭގައި މަސައްކަތްކުރެއްވިޔަސް ބާކީ އޮތް ވަގުތުތަކުގައި އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރެއްވޭނެ އެވެ.

"އަޅުގަނޑު މަސައްކަތް ދެކެ ވަރަށް ލޯބިވޭ. އެ މަސައްކަތާ ނުލާ އުޅެން ވެސް އުނދަގޫވޭ. ވަރަށް ޒުވާންއިރުން ފެށިގެން އެއް މަސައްކަތެއް ކުރަމުން އައިމަ ވަރަށް ބޮޑު އެޓޭޗްމެންޓެއް އިނދޭ. އެހެންވެ ހަމައެކަނި ޓެކްނިކަލް ލެވެލްގެ މަސައްކަތެއް އެކަންޏޭ އަޅުގަނޑު ކުރަން ބޭނުންވަނީ. ދެން މީގައި އަޅުގަނޑު ވިސްނަން ޖެހެނީ މީތި ބެލެންސްކޮށް އެހެން މީހަކަށް އުނދަގޫނުވާނެ ގޮތަށް މަސައްކަތް ކުރުން،"

ސާޖިދާ ވަނީ ފަސްޓްލޭޑީގެ އެލެވަންސް ލިބެމުންދާއިރު ދައުލަތުގެ އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"މުސާރައެއް ދެން އެ ބޭފުޅުން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ހަމަ ޑޮނޭޓްކުރަން. މިސާލަކަށް މިނިސްޓްރީގެ ކޮންމެސް ތަނަކަށް. ހަމަގައިމު ވެސް އަޅުގަނޑެއް ފަސްޓްލޭޑީގެ އެލެވަންސް ލިބޭހާ ހިނދަކު ދައުލަތުން އިތުރު މުސާރައެއް ނުނަގާނަން."

ސާޖިދާ ވަނީ ސީއެސްސީން ހަމަޖައްސައިދިން ގޮތަކީ އުސޫލުތަކުގެ ބޭރުން އޭނާއަށް ހަމަޖައްސައިދެއްވި ފުރުސަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފަސްޓްލޭޑީއަށް އެ ފުރުސަތު ދެއްވުމުން މަސްލަހަތު ފުށުއަރާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ދަނީ މައްސަލަ ބަލަމުންނެވެ.