Roadha Mihaaru
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރުސަތު ހުޅުވާލައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

14 ޑިސެމްބަރ 2023

ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ކަމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ކަމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަަމަށެވެ. "ލެޓާ އޮފް އިންޓްރެސްޓް" ހުށަހަޅަންޖެހޭ ސުންގަޑިއަކީ ހޯމް މިނިސްޓްރީން ބުނިގޮތުގައި މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ. އެ ހުށަހެޅުން ބަލައިގަންނާނީ ހޯމް މިިނިސްޓްރީއަށެވެ.

މާޗު 27، 2021 ގައި އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަން ކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައި ވެ އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.