Roadha Mihaaru
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ލަފާދީފި

ޕޮލިސް ކޮމިޝަނަރުކަމަށް ޝުޖާއު އައްޔަންކުރަން ލަފާދީފި

24 ޑިސެމްބަރ 2023

އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަަނަރު އަލީ ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަަނަރު އަލީ ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދީފި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ދެ ބޭފުޅުންގެ ނަން ވެސް ޕޮލިސް ބޯޑަށް މިނިސްޓަރު ފޮނުއްވި އެވެ.

ޕޮލިސް ބޯޑުން އެ ނަން ދިރާސާކުރިއިރު، ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން އެ ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީންގެ ޝަރުތު ހަމަނުވި ކަމަށް އެނގިފައި ވެ އެވެ.

ދެ ނަން ދިރާސާކުރުމަށް ފަހު ޕޮލިސް ބޯޑުން ނިންމީ ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަން ކުރަން، މިނިސްޓަރަށް ލަފާ އެރުވުމަށެވެ. މިނިސްޓަރު އިހުސާން މިއަދު ވަނީ ޕޮލިސް ބޯޑުގެ ލަފާ ލިބިވަޑައިގެންނެވިކަން "މިހާރު" އަށް ޔަގީންކޮށް ދެއްވި އެވެ.

ފުލުުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައި ވެ އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޕޮލިސް ކޮމިޝަނަރަކު އައްޔަން ނުކޮށް މިހާ ހިސާބަށް ލަސްކުރީ ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އޮފިސަރުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ހުންނެވި އަހުމަދު މުހައްމަދުގެ މައްސަލަ ޝަރުއީ މަރުހަލާ އިން ނިމޭ ގޮތެއް ބެލުމަށެވެ.

އެކަމަކު، މި މަހުގެ 13 ގައި ހައި ކޯޓުން ނިންމީ އަހުމަދު މުހައްމަދާ އެކު އިތުރު ހަތަރު އޮފިސަރަކަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.