Roadha Mihaaru
ގާނޫނުގެ ދަށުން ހަދާ ގަވައިދުތައް ނިމިއްޖެ: ޕޮލިސް

އާ ގާނޫނުގެ ދަށުން ހަދާ ގަވައިދުތައް ނިމިއްޖެ، ބައެއް ގަވައިދުތައް އަދި ގެޒެޓެއް ނުކުރެވޭ: ޕޮލިސް

05 ޖުލައި 2021

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ހުރިހާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ގެޒެޓް ނުކުރެވި ހުރި ގަވައިދުތަކަށް އަމަލުކުރެވެން ފެށެންދެން ކުރީގެ ގަވައިދުތަކަށް އަމަލުކުރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ހުރިހާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ގެޒެޓް ނުކުރެވި ހުރި ގަވައިދުތަކަށް އަމަލުކުރެވެން ފެށެންދެން ކުރީގެ ގަވައިދުތަކަށް އަމަލުކުރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މުއައްސަސާއަށް ބޮޑެތު ބަދަލުތަކެއް ގެނައި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ، މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ، ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުން މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގެޒެޓުކުރީ ބައެއް ގަވައިދުތައް ކަމަށާއި ދެން ހުރި ގަވައިދުތައް ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ވަނީ ނިމިފައި. އޭގެ ތެރެއިން ބައެއް ގަވައިދުތައް މިހާރު ވަނީ ގެޒެޓު ވެސް ކޮށްފައި. ދެން ހުރި ގަވައިދުތައް ހުރީ ގެޒެޓު ކުރުމުގެ މަރުހަލާގައި،"

ގެޒެޓު ނުކުރެވި ހުރި ގަވައިދުތައް ގެޒެޓު ކުރެވެންދެން ކުރީގެ ގަވައިދުތަކަށް އަމަލު ކުރަން ހޯމް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ތެރޭގައި އެކުލަވާލައި ގެޒެޓުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ. މިހާރު އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ގިނަ އަދަދެއްގެ ގަވައިދު އެކުލަވާލަން ލާޒިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ފުލުހުންގެ ސުލޫކީ މިންގަނޑާއި، ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދާއި، ފުލުހުންނަށް ލިބިފައިވާ ބާރުތަކާއި އިހްތިޔާރުތައް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދާއި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ގަވައިދާއި، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތައް ހިންގުމާ ބެހޭ ގަވައިދު ހިމެނެ އެވެ.