Roadha Mihaaru
އިތުބާރާ އެކު ފުރުސަތުތައް ނިންމާލަން ޖެހޭ: ޒަވީ

އިތުބާރާ އެކު ފުރުސަތުތައް ނިންމާލަން ޖެހޭ: ޒަވީ

17 ޑިސެމްބަރ 2023

ވެލެންސިއާ (ނޮވެމްބަރު 17) - މި ސީޒަންގެ ލީގުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުގައި މޮޅެއް ނުހޯދި ނިންމާލަން ޖެހުމުން، ބާސެލޯނާގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގައި އިތުބާރާ އެކު ނިންމާނުލެވޭ ކަން ކޯޗު ޒަވީ ހެނާންޑޭޒް ފާހަގަ ކޮށްފި އެވެ.

ވެލެންސިއާ (ނޮވެމްބަރު 17) - މި ސީޒަންގެ ލީގުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުގައި މޮޅެއް ނުހޯދި ނިންމާލަން ޖެހުމުން، ބާސެލޯނާގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގައި އިތުބާރާ އެކު ނިންމާނުލެވޭ ކަން ކޯޗު ޒަވީ ހެނާންޑޭޒް ފާހަގަ ކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިދިޔަ ހަފްތާ ކުޅުނު މެޗުގައި އެޓީމު ވަނީ ޖިރޯނާ އަތުން ބަލިވެފަ އެވެ.

ރޭގެ މެޗުގެ 55 ވަނަ މިނިޓުގައި ޔާއޯ ފީލިކްސް ޖަހައިދިން ގޯލާ އެކު ބާސެލޯނާ ލީޑު ކުރަމުން ދަނިކޮށް 70 ވަނަ މިނިޓުގައި ވެލެންސިއާ އިން އެއްވަރު ކުރީ ހިއުގޯ ގިލާމޯން އެވެ.

ބާސެލޯނާ އަށް މެޗުގައި އިތުރު ގޯލުތަކެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކާމިޔާބު ނުވެ، މެޗު ނިންމާލީ ޕޮއިންޓަކާ އެކު އެވެ.

"މިދިޔަ ހަފްތާ ވެސް އަހަރެމެންނަށް ދިމާވީ އެ މައްސަލަ، އިތުބާރާ އެކު ނިންމައި ނުލެވޭ. މިއަދު އަހަރެމެން ދެ ޕޮއިންޓް ގެއްލުވާލަން ޖެހުނީ އޭގެ ސަބަބުން. އެންމެ ޕޮއިންޓަކުން އަހަރެމެންނަކަށް ނުފުދޭ،" މެޗަށް ފަހު ޒަވީ ބުންޏެވެ.

ޒަވީ ބުނީ މެޗު ޑޮމިނޭޓް ކުރެވުނަސް މެޗުން މޮޅު ނުވެވުމަކީ، މި ސީޒަންގައި ބާސެލޯނާގެ ނަތީޖާތަކަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ޓްރޭނިން ތަކުގައި ޝޫޓިން ޕްރެކްޓިސް ކުރި ނަމަވެސް ދަނޑުމަތީ ހަމަލާ ފޮނުވާލާއިރު ކުޅުންތެރިޔާ އަށް އަމިއްލަ ނަފްސަށް އިތުބާރު އޮތުން މުހިއްމު ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ބުނީ މެޗުން ތިން ޕޮއިންޓް ނުލިބުމަކީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް ކަމަށެވެ.

"ހަގީގަތަކީ މިއާ އަހަރެމެންނަށް އެހާ ރަނގަޅު ވަގުތުތަކެއް ނޫން، އަހަރެމެން އަތުން ޕޮއިންޓެއް ގެއްލޭ ކޮންމެ ފަހަރަކު އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތި ވަނީ ކޯޗަށް،" ޕެޑްރީ ބުންޏެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެން ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. އެއްވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެފަ އެވެ.

މިއާ އެކު ބިލްބާއޯ ވަނީ 17 މެޗުން 32 ޕޮއިންޓް ހޯދައި ފަސްވަނައަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ ހަތަރުވަނައިގައި އޮތީ 16 މެޗުން ލިބުނު 34 ޕޮއިންޓާ އެކު އެވެ.