ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
18 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
މިއަދު ހަވީރު އޮންނަ ރަސްމިއްޔާތެއްގައި، މި މަސައްކަތް ފައްޓަވައި ދެއްވާނީ ރައީސް މުއިއްޒެވެ.
އެތަން ހިއްކަން ހަވާލުކުރީ "މިހާރު"އަށް އެނގިފައިވާ ގޮތުގައި ސްރީ ލަންކާގެ ކުންފުންޏަކާ އެވެ. އެކަމަކު މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
މަޝްރޫއު ހަވާލުކުރި އަގާއި މި މަޝްރޫއުއަށް ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ފުށިދިއްގަރުފަޅުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ.
މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކޮށްފަ އެވެ. މި ފަޅުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ އެވެ.
ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ހިމަނައިފަ އެވެ.
އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފަ އެވެ.
ފުށިދިއްގަރުފަޅަކީ މާލެއާ ބްރިޖުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރާނީ މާލެ ނައިސް ވާނެ މިންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެތަނުން މާލޭގައި ދިރިއުޅޭ އެންމެންނަށް ބޭނުންވާ މިންވަރަށް ގޯއްޗާއި ފްލެޓް ދޫކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރުމުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.
ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ގެންދަވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މި ވަގުތަށް މުހިންމު މަޝްރޫއެއް ނޫން ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ ގުޅިފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އެ ތަންތަން ތަރައްގީކުރުން މާ މުހިންމު ކަމަށް ވިދާޅުވަމުންނެވެ.
މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ރަސްމާލެއަށް ގޯތި ބަދަލުކުރާ ވާހަކައަކީ ދޮގެއް: ރައީސް
ރަސްމާލެ މަޝްރޫއުއަށް ބަޖެޓުން ހަރަދެއް ނުދާނެ: ރައީސް
ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރު
"ހައުސިން ލޯނުތައް ދާދި އަވަހަށް އިއުލާނުކުރާނަން"
"ރަސްމާލެ އަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް"