Roadha Mihaaru
ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން އެދެފި

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

18 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދޭން އިދިކޮޅު އެމްޑީޕީން މިރޭ ފުލުހުންނަށް ގޮވާލައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދޭން އިދިކޮޅު އެމްޑީޕީން މިރޭ ފުލުހުންނަށް ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

އެއާ އެކު، ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

މީގެއިތުރުން، މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައިމިވަނީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވުމުން، އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

އެކަން ކުރައްވަނީ ހަމައެކަނި މަޖިލީހުގެ މަސައްކަތްތަކަށް ދަތިވާނެތީ ކަމަށް ކުރިން ވިދާޅުވިޔަސް، ޝިފާއުގެ ރާގު ފަހުން ވަނީ ބަދަލުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މިއަދު ސަރުކާރު ހިނގަމުން މިދާ ގޮތާމެދު އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ. މި ހިނގާ ސަރުކާރުގައި ގާނޫނީ ހުކޫމަތެއް ނެތޭ މި ބުނަނީ އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވެބްސައިޓްގައި ހުރި މައުލޫމާތުތައް ނަގާ ގާނޫނާ ހިލާފަށް އެ ނިންމި ނިންމުން ހެއްކަކަށް ފުދޭނެ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހު ފާސްވުމާ އެކު، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.