Roadha Mihaaru
ކުޅުދުއްފުއްޓާ ކައިރި ރަށްރަށުން ބިދޭސީން ސްކްރީންކުރަނީ

ކުޅުދުއްފުއްޓާ ކައިރި ރަށްރަށުން ބިދޭސީން ފައިލޭރިޔާ އަށް ސްކްރީން ކުރަނީ

20 ޑިސެމްބަރ 2023

ހދ. އަތޮޅުގެ އެހެން ރަށްރަށުގައި ތިބި ބިދޭސީން ވެސް ފައިލޭރިޔާ އަށް ސްކްރީން ކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. އަތޮޅުގެ އެހެން ރަށްރަށުގައި ތިބި ބިދޭސީން ވެސް ފައިލޭރިޔާ އަށް ސްކްރީން ކުރަން ނިންމައިފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މި ވަގުތު އިސްކަން ދީފައިވަނީ، އެ ބަލި ފުރަތަމަ ފެނުނު ރަށް، ކުޅުދުއްފުށީގައި އުޅޭ ބިދޭސީންގެ ސާމްޕަލް ނަގަން ކަމަށެވެ. ރެންޑަމްކޮށް ދިވެހިންގެ ސާމްޕަލް ވެސް ނަގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ، އުތުރުގެ ރަށްރަށުން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ވެސް ގޮސްއުޅޭ ތަނެކެވެ. އެކަމަކު، އެޗްޕީއޭއިން ބުނީ، ކުޅުދުއްފުށިން ރެންޑަމްކޮށް ސާމްޕަލް ނަގާ ދިވެހިން ފައިލޭރިޔާ އަށް ޕޮޒިޓިވް ނުވާނަމަ، އެހެން ރަށްރަށުން ދިވެހިން ސާމްޕަލް ނެގުން މުހިއްމު ނޫން ކަމަށެވެ.

ނަމަވެސް، އެޗްޕީއޭއިން މިހާރު އަންނަނީ ކައިރި ރަށްރަށަށް މި ފަހުން ދިޔަ ބިދޭސީ ލޭބަރުން ސްކްރީން ކުރަން ތައްޔާރުވަމުންނެވެ.

"ކުޅުދުއްފުށިން ވެސް ފައިލޭރިޔާ ޖެހުނީ އެންޑެމިކް ސަރަހައްދުތަކުން މި ފަހުން އައި މީހުން. އެހެންވެ، ހދ. އަތޮޅުގެ އެހެން ރަށްރަށަށް އެންޑެމިކް ސަރަހައްދުތަކުން މި ފަހުން ދިޔަ ބިދޭސީން ސްކްރީން ކުރާނެ." އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން ހެދި ސްކްރީނިން ޓެސްޓަކުން 17 މީހުން ވަނީ، ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިޔާ ޖެހިފަ އެވެ. އެކަމާ ގުޅިގެން ހެދި ޓެސްޓުތަކުން ވަނީ އިތުރު ދެ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

އެ އެންމެންނަކީ ވެސް އިންޑިއާ ބައެކެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަކަށް އެ ރަށަށް މި ފަހުން ދިޔަ، ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ.

ފައިލޭރިޔާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިޔާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފިނަމަ ފައިލޭރިޔާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިޔާ ނުޖެހިދާނެ އެވެ.

އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިޔާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ރަށުން ފެނުނު އެއްވެސް މީހެއްގެ ބޭރު ފުށުން އަލާމާތެއް ފެންނާކަށް ނެތެވެ.