Roadha Mihaaru
ފައިލޭރިއާއަށް ސްކްރީން ކުރަން ރާއްޖޭގައި ކެމްޕޭނެއް

ފައިލޭރިއާއަށް ސްކްރީން ކުރަން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަނީ

11 ފެބުރުއަރީ 2024

ފައިލޭރިއާއަށް ސްކްރީން ކުރަން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފައިލޭރިއާއަށް ސްކްރީން ކުރަން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށް އަންނަ ހަފުތާގައި މުޅި ރާއްޖޭގައި ސްކްރީނިން ގެންދަނީ ރެޑް ކްރެސެންޓާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ކައުންސިލްތައް ގުޅިގެން ކަމަށެވެ.

އޭގެ ތެރެއިން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓުތަކާއި ސިނާއި މަސައްކަތްކުރާ ރަށްރަށުގައި ސްކްރީނިން ގެންދަން ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭއިން ބުނީ ސްކްރީނިންގައި ކޮންމެ ރަށަކުން ވެސް ބައިވެރިކުރާނީ ވަކި އަދަދަކަށް، ގުރުއަތުން ހޮވޭ 18 އަހަރުން މަތީގެ ދިވެހިންނާއި ބިދޭސީން ކަމަށެވެ. ފައިލޭރިއާއަށް ޓެސްޓުކުރާނީ ގައިން ލޭ ނެގުމަށްފަހު ހަދާ އެންޓިޖެން ޓެސްޓުންނެވެ. އޭގެ ނަތީޖާ 10-15 މިނެޓުގެ ތެރޭގައި ލިބޭނެ އެވެ.

ޓީމުތަކުން އެ ގޭގެއަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދޭތެރޭގެ ވަގުތެއްގައި ޒިޔާރަތްކޮށް ސާމްޕަލް ނަގާނެ އެވެ.

ބިދޭސީންގެ ތެރެއިން ވެސް ހޮވޭ ފަރާތްތަކަށް ސްކްރީނިން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާ ދިން ފަރާތްތަކާ ވާހަކަދައްކާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ އެޖެންސީން ވަނީ ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދެއްގައި އެ ސްކްރީނިން ޕްރޮގްރާމްގެ ޕްރީ-ޓެސްޓު ކުރުމުގެ މަސައްކަތް ގެންދަން ވެސް ނިންމައިފަ އެވެ.

އެ އެޖެންސީން ބުނީ ޓެސްޓު ހެދުމަށްފަހު ޕޮޒިޓިވްވާ މީހުންނަށް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ފަރުވާ ދޭނެ ކަމަށެވެ. އެ ބޭސް ކެއުމުން އެ މީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ވެސް ހުއްޓުވޭނެ އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. މި ސަރަހައްދުން އެ ޝަރަފު ދެން ހޯދާފައިވަނީ ސްރީ ލަންކާ އެވެ. ނަމަވެސް، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ ޑިސެމްބަރު މަހު ހެދި ރެންޑަމް ސްކްރީނިންއަކުން އެ ބަލި ޖެހިފައި ތިބި ބިދޭސީންތަކެއް ފެނުނެވެ.

މިހާތަނަށް 700 އެއްހާ މީހުން ޓެސްޓުކުރިއިރު، އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކުރެވެނީ 32 މީހެކެވެ.