Roadha Mihaaru
ލީޑަރުން ދެއްވީ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން

ޕާޓީތަކުގެ ވެރިން ދެއްވީ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން: ރައީސް އޮފީސް

20 ޑިސެމްބަރ 2023

ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުމާއި ތާއިދު ދޭނެކަމުގެ ޔަގީންކަން ހަތަރު ޕާޓީއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުމާއި ތާއިދު ދޭނެކަމުގެ ޔަގީންކަން ހަތަރު ޕާޓީއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްއާ މިއަދު ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ބޭއްވި ހަތަރު ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.

ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ދާހީލީ އަދި ހާރިޖީ އެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރަށް އެ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށް ޕާޓީތަކުގެ ވެރިން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުންތަކުގައި ރައީސް ވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަތަރު ޕާޓީއެއްގެ ތާއިދު ރައީސަށް އޮތްކަން މިއަދު ހާމަކުރިއިރު އިދިކޮޅު އެމްޑީޕީން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެެއިން ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. ރައީސް މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް މެންބަރަކު ވަނީ ދެއްވައިފަ އެވެ.