Roadha Mihaaru
މަރުގެ ހުކުމުގެ ވާހަކައާ އެކު މައުމޫންގެ ރައްދެއް

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކައާ އެކު މައުމޫންގެ ރައްދެއް

20 ޑިސެމްބަރ 2023

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން" ކަމަށެވެ. ދެން ލިޔުއްވާފައި އޮތީ "ވަރަށް މާފު!" ކަމަށެވެ.

މައުމޫންގެ އެހެން ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެކެވެ. އެމައްސަލައާ ބެހޭ ލިޔުމެއް މާދަމާ ޝާއިއުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނު ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ހަތިޔާރާ އެކު އަރައި އެތައް ދިވެހިންނެއް ޝަހީދުކޮށްލި މީހުންގެ ތެރެއިން މަރުގެ ހުކުމް އައި މީހުންނަށް ވެސް އަދަބު ލުއިކޮށްދެއްވައިފަ އެވެ. އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށް ވާތީ، އޭގެ ތެރޭގައި ހިމެނުނު ދިވެހިން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި މިނިވަން ވެފަ އެވެ.

އިހުސާން މިއަދު ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި މި ސަރުކާރުން ކުރާނެ އެވެ.

މީގެ ކުރިން އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް އިއުލާނުކޮށް އެކަމާ ގުޅޭ ގަވައިދުތައް ވެސް ހަދައިފަ އެވެ. އޭރު ނިންމީ ދަންޖައްސައިގެން މެރުމަށެވެ. އެކަމަކު އެ ވެރިކަން ނިމުނީ ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށެވެ. އެ ދުވަސްވަރު އދ. އާއި ޔޫރަޕިއަން ޔުނިއަން އާއި އެހެން ބައެއް ޖަމާއަތްތަކުން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމަށް ގޮވާލައިފަ އެވެ.

ރާއްޖޭގައި މަރުގެ ހުކުމްތައް އިއްވި ނަމަވެސް އެންމެ ފަހުން އެފަދަ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ.

މިހާރުވެސް ސުޕްރީމް ކޯޓުން ވަނީ މަރުގެ ހުކުމް އައިސްފައިވާ ހަތަރު މީހެއްގެ ހުކުމް ދަމަހައްޓައިފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތުމުން އެކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.