Roadha Mihaaru
ޓެރަރިޒަމްގެ ކުށުގައި 43 މީހަކު އުމުރަށް ޖަލަށް

ޔޫއޭއީގައި ޓެރަރިޒަމްގެ ކުށުގައި 43 މީހަކު އުމުރަށް ޖަލަށް

11 ޖުލައި 2024

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ޓެރަރިޒަމާ ގުޅުން ހުރި އެކި ކުށްތަކުގެ ތުހުމަތުގައި އެއްފަހަރާ އެތައް ބައެއްގެ މައްޗަށް ހިންގި ޝަރީއަތްތަކަށް ފަހު 43 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ޓެރަރިޒަމާ ގުޅުން ހުރި އެކި ކުށްތަކުގެ ތުހުމަތުގައި އެއްފަހަރާ އެތައް ބައެއްގެ މައްޗަށް ހިންގި ޝަރީއަތްތަކަށް ފަހު 43 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާއިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މި މައްސަލައިގައި 84 މީހަކު ހިމެނޭއިރު ޔޫއޭއީގެ ސަރުކާރަށް ފާޑުކިޔާ މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށް އދ.ގެ މަންދޫބުން ވިދާޅުވެފައިވެ އެވެ. އަބޫ ދާބީ ފެޑެރަލް ކޯޓް އޮފް އެޕީލްގައި ހިންގި ޝަރީއަތަށް ހާޒިރުކުރި މީހުންގެ ތެރޭގައި މީގެ ކުރިން 2013 ވަނަ އަހަރު ހަމަ މި ބާވަތުގެ ތުހުމަތުތަކެއްގައި ޖަލަށް ލާފައިވާ 94 މީހުންގެ ތެރެއިން ގިނަ ބަޔަކު ހިމެނެ އެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ބުނީ 43 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކުރީ މަނާކޮށްފައިވާ އިހްވާނުލް މުސްލިމީން ޖަމާއަތާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތެއް އުފައްދައި ހިންގުމުގައި ބައިވެރިވެފައިވާކަން ސާބިތުވާތީ ކަމަށެވެ.

އިތުރު 10 މީހަކު 10-15 އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު އެކެއްގެ މައްޗަށް ކުށް ސާބިތު ނުވި ކަމަށާއި 24 މީހެއްގެ މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ހެކި ނެތުމުން ބާތިލްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ކުށް ސާބިތުވި މީހުންނަށް އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އދ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ބުނަމުންދަނީ ޔޫއޭއީން މި ކުރާ ކަމަކީ ސަރުކާރަށް ފާޑުކިޔާ މީހުން ހުއްޓުވުން ކަމަށެވެ.

ޔޫއޭއީން ވަނީ މި ތުހުމަތަށް އިންކާރުކޮށްފަ އެވެ. އަދި ކޯޓުގައި ޝަރީއަތްތައް ހިންގާފައި ވަނީ ދައުވާ ލިބޭ މީހުންނަށް ހުރިހާ ހައްގުތަކެއް ލިބިދޭ ގޮތަށް ކަމަށް އަންނަނީ ބުނަމުންނެވެ. -- އޭއެފްޕީ