Roadha Mihaaru
ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުން ވަރަށް މުހިއްމު

ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުން ވަރަށް މުހިންމު: އައިލެންޑާސް އެޑިއުކޭޝަން

08 އޯގަސްޓް 2021

ދިރާސީ އާ އަހަރު ފަށާއިރު ކިޔަވައިދޭނީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާއި އެއްގޮތަށް ކަމަށް އޭޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތާއިީދުކޮށް އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ދިރާސީ އާ އަހަރު ފަށާއިރު ކިޔަވައިދޭނީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާއި އެއްގޮތަށް ކަމަށް އޭޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތާއިީދުކޮށް އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އައިލެންޑާސްއިން ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކާ އަޅާ ބަލާއިރު އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވަނީ ދަރިވަރުންގެ ކިޔެވުމަށް ކަމަށެވެ.

އާންމުންނާއި ބެލެނިވެރިންގެ މާ ބޮޑު ސަމާލު ކަމަށް ނައި ނަމަވެސް، މި ބަލި މަޑުކަމުގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރޭގައި ބޮޑެތި ނޭދެވޭ ކަންތައްތަކެއް ހިނގާފައި އެބަހުއްޓެވެ. މީގެ ތެރެއިން އެއްކަމަކީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގަމުން އަންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ބަލިމަޑުކަމުގެ ތެރޭގައި އޭލެވެލް އިމްތިހާނު ހެދުނު ކަމުގައި ވިއަސް ރާއްޖޭގައި އޭލެވެލް އަށް ކިޔަވައިދޭ އެހެން އެއްވެސް ސްކޫލަކުން މި ފުރުސަތު ދަރިވަރުންނަށް ނުލިބި މިހާތަނަށް ވެސް އޭލެވެލް ނުހެދި ބައެއް ދަރިވަރުން ތިބިކަމެވެ.

ބިލަބޮންގް ސްކޫލަށް މި ހާސިލް ކުރެވުނު ލަނޑުދަނޑި ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ނުކުރާ ކަމަށް އެ ސްކޫލުގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވި އެވެ. ސަބަބަކީ، މިއީ ރާއްޖޭގެ އެހެން ހުރިހާ ދަރިވަރުންނަށް ހަމަހަމަ އުސޫލެއްގެ މަތިން އިމްތިހާނަށް ކުރިމަތިލާންޖެހޭ އުމުރުގައި އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ވާދަ ކުރެވެންޖެހޭނެ ކަމަށް އޭނާ ދެކިވަޑައިގަންނަވާތީ އެވެ. އަދި މިއީ ތައުލީމާ ބެހޭ ގާނޫނުން ވެސް ލާޒިމް ކުރާ ކޮންމެ ދަރިވަރަކަށް ވެސް ލިބެންޖެހޭނެ އަސާސީ ހައްގެއް ކަމުގައިވާތީ ވެސް މެ އެވެ.

ފިންލެންޑު ސްކޫޫލުގެ ދަރިވަރަކު ކްލާސްރޫމުގައި.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑު ސްކޫޫލުގެ ދަރިވަރަކު ކްލާސްރޫމުގައި.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އައިލެންޑާސް އިން ބުނާ ގޮތުގައި ތައުލީމީ ދާއިރާ އަށް ދެން ލިބިފައިވާ އަނެއް ބޮޑު ގެއްލުމަކީ، ދިރާސީ އާ އަހަރު ގްރޭޑް އެކަކަށް ވަނުމުގެ އުމުރުފުރާ އަށް ބަދަލު ގެނައުމާ ގުޅިގެން މި އަހަރު އެޕްރިލް 1 އާއި ޖުލައި 31 އާ ދޭތެރޭ ހަ އަހަރު ފުރި ގްރޭޑް އެކަކަށް ވަނުމުގެ ހައްގު ލިބޭ ހުރިހާ ދަރިވަރުންނަށް ގްރޭޑް އެކަކަށް ވަނުމުގެ މަގު ބަންދުވެ، ޔޫކޭޖީގައި އަންނަ އަހަރު ވެސް ރިޕީޓްވާން މަޖުބޫރުވުމެވެ. މީގެ މާނައަކީ މި ހުރިހާ ކުދިން 30 މަސް ދުވަހު ޔޫކޭޖީގައި ތާށިވެފައި ތިބެން ޖެހުމެވެ. އެއީ ދިރާސީ އަހަރުގައި އާންމުކޮށް އޮންނަ 12 މަސް ދުވަހާއި ދިރާސީ އަހަރަށް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިތުރުކުރި ހަ މަސް ދުވަސް އަދި މި ގޮތަށް ރިޕީޓްވާން ޖެހުމުން އަލުން ހޭދަކުރަންޖެހޭ 12 މަސް ދުވަހުގެ މުއްދަތު ލައިގެންނެވެ.

މި ކުދިން ގްރޭޑް ދިހެއް ނިމޭއިރު ތިބޭނީ 16 އަހަރު ވާންޖެހޭ ތަނުގައި 17 އަހަރު ފުރި ދޮށިވެފަ އެވެ. އޭލެވެލް ނިމި ޔުނިވާސިޓީއަށް ދެވޭއިރު ތިބޭނީ އެ ކުދިންގެ އުމުފުރާގެ ބައިނަލްއަގުވާމީ ހުރިހާ ކުދިންނަށް ވުރެ އުމުރުގެ ގޮތުން އަހަރެއް ފަސްވެ، 19 އަހަރަށް ވުރެ ދޮށިވެފަ އެވެ. މިއީ ވެސް ތައުލީމީ ގާނޫނާ ތައާރުޒުވާ ކަމެއްކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކިޔަވައިދިނުން މުޅިން އޮންލައިންކޮށް ބަދަލުކުރުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ މަގު ބަންދުވުމުން ވާނެ ގެއްލުން ފޫބައްދަން މިދިޔަ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް ދަންމާލި ނަމަވެސް، ބަލިމަޑުކަން ދެމިއޮތުމުން ދަރިވަރުންނަށް ސްކޫލަށް ހާޒިރުވުމުގެ ފުރުސަތު އަނެއްކާ ވެސް ގެއްލުމުން މި ހަ މަސް ދުވަސް ވެސް ބޭނުން ނުހިފި ވީ ބޭކާރެވެ. ސްކޫލުތައް ނުހުޅުވުމުން ވޭތުވެދިޔަ 18 މަސް ދުވަސްތެރޭގައި އޮންލައިން ކްލާސްތައް ބޭއްވި ނަމަވެސް ވަރަށް ގިނަ ދަރިވަރުން ކްލާހަށް ހާޒިރުނުވެ ގޭގައި ތިބިތިބުމަކީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. މިކަމާ ގުޅިގެން ހުރިހާ އޮންލައިން ކްލާސްތަކުގެ އެޓެންޑަންސް ހިސާބުތައް ބަލައިފިނަމަ މި ޕެންޑެމިކް ތެރޭގައި ތައުލީމު ލިބުމުގެ އަސާސީ ހައްގު ގެއްލިފައި ތިބި ދަރިވަރުންގެ އަދަދު މަދު ނުވާނޭކަމަށް ލަފާކުރެވެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލައްނެ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިން ކަމަށް ބުނެލަން ވަރަށް ފަސޭހަ ނަމަވެސް ކުދިންނަށް ކިޔަވައި ދެވުނު އެއްޗެއް އެންމެ ފުރިހަމައަށް ދޭހަވިތޯ ޔަގީންކުރެވޭނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ބަލައިގެންނެވެ.

"ހާއްސަކޮށް ދަށް ގްރޭޑުތަކުގައި އެންމެ މުހިންމު މާއްދާތައް ކަމަށްވާ އިނގިރޭސި، ހިސާބު، ދިވެހި ފަދަ މާއްދާތަކުގެ ފައުޑޭޝަން ދަރިވަރުންނަށް ރަނގަޅަށް ދަސްނުވެއްޖެނަމަ، މި މާއްދާތަކުގެ މައްޗަށް ބިނާކޮށް ދެން ކިޔަވައިދޭ އެހެން ހުރިހާ މާއްދާތަކާއި ފިލާވަޅުތައް ދަރިވަރުންނަށް ދަސްކުރަން އަދި ޓީޗަރުންނަށް ކިޔަވައިދޭން ވަރަށް އުނދަގޫވާނެ." ޑރ. އެއްޔާ ވިދާޅުވި އެވެ.

ފިންލެންޑު ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑު ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އޭނާ ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުގެ ތެރޭގައި، ދުނިޔޭގައި ކުރިއަރާފައިވާ ހުރިހާ ގައުމުތަކެއްގައި ވެސް ސިއްހީ ދާއިރާ ފިޔަވައި ދެން އެންމެ އިސްކަމެއް ދީފައި އޮންނަނީ ތައުލީމީ ދާއިރާއަށެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ސްކޫލުތައް ބަންދުކުރަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ގޯސް ދަނޑިވަޅުތަކުގައި ވެސް އެންމެ ފަހުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، ރާއްޖޭގައި އަމަލުކުރަމުން އައީ މި އުސޫލާ މުޅިން ހިލާފަށެވެ. ރާއްޖޭގައި ކޮންމެ ފަހަރަކުވެސް އެންމެ ކުރިން ބަންދު ކުރާ އަދި އެންމެ ލަހުން ހުޅުވާ ތަނަކަށް ވެފައި އޮންނަނީ ކުދިންނަށް ކިޔެވުމުގެ އަސާސީ ހައްގު ހިމާޔަތް ކޮށްދޭ ސްކޫލްތަކެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވިގޮތުގައި މި ގައުމުގެ ތައުލީމީ ނިޒާމު ބިނާކޮށްފައިވާ މައިގަނޑު އަސާސްތަކަށް ވަރަށް ބޮޑު ގުޑުންތަކެއް އައިސްފައި ވެއެވެ. ވީމާ، ކުރިއަށް މި އޮތް ދިރާސީ އާ އަހަރު ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ މިކަންކަން އިތުރަށް ގޯސްވެ މި ނިޒާމް ރޫޅިގެންދިޔުމުގެ ކުރިން މި އާ ދިރާސީ އަހަރު ޕޮލިސީ ލެވެލްގައި ތައުލީމީ ދާއިރާ އަށް މި ދެއްވި އިސްކަމަށް އައިލެންޑާސްގެ ފަރާތުން ޝުކުރު އަދާކޮށްފައި ވެ އެވެ.

ކުރިއަށް އޮތްތަނުގައި ސްކޫލުތައް ބަންދު ކުރުމުގެ ކުރިން ކެފޭ ރެސްޓޯރަންޓްތަކާއި، ޕާކުތަކާއި، މުނިފޫހިފިލުވުމާއި، އާބާދުވެފައިވާ ރަށްތަކުގެ ގެސްޓްހައުސްތައް ބަންދުވާންޖެހެ އެވެ. ޕާމިޓް ނަގައިގެން ދަންފަޅިތަކަށް ބަހާލައިގެން ވިއަސް ދަރިވަރުންނަށް ސްކޫލަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ގައުމީ ވާޖިބަކަށް އެބަ ވާންޖެހޭ ކަމަށް އަދްލީ ވިދާޅުވި އެވެ.

"މިކަމަކީ ބެލެނިވެރިންނާ ސްކޫލުތަކުގެ އިސްވެރިން އަޑުއުފުލަން ޖެހޭ ކަމެއް. ސަބަބަކީ ކުޑަކުދިންނަށް މިކަންކަމާ ޕަބްލިކް ފޯރަމްތަކުގައި ވާހަކައެއް ނުދެއްކޭނެތީ. އެހެންކަމުން އަޅުގަނޑުމެން އެބަ ޖެހޭ ދަރިންގެ ތައުލީމާމެދު ފުންކޮށް ވިސްނާ އެ ކުދިންނަށް ވޭތުވެދިޔަ ދެ އަހަރުތެރޭގައި ވި ގެއްލުން މި ދިރާސީ އަހަރުގައި ވެސް ރިޕީޓު ނުވާނޭ ގޮތަކަށް އެންމެން އެކުގައި މަސައްކަތްކުރަން." އަދްލީ ވިދާޅުވި އެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގަމުން އަންނަ ކެންގަރޫކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ބިލަބޮންގު ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި އަމީރު އަހްމަދު ޕްރީސްކޫލުގައި މި އަހަރުގެ ދިރާސީ އާ އަހަރު ފަށާއިރު ކިޔަވައިދޭނީ ކޮވިޑުގެ ކުރިން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.