Roadha Mihaaru
ސައިޓުތަކުގެ މައްސަލާގައި ތަރުޖަމާނަށް ގޯސްވީ އެމްޖޭއޭ

"ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން،" ތަރުޖަމާނަށް ގޯސްވީ އެމްޖޭއޭ

22 ޑިސެމްބަރ 2023

ރަޖިސްޓްރީނުކޮށް ހިންގި ދެ ވެބްސައިޓެއް ބްލޮކްކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ފާޑުވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަޖިސްޓްރީނުކޮށް ހިންގި ދެ ވެބްސައިޓެއް ބްލޮކްކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ބްލޮކްކުރި ސީދާ ވަކި ސަބަބެއް ސަރުކާރަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެމައްސަލާގައި ސަރުކާރުން ބުނަމުން ދަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާ ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ބަޔާނެއް ނެރެފައިވަނިކޮށް ޝަހީބު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ނޫހަކީ ވެބްސައިޓެއް ނޫން ކަމަށާއި އެމްޖޭއޭއިން ބަޔާނެއް ނެރުމުގެ ކުރިން، ކަންކަން ބަލަންވާ ވަރަށް ބަލައި ދިރާސާކޮށްފައި ނެތުމުން ހިތާމަކުރައްވާ ކަމަށެވެ.

އެކަމަކު އެ ދެ ވެބްސައިޓު ބްލޮކްކުރީ ކޮން އުސޫލަކުންތޯ ސާފުކުރުމަށް "މިހާރު" ގުޅައި މެސެޖްކުރި ނަމަވެސް ޝަހީބު ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، އިތުރު އެހެން ސައިޓުތަކެއް ބްލޮކްކުރި ކަމެއް ވެސް ނޭނގެ އެވެ.

މީގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީނުކޮށް ވެސް ނޫސްތައް ހިންގަ އެވެ.

އެމްޖޭ އިން ނެރުނު ބަޔާނުގައި ވަނީ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅު އެއީ އެކަން ކުރުމުގެ އުސޫލެއް ވެސް އާންމުނުކޮށް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ ފިޔަވަޅުތައް އެޅުން ވަގުތުން ހުއްޓާލުމަށް ވެސް އެ ޖަމިއްޔާ އިން ގޮވާލަ އެވެ.

ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑއާ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. އެކަމަކު އެ ކައުންސިލަށް އެ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެފަދަ ޝަކުވާއެއް ނުލިބޭ ކަމަށް އެ ކައުންސިލުން ބުނެ އެވެ. އެ މައްސަލާގައި މީޑިއާ ކައުންސިލުން ބުނެފައި ވަނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް މީޑިއާ ކަމަށް އެ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ. އަދި އުސޫލެއް ނެތި އެފަދަ ފިޔަވަޅެއް ވެބްސައިޓްތަކާ މެދު އެޅުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުަރައްކަލެއް ކަމަށެެވެ.