Roadha Mihaaru
ބޮޑު ހުކުމް ބާތިލް، ސަބަބަކީ ހަށިވިއްކާ ކުދިންގެ ބަސް

ބޮޑު ހުކުމަކުން ދެ މީހަކު ސަލާމަތްވެއްޖެ؛ ސަބަބަކީ މަސްތުވެ ހަށިވިއްކާ ކުދިންގެ ބަޔާން

24 ޑިސެމްބަރ 2023

ހަށިވިއްކައި ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގުމާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ރިކޯޑް އޮތް ކުޑަ ދެ އަންހެން ކުއްޖަކު ދީފައިވާ ބަޔާނުގެ މައްޗަށް ދެ މީހެއްގެ މައްޗަށް އިއްވާފައި އޮތް 10 އަހަރުގެ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހަށިވިއްކައި ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގުމާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ރިކޯޑް އޮތް ކުޑަ ދެ އަންހެން ކުއްޖަކު ދީފައިވާ ބަޔާނުގެ މައްޗަށް ދެ މީހެއްގެ މައްޗަށް އިއްވާފައި އޮތް 10 އަހަރުގެ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ފަޅާއެރި މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރީ ކުޑަ ދެ އަންހެން ކުދިންނާ އެކު އެކަހެރި ތަނެއްގައި ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތަށެވެ. އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ 2019 ވަނަ އަހަރު ތެރޭ، އެ ދެ ކުދިން ތަހުގީގަށް ދީފައިވާ ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް، އެ ހެކިބަސް އާދަޔާ ހިލާފަށް ތެދު ކަމަށް ގަބޫލު ކުރެވިގެންނެވެ.

ކްރިމިނަލް ކޯޓުން އިއްވި 10 އަހަރުގެ ޖަލު ހުކުމް ތިން މީހުންގެ ތެރެއިން ދެ މީހަކު އިސްތިއުނާފުކޮށްފައި ވާއިރު، ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލައިގައި ހުކުމް ކޮށްފަ އެވެ. އެ ހުކުމުން ދެ މީހުންގެ މައްޗަށް އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކުރިއިރު އެ ހުކުމް އެ މީހުން ތަންފީޒުކުރާތާ ވަނީ ހަތަރު އަހަރުވެފަ އެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކަމަށް ބުނާ ދެ ކުދިންނަކީ ހާދިސާ ހިނގިއިރު 14 އަހަރު އަދި 16 އަހަރު ދެ ކުދިންނެވެ.

ކުދިންގެ ހެކިބަހެއް ނުނަގާ

ހައި ކޯޓުން އިއްވި ހުކުމްގައިވާ ގޮތުން މައްސަލައިގައި ދެ ކުދިންގެ ތަހުގީގު ބަޔާނަށް ބިނާކޮށް ކުށް ސާބިތުކޮށްފައިވާއިރު، އެ ކުދިން ހެކިންގެ ގޮތުގައި ހުށައެއްނާޅަ އެވެ. އަނިޔާ ލިބުނު ކަމަށް ބަޔާން ކުރާ ކުދިންނަކީ ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އުމުރުގައި ތިބި ކުދިން ނަމަވެސް، އެ ކުދިންނާ މެދު ކަންވީ ގޮތް ޝަރީއަތުގެ ބޭނުމަށް ކިޔައިދެވޭ އުމުރުފުރާގެ ކުދިން ކަމަށް ހުކުމްގައިވެ އެވެ. އަދި އެ ކުދިންގެ ހެކިބަސް ނެގުމަކާނުލައި، "ކުޑަކުއްޖާގެ ހެކިބަސް އާދަޔާ ހިލާފަށް ތެދުކަމަށް" ގަބޫލު ކުރެވެއޭ ބުނެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ބީރައްޓެހި ގޮތެއް ކަމަށް ބުންޏެވެ.

"މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމުގައި ކުށުގެ މައްސަލައަކާ ގުޅިގެން ހެކިބަސް ދޭން ހުރީ އެންމެ ހެއްކެއް ނުވަތަ އަނިޔާ ލިބުނު މީހާ ނުވަތަ މީހުން އެކަނި ކަމަށްވާ ހާލަތުގައި އޭނާގެ ހެކިބަހަކީ އާދަޔާ ހިލާފަށް ތެދު ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ކަމަށް ނިންމޭނީ ހެކިބަސްދޭ މީހާގެ ހެކިބަސް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނަގައި އަޑު އަހައިގެން،" ހުކުމްގައިވެ އެވެ.

ކުޑަކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނަކީ އެ ކުއްޖާ ޝަރީއަތުގެ ބޭނުމަށް ދޭ ހެކިބަހެއް ނޫން ކަމަށާއި އެއީ އެ ބަޔާން ނަގާފައިވަނީ ފަނޑިޔާރެއް ނެތި، ހުވާކުރުމެއް ވެސް ނެތި ކަމަށްވާތީ ކަމަށް ހުކުމްގައިވެ އެވެ. އެއީ ހެކިބަހެއްގެ މައްޗަށް ބަރޯސާވެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ކުރާއިރު ކޮންމެހެން ނުކޮށް ނުވާނެ ކަންކަން ކަމަށް ވެސް ހުކުމްގައިވެ އެވެ.

ދެ ކުދިންގެ ތަހުގީގު ބަޔާނާ މެދު ވެސް އެތައް ޝައްކުތަކެއް ހުރިކަން ހުކުމްގައި ފާހަގަކުރި އެވެ. ހުކުމުގައިވާ ގޮތުން، އެ ބަޔާން ނެގުމަށްފަހު އެ އެކި ފަހަރު މަތިން ބަދަލުކޮށްފައިވާ ކަން ވެސް އެނގެން އެބަ އޮތެވެ.

ކްރިމިނަލް ކޯޓު: ހަށިވިއްކައި މަސްތުވެ އުޅޭ ދެ ކުއްޖެއްގެ ބަޔާނުން ކުށް ސާބިތުކުރި ދެ މީހެއްގެ މައްޗަށް އޮތް ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ކްރިމިނަލް ކޯޓު: ހަށިވިއްކައި މަސްތުވެ އުޅޭ ދެ ކުއްޖެއްގެ ބަޔާނުން ކުށް ސާބިތުކުރި ދެ މީހެއްގެ މައްޗަށް އޮތް ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

"ވާހަކަ މި ދެކެވެނީ ސީރިއަސް ކަންތައްތަކެއްގެ ވާހަކައެކެވެ. އެއްކޮޅުން ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުދިން ޝާމިލުކޮށްގެން ހަށިވިއްކުވުމާއި މަސްތުވާތަކެތި ދިނުމާއ،ި ބޭނުން ކުރުމާއ،ި ބަނގުރާ ދިނުމާއ،ި ބަނގުރާ ބުއިމާއި އެ ނޫން ވެސް ކުށްތަކެއް ގިނަ ބަޔަކު ކުރިކަމުގެ ވާހަކަ އެވެ. އަނެއްކޮޅުން އެކަމުގެ ތުހުމަތު ކުރެވުނު މީހުންގެ ޝަރީއަތުގައި މުއްތަހަމުގެ މައްޗަށް ކުށް ސާބިތުކޮށް ބޮޑެތި އަދަބުތަކެއް ދިނުމުގެ ވާހަކަ އެވެ. ކުޑަކުއްޖާ ކިޔައިދޭ ވާހަކަތައް އޯޑިއޯ ވީޑިއޯ ކުރާން ގާނޫނުގައި އޮންނާތީ އެގޮތަށް އެކަން ކުރުމަކުން ޝަރީއަތުގެ ބޭނުމަކަށް ނުފުދޭނެ އެވެ." ހުކުމްގައިވެ އެވެ.

"ހިޔާލީ ދުނިޔެއަކުން ނިކުމެ ހަގީގީ ދުނިޔެއެއްގައި ޝަރީއަތްތައް ހިންގާ ގޮތް ދެނެގަނެ އެފަދަ ޝަރީއަތަކަށް ބޭނުންކުރެވޭ ގޮތަށް ކުޑަކުދިންނާ ކުރެވޭ އިންޓަވިއުގެ ކަންކަން ބައްޓާންކުރާން ޖެހެ އެވެ. ހާއްސަކޮށް ކުޑަކުއްޖާއާ އިންޓަވިއު ކުރާ ފަރާތާއި އެތަނުގައި ދެންތިބޭ މީހުންނަކީ ކޮބާކަން ފެންނާނެހެން މިދެންނެވި އޮޅުންތައް ފިލާ ގޮތަށް މިކަންކަން ކުރާން ޖެހެ އެވެ."

ވާހަކަތައް ދެކޮޅު ނުޖެހޭ، ކުދިންގެ އަހްލާގެއް ނެތް

މި މައްސަލައިގައި މި ކުދިން ބަޔާން އެންމެ ފުރަތަމަ ނަގާފައިވަނީ ވެސް އަނިޔާ ލިބުނު ކުދިންގެ ގޮތަކު ނޫނެވެ. އެ ކުދިންނަށް އޭރު ކުރީ ހަށިވިއްކުމުގެ ތުހުމަތެވެ. ނަމަވެސް، ބަޔާނުގައި އެ ދެ ކުދިން ވަނީ ތިން ފިރިހެނެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ.

ދެ ކުދިން ވެސް ތަހުގީގަށް ދިން ބަޔާނުގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ހާދިސާ ހިނގި ގޮތާ މެދު ބޮޑެތި ފުށުއެރުންތަކެއް އެބަ ހުއްޓެވެ. ހާއްސަކޮށް، ހާދިސާ ހިނގި ކަމަށް ދެ ކުދިން ބުނާ ތާރީހު ވެސް ތަފާތެވެ.

"ބަޔާންކުރާ ހާދިސާގައި ހިނގި ކަމަށް ބުނާ ތަނަށް ދިޔަ ދުވަސް އަދި ވަގުތު ބަޔާން ކޮށްދިނުގައި އެއްގޮތަކަށް މި ވާހަކަ ކިޔައެއް ނުދެ އެވެ. ހަމައެހެންމެ ފުރަތަމަ ކުޑަކުއްޖާ ގެ އެއްބަޑު އެއްބަފާ ދައްތައަށް ވެސް މި ހާދިސާ ހިނގި ކަމަށް ބުނާ ދުވަސް ކިޔައިދީފައިވަނީ ދެވަނަ ކުޑަކުއްޖާ ކިޔައިދޭ ގޮތާއި މުޅިން ތަފާތު ތާރީހަކާއި ވަގުތެއް ކަމަށްވާތ،ީ ކުށް ސާބިތު ކުރުމަށް އެ ވާހަކަތަކަކީ އާދަޔާ ހިލާފަށް ތެދުކަމަށް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫނެވެ." ހުކުމްގައިވެ އެވެ.

ކުޑަ ދެ ކުދިންގެ ސުލޫކާ ގުޅޭ ގިނަ މައްސަލަތަކެއް ހައި ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެތަނުން އެއް ކުއްޖަކާ ގުޅޭ ދެ ހާދިސާއެއް ކިޔައިދީފައި އޮތެވެ. އެއް ހާދިސާ އަކީ އެ ކުއްޖާ ރައްޓެހިވެގެން އުޅޭ ކުދިން ގެއަށް ނުގެނެވޭތީ، އެކަމުގެ ރުޅީގައި އޭނާގެ ބައްޕަ، ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފެތުރި އަޑެވެ. އޭރު އެ ކުއްޖާގެ އުމުރުން 13 އަހަރެވެ. އަދި ގިނަ ފިރިހެން ކުދިންތަކަކާ އެކު ގައިގޯޅިވެ މަސްތުވާން ހުއްޓާ އެ ކުއްޖާ ހިފެހެއްޓި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ.

އަދި ދައުވާގައިވާ ހާދިސާ ހިނގި ދުވަހު ވެސް "އެބަޖެހޭ މިޝަންއެއް ޖައްސަން، ތިމަންނަ ފައިސާ ހޯދަންޖެހެއޭ" އޭނާ ބުނި ކަމަށް، ބަޔާން ދީފައިވެ އެވެ. އަދި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ. "އެ މީހުންނަކީ ވަރަށް ޑާކު ބައެކޭ. އެހާ ބޮޑާމީހުން ރަނގަޅު ވާނީ ބުރުވާލިއްޔާއޭ" މި މައްސަލާގައި ދައުވާ ލިބޭ ތިން މީހުންނަށް ނިސްބަތްކޮށް، ކުއްޖާ ބުނެފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ދެވަނަ ކުއްޖާއާ ގުޅޭ ގޮތުން ތައްޔާރުކުރި އެސެސްމެންޓް ރިޕޯޓުން އެނގޭ ގޮތުގައި އެ ކުއްޖާއަކީ ޖިންސީ ކަންތައްތައް ނުކޮށް ނުހުރެވޭ އަދި ގިނަ ބަޔަކާ އެކު އެކަން ކުރާ ކުއްޖެއް ކަން އެނގެ އެވެ. ކުޑަ ކުއްޖަކު އަމިއްލައަށް އޭނާއަކ،ީ ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގާ ބަނގުރާ ބޮއެ ތެޔޮބިޑި ބޮއެ ހަދާ ކުއްޖެއް ކަމަށް ބުނާއިރު އެ ކުއްޖާގެ ބަހަށް ބުރަވެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރާ ނަމަ ކުއްޖާ އޭނާގެ އަމިއްލަ ނަފްސާ މެދު ބުނާ ބުނުންތަކަށް ވެސް ބުރަދަން ދެވެންޖެހޭ ކަމަށް ހުކުމްގައިވެ އެވެ.

"ކުޑަ ދެ ކުދިންނަކ،ީ ދައުވާގައި ބަޔާންކުރާ ހާދިސާގެ މާކުރިން ފެށިގެން އެ ކުދިންގެ އުޅުމާއި ސުލޫކާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ގޮތަށް އުޅެމުންދިޔަ ދެ ކުދިންކަން އެނގެ އެވެ. އެ ދެ ކުދިން އެހެން އުޅެން މަޖުބޫރުވީ އާއިލާގެ ސަބަބުން ކަމަށް ވުމަކީ ވެސް ވެދާނެ ކަމެކެވެ. އަދި އެއީ ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތުތައް ރައްކާތެރިކުރުމަށް ދައުލަތުން އެކަށައަޅާފައިވާ އެކިއެކި ފަރާތްތަކުގެ އިހުމާލުގެ ނަތީޖާ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އެ ކުދިންގެ އުޅުމާއި ސުލޫކު ހުރި ގޮތަކީ އެ ކުދިންގެ ބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރާ ހާލަތުގައި ފަނޑިޔާރު ބަލަންޖެހޭނެ ކަމެކެވެ." ހުކުމްގައި ބުންޏެވެ.

އެހެންވެ، މި މައްސަލާގައި ދައުވާ ކުރި ތިން މީހުންގެ ތެރެއިން އިސްތިއުނާފުކުރި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެމީހުންގެ މައްޗަށް އޮތް ޖަލު ހުކުމް ބާތިލްކުރި އެވެ.

މި ދެ މައްސަލައިގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.