Roadha Mihaaru
އަމިއްލައަށް މުސާރަ ކަނޑަނޭޅެ ގޮތް ހަދަން ގޮވާލައިފި

މެންބަރުންގެ މުސާރަ އަމިއްލައަށް ކަނޑަނޭޅޭ ގޮތް ހަދަން ގޮވާލައިފި

25 ޑިސެމްބަރ 2023

އެ ބައެއްގެ މުސާރަ އެ ބަޔަކު އަމިއްލައަށް ކަނޑައެޅުން މަސްލަހަތު ފުށުއަރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް އެ މެންބަރުން އަމިއްލައަށް ކަނޑަނޭޅޭ ގޮތް ހަދަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ ބައެއްގެ މުސާރަ އެ ބަޔަކު އަމިއްލައަށް ކަނޑައެޅުން މަސްލަހަތު ފުށުއަރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް އެ މެންބަރުން އަމިއްލައަށް ކަނޑަނޭޅޭ ގޮތް ހަދަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފަ އެވެ.

މަޖިލީހުގެ މި ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، މަޖިލިސް މެމްބަރުން ހިމެނޭހެން، ގިނަ ބައެއްގެ މުސާރަ ބޮޑުކުރަން ނިންމުމުން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ، އެއްވެސް އަސާސަކަށް ބިނާކުރުމެއް އަދި މަޝްވަރާއެއް ނެތި މި ދަނޑިވަޅުގައި މުސާރަ ބޮޑުކުރުމުން މެމްބަރުންގެ ނަޒާހަތްތެރިކަމާއި ނިޔަތާއި މަގްސަދާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.

މި ކަންބޮޑުވުމާ އެކު ޓްރާންސްޕޭރެންސީން ވަނީ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އަމިއްލައަށް ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް ގޮވާލައިފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިިދިޔަ ހަފުތާގައި ނިންމާފައިވަނީ މެމްބަރުންނާ އެކު ރައީސް، ނައިބު ރައީސް އަދި ކެބިނެޓް ވަޒީރުންނާއި ކައުންސިލަރުންނާއި ޕީޖީ، އޮޑިޓާ ޖެނެރަލް އަދި އެމްއެމްއޭ ގަވަރުނަރުގެ މުސާރަ ބޮޑުކުރާށެވެ.

ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން އެ މަގާމުގެ މުސާރަ އަކީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވިޔަސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާ އެކު 93،000ރ. އަށް އަރާނެ އެވެ. މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ.

ޓްރާންސްޕޭރެންސީން ބުނީ ރާއްޖޭގައި މަސައްކަތްތެރިންނަށް ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން އެންމެ އެކަށީގެންވާ އުޖޫރައެއް ކަނޑައަޅާފައި ނުވާއިރު އަދި ހިދުމަތްތައް ހޯދުމަށް ހަމަހަމަ ފުރުސަތުތަކެއް އެންމެންނަށް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ރައްޔިތުން ތަމްސީލުކުރަން ތިބި މެމްބަރުން އެކަންކަން ރަނގަޅުކުރަން ގެންނަންޖެހޭ މުހިއްމު ގިނަ ބަދަލުތައް ނުގެނެސް، އެ މެމްބަރުންގެ މުސާރަ އަމިއްލައަށް ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މުސާރަ ކަނޑައެޅުމުގައި އެއްހަމަކުރުމުގެ އެޕްރޯޗެެއް ގެންގުޅެ، ގިންތީގެ ފަރަގު ކުޑަކޮށް ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ފެށިކަމަށެވެ. ނަމަވެސް، މަތީ މަގާމުތަކުގެ މުސާރައަށް މިފަދަ ބަދަލެއް ގެނައުން ޕޭ ހާމަނައިޒޭޝަންގެ މަގުސަދާއި އެކަން ހާސިލްކުރަން ކުރެވިފައިވާ މަސައްކަތާއި މުޅިން ހިލާފު ކަމަށެވެ.

"މަޖިލީހުގެ ގަވައިދު އިސްލާހުކުރަން 2019 ވަނަ އަހަރު މަސައްކަތް ކުރެވެމުންދިޔައިރު ވެސް މި ޖަމިއްޔާއިން ވަނީ ކޮމިޓީ އެލަވަންސްތައް ކަނޑާލައި މަޖިލިސް މެމްބަރުން ކުރާ ހަރަދުތައް ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. ކޮމިޓީ މަސައްކަތްތަކަކީ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށްވުމާއެކު މިކަމަށް އިތުރު އެލަވަންސެއް ދިނުމަކީ މި ޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫނެވެ." ޓްރާންސްޕޭރެންސީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް ފާސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އިސް މަގާމުތަކަށް ބޮޑު މުސާރައެއް ކަނޑައެޅުމުގެ އެއް މަގުސަދަކީ މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަން އަދި ނަހަމަގޮތުގައި މުދަލާއި ފައިސާ ހޯދުން ހުއްޓާލުން ކަމަށާއި މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް މިއަދާ ހަމައަށް ވެސް މަޖިލީހުގެ މާލީ ކޮމިޓީގައި އޮންނަކަން ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން، މެމްބަރުން ޖަވާބުދާރީކުރެވޭނެ ނިޒާމު ހަރުދަނާ ނުކޮށް، މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މި ދަނޑިވަޅުގައި މަސައްކަތްކުރުމަކީ އެކަމުގެ މަގުސަދު ގެއްލޭ އަދި ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުންޏެވެ.

ޓްރާންސްޕޭރެންސީން ވަނީ ޑިމޮކްރަސީ ކުރިއަރުވާ ހިންގުމުގެ ބާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ހަރުދަނާކުރުމަށްޓަކައި، އެ ނިންމުން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ގޮވާލައިފަ އެވެ.