Roadha Mihaaru
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ކުޑަވެ މަޖިލީހަށް

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ބޮޑުކޮށްދޭން އެދި މަޖިލީހަށް ސިޓީއެއް

09 ޖުލައި 2024

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ކުޑަ ކަމަށް ބުނެ، މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ކުޑަ ކަމަށް ބުނެ، މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރު އުފެއްދި މަގާމެކެވެ. އެ މަގާމަށް ހާއްސަ އޮފީހެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ގާސިމް އިބްރާހިމް ވަނީ އެ އޮފީހުން ފޮނުވާފައިވާ ސިޓީއެއް އިއްވަވާފަ އެވެ. އެ ސިޓީގައި އެދިފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ބޮޑުކޮށްދިނުމަށެވެ.

ކޮމިޓީގެ ސެކްރެޓޭރިއަޓުން ވަނީ އެ ސިޓީއާ ގުޅޭ ތަފްސީލް މެންބަރުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ މާލިއްޔަތު ކޮމިޓީން މުރާޖައާކޮށްފައިވާ ކަން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ވެސް ހިމެނެ އެވެ.

އެންމެ ފުރަތަމަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ކަމަށް ކަނޑައަޅާފައިވަނީ 35،000ރ. އެވެ. ޑިސެމްބަރު މަހު ގެނައި ބަދަލުގައި އެ މަގާމުގެ މުސާރަ 41،000ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް، މިއީ އެހެން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް ވުރެ ކުޑަ އަދަދެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މަޖިލީހަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ އެކަމެވެ. ކޮމިޓީގެ ސެކްރެޓޭރިއަޓުން ބުނި ގޮތުގައި މާލިއްޔަތު ކޮމިޓީން މުސާރަތައް މުރާޖައާކުރިއިރު ވިސްނުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އަކީ މިނިވަން މުއައްސަސާއަކަށް ވުރެ ދަށް ލެވެލްގެ އިދާރާއެއް ކަމަށް ބެލުމެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ މި މައްސަލާގައި ޕޭ ކޮމިޝަން އާ ބައްދަލުކުރުމަށް ފަހު ކޮމިޓީން ގޮތެއް ނިންމުމަށް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުން ކޮމިޓީން މިއަދު ފާސްކުރި އެވެ. އަދި ކޮމިޓީއަށް ޕޭ ކޮމިޝަން ހާޒިރުކޮށް މިނިވަން މުއައްސަސާތަކާއި އެހެން އިދާރާތަކުގެ މުސާރަތައް އެއްހަމަ ކުރަން މިހާރު ކުރަމުންދާ މަސައްކަތުގެ އަޕްޑޭޓް ބެލުމަށް ވެސް ނިންމި އެވެ.