Roadha Mihaaru
މުސާރަ ކަނޑައަޅަނީ މަޖިލިހަކުން ނޫން: އަމީރު

އަމީރުގެ ރައްދު ރައީސަށް: ސިވިލް ސާވިސްގެ މުސާރަ ކަނޑައަޅަނީ މަޖިލިހަކުން ނޫން

13 މާޗް 2024

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރޭ ރައްދު ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރޭ ރައްދު ދެއްވައިފި އެވެ.

އަމީރު ރައީސަށް ފާޑުވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވުމުންނެވެ.

"ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން. ސިވިލް ސާވިސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން. ޕޭ ކޮމިޝަނުން ވާނީ ޕޭ މެޓްރިކްސް ހަދައި ފްރޭމްވޯކް ހަދައިފައި. މިއީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން،" އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކޮށްފައި ވަނީ ސިވިލް ސާވިސްގެ މުސާރަ ވެސް ބޮޑުކުރާ ގޮތަށް ކަމަށެވެ. ޕޭ ކޮމިޝަނުން މުއައްސަސާތައް ގިންތި ކޮށްފައި ވަނީ މަގާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުންނެވެ.

ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ގިންތިކޮށްފައި އޮންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށާއި މައިގަނޑު މައްސަލައަކީ އެއީ ކަމަށެވެ. ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިނޭންސް މިިނިސްޓްރީން ބޭނުންވިޔަސް މަޖިލީހުން ގިންތިކޮށްފައި އޮންނަ ގޮތުން އެކަން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަމަށް މިހާރު ވެސް ހައްލެއް ގެނެވޭނީ މަޖިލިސްގެ ތެރެއިން. މަޖިލިސްގެ ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަން ހައްލުކުރެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތެވެ. ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަ މިންވަރަކުން މުސާރަތައް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.