Roadha Mihaaru
ވިލިމާލޭގެ ފައިބަރު މަސައްކަތްތަކަށް ތިލަފުށިން ބިމެއް

ވިލިމާލޭގައި ފައިބަރު މަސައްކަތް ހުއްޓާލަން ތިލަފުށިން ބިމެއް ދެނީ

25 ޑިސެމްބަރ 2023

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ބިމެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ބިމެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތް މިހާރު ކުރަނީ އެ ރަށުގެ އިރުމަތީ ފަރާތުގަ އެވެ. ތިލަމާލެ ބްރިޖް އެޅުމަށް އެ ސަރަހައްދަށް ފައިބަރު މަސައްކަތްތައް ބަދަލުކުރުމުން، އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކުރި އެވެ.

މާލޭގެ މޭޔަރު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ވެސް ވިލިމާލޭގައި ދިމާވެފައި އޮތް އެ މައްސަލަ ހައްލުކުރަން ތިލަފުށިން ބިމެއް ދޭން ސަރުކާރުގައި އެދުނެވެ. އެކަމަކު ކައުންސިލުން އެދުނު ގޮތަށް އޭރު ބިން ހަމަޖައްސައެއް ނުދެ އެވެ.

މާލޭ ސިޓީ ކައުންސިލާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވީ ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތަކަށް ތިލަފުށިން ބިމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މާލެސިޓީ ގެ އެކްޓިން މޭޔަރު އަހްމަދު ނަރީޝް އާއި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މާލެސިޓީ ގެ އެކްޓިން މޭޔަރު އަހްމަދު ނަރީޝް އާއި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ.

ވިލިމާލެއިން ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން، ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިބަރު މަސައްކަތް ކުރާއިރު އަރާ ކުނޑިން ގެއްލުންވާތީ ވިލިމާލޭ ރައްޔިތުންގެ ޝަކުވާ އަބަދު ވެސް ކައުންސިލަށް ލިބެ އެވެ. އެކަން ހައްލު ކުރުމަށް ކުރީ ސަރުކާރުގައި އެތައް ފަހަރަކު އެދުނު ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ރައީސްގެ މޭޔަރު ކަމުގައި ހުންނެވި އިރުވެސް އޭރު ދައުލަތުގެ އިދާރާތަކަށް އަޅުގަނޑުމެން ލިޔުނިން އަޅުގަނޑުމެންނަށް އެކަށީގެންވާ ބިމެއް ތިލަފުށިން ނުވަތަ ގުޅީފަޅުން ހަމަޖައްސައިދޭން ނަމަވެސް މިދިޔަ ސަރުކާރު ނިމިގެން ދިއުމާ ހަމައަށް ވެސް އަޅުގަނޑުމެންނަށް އެއްވެސް ބިމެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"މިހާރުގެ ރައީސް، އިއްޔެގެ ވަގުތެއްގައި ވަނީ އާބަންކޯ މެދުވެރިކޮށް ތިލަފުށީގެ ސަރަހައްދުން އަޅުގަނޑުމެންނަށް ބިން ހަމަޖައްސައިދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި."

ނަރީޝް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުން ކަމަށާއި އެ މަސައްކަތްތައް ކުރާނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަމަށެވެ.