Roadha Mihaaru
މަދިރި މަދުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ފަށަނީ

މަދިރި މަދުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ފަށަނީ

26 ޑިސެމްބަރ 2023

ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު ފެނުމުން، މަދިރި މަދުކުރަން މުޅި ރާއްޖޭގައި ހަރަކާތެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު ފެނުމުން، މަދިރި މަދުކުރަން މުޅި ރާއްޖޭގައި ހަރަކާތެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

މިހާރު ކުރިއަށްގެންދާ ހެލްތު ސްކްރީނިންތަކުން މިހާތަނަށް އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި ފައިލޭރިއާއިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މަދިރި އުފެދޭ ތަންތަން ހޯދައި އެ ތަންތަން ނައްތާލަން ކުރިއަށް ގެންދާ ކެމްޕޭން ފަށަން ނިންމާފައި ވަނީ އަންނަ ހަފްތާގަ އެވެ. މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕޭނު ބާއްވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ އެކު އެ ހަރަކާތުގައި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ ވެސް ބައިވެރިވާނެ ކަމަށެވެ. މާލޭގައި ކުރިއަށް ގެންދާ ހަރަކާތުގައި ވެމްކޯ އާއި އެމްއެންޑީއެފް އަދި ފުލުހުން ބައިވެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައިލޭރިއާގެ ކޭސްތަކާ ގުޅިގެން އަރބަންކޯއިން "ފައިލޭރިއާއިން ރައްކާ" ނަމުގައި ކެމްޕެއިނެއް ފަށައި، ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅައި މި ޒޯންތަކުގައި މަދިރި އުފެދޭ ތަން ތަން ދެނެގަތުމަށް ސާވޭ ފަށަައިފަ އެވެ.

ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިއާ ނުޖެހިދާނެ އެވެ.

އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިއާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ.

އެންމެ ފަހުން ރާއްޖެއިން ފައިލޭރިއާ ކޭސްއެއް ރިޕޯޓު ކޮށްފައި ވަނީ 2004 ގައި، ލ. ފޮނަދޫއިންނެވެ. އެ ރަށު މީހުންނަށް ފަސް އަހަރު ވަންދެން ބޭސް ދިނުމަށް ފަހު، 2008 ވަނަ އަހަރުން ފެށިގެން ވަނީ ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނޭތޯ ސާވޭއެއް ވެސް ކުރި އެވެ.

އޭގެ ފަހުން ފައިލޭރިއާގެ ކޭސްއެއް ފެނިފައި ނުވާތީ އެއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ނިންމައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ 2016 ވަނަ އަހަރު ވަނީ އެކަމުގެ ލިޔުން ވެސް ދީފަ އެވެ.