Roadha Mihaaru
ރުހުން ދިނުން "ވާނުވާ" އަށް ދޫކޮށްލާފައި ޗުއްޓީއަށް!

ވަޒީރުންނަށް ރުހުން ދިނުން "ވާނުވާ" އަށް ދޫކޮށްލާފައި މެމްބަރުން ދެ މަހުގެ ޗުއްޓީއަކަށް!

27 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރު މާދަމާ ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް "ޕާކް" ކުރުމަށް ފަހު ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރު މާދަމާ ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް "ޕާކް" ކުރުމަށް ފަހު ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައެއް ނުނިންމައި މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ "ވާނުވާ" ގައި މިހާ ގިނަ ދުވަހު ބާއްވައިގެން ތިބި ފަހަރު ވެސް މެ އެވެ.

އަންނަ އަހަރާ އެކު، މަޖިލިހުގެ އާ ދައުރު ދެން ފަށާނީ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.

އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މައްސަލަ ފުރަތަމަ ކޮމިޓީން ފާސް ކުރުމަށް ފަހު ތަޅުމަށް ފޮނުވި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރުންނަށް ރުހުން ދިނުމަށްޓަކައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލު ކުރިޔަސް ކޯރަމް ހަމަ ނުވާތީ އެ ބައްދަލުވުން ކެންސަލް ކުރީ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މަޖިލިހުގެ އިދާރާ އިން މަސައްކަތެއް ނުކުރެ އެވެ.

މިނިސްޓަރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތް އިރު މަޖިލީހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވަނީ މާދަމާއާ ހަމައަށް ދައުރު ދަންމާލުމަށެވެ.

ސަރުކާރު ޒިންމާދާރު ކުރުވަން އޮތް އިދިކޮޅު ޕާޓީން އަމަލު ކުރަމުން އަންނަނީ ޒިންމާދާރު ކަން ކުޑަ ގޮތަކަށް،"--- ތޯރިގު

އެކަމަކު، މިއަދު ވެސް ކޮމިޓީގެ ބައްދަލުވުމެއް ނެތެވެ. އެހެންވެ، މާދަމާ ބާއްވާ މި އަހަރުގެ ފަހު ދައުރުގެ އެންމެ ފަހުގެ ޖަލްސާ އަށް ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލަ ތާވަލެއް ނުކުރެވޭނެ އެވެ.

އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވެސް ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި އިތުރު ޖަލްސާއެއް ބޭއްވިދާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގައި ވަކި ގޮތަކަށް ނިންމާފައި ނުވި ނަމަވެސް ކޯރަމް ލިބޭ ވަރަކަށް މެންބަރުން މާލޭގައި ވަޑައިގެން ނެތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ތިއްބެވީ ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުން ނުނިންމާނެ ކަމަށް ބައްލަވައި ގޮތް ކަނޑައަޅުއްވައިގެންނެވެ. އެކަމަކު، ރަސްމީކޮށް އެ މައްސަލާގައި މީޑިއާއާ ވާހަކަ ދައްކަވަން އެ ބޭފުޅުން ބޭނުމެއް ނުވެ އެވެ.

މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ ގޮތުން ނަމަ ކޮމިޓީ ރިޕޯޓު ތަޅުމަށް ފޮނުވުމަށް ފަހު އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް މެންބަރުންނަށް ދެ އެވެ. މި އަހަރުގެ ފަހު ޖަލްސާ މާދަމާ އަށް ތާވަލު ކޮށްފައިވާއިރު، އެ މުއްދަތެއް ދެން ނެތެވެ.

ޕީޕީއެމް/ޕީއެންސީން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެ މަސައްކަތް ގަސްދުގައި ނުނިންމައި ދިގު ދަންމަނީ އެވެ. އެއީ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ބޭނުމުގައި ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

"ސަރުކާރު ޒިންމާދާރު ކުރުވަން އޮތް އިދިކޮޅު ޕާޓީން އަމަލު ކުރަމުން އަންނަނީ ޒިންމާދާރު ކަން ކުޑަ ގޮތަކަށް،" ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި އެވެ.