Roadha Mihaaru

އާ އަހަރު ފާހަގަކުރަން ހަވާ އެރުވުމާ އެކު މިއުޒިކް ފެސްޓިވަލެއް

އާ އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާ އެކު މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.

އާ އަހަރު ފާހަގަކުރަން ހަވާ އެރުވުމާއި މިއުޒިކް ޝޯއެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

28 ޑިސެމްބަރ 2023

އާ އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާ އެކު މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އާ އަހަރު ފާހަގަކުރަން މިއުޒިކް ޝޯ ބޭއްވުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް މި ފަހަރު އާ އަހަރު ފާހަގަކުރުމަށް ނިންމާފައި ވަނީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ނަމުގައި ބާއްވާ ފެސްޓިވަލަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ އެ ފެސްޓިވަލުގައި ކުޑަކުދިންގެ އާއިލީ ހަވީރެއް އަންނަ ހޮނިހިރުދުވަހު އޮންނާނެ އެވެ. ލޭޒާ ޝޯ އާއި ހަވާ އެރުވުން އޮންނާނީ ރޭގަނޑު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ބާއްވާ ފުރަތަމަ އިވެންޓަށް ވާތީ މި ފެސްޓިވަލް ރޭވުމުގައި ބަލާފައި ވާނީ، ވީހާވެސް ގިނަ ދިވެހި ފަންނާނުންނަށް ހާއްސަ ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުތަކުގައި ވެސް ކޮންމެ އަހަރެއް ފަށަން ހަވާ އެރުވުމާ އެކު މިއުޒިކް ޝޯ ބޭއްވި އެވެ.