Roadha Mihaaru
ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަނީ

ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަނީ

03 ޖެނުއަރީ 2024

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ، ޓްރެފިކް ތޮއްޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެކަމަށް ހައްލުތަކެއް އަންނަންޖެހޭތީ، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ އެކު ޓެކްޓިކަލް ޕްލޭނެއް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާއިރު 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށެވެ.

އެއީ އާދަޔާ ހިލާފަށް ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށް ދާ ކަމަށް ވަންޏާމު މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން... މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް. ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އުސޫލުގެ ތެރެއިން މިކަން ހެޔޮހިތައިގެން މިކަން ކުރަން ކޮށްފިއްޔާމު އަޅުގަނޑަކަށް ހިއެއް ނުވޭ މި އަދަދަކަށް ރަޖިސްޓްރީވާނެހެން." އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ފަންޑިންގައި ޓްރެފިކްގެ މައްސަލަ ހައްލުކުރަން ޕްރޮފެޝަނަލް އެކްސްޕަޓީސް ހޯދުމަށް ބޭރުގެ ބަޔަކާއެކު މާދަމާ ސޮއިކުރާނެ ކަމަށެވެ. އޭރުން، އެ ފަރާތުން ދޭ ރިކޮމެންޑޭޝަން ކެބިނެޓަށް ހުށަހަޅައިގެން ނޫނީ ގާނޫނަށް ބަދަލުތައް ގެނެސްގެން ވެސް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ފެށޭނެކަން ފާހަގަކުރެއްވި އެވެ.

އެކަމުގެ އިތުރުން، ދުނިޔޭގައި ޓްރެފިކްގެ މައްސަލަ ހައްލުކުރުމުގައި ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނަވަތަ ސިންގަޕޫރު ފަދަ ގައުމަކުން ވެސް ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ޓްރެފިކްގެ މައްސަލައާއެކު، މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތަކެއް ހަދަން ނިންމައިފަ އެވެ. އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.