15 ފެބުރުއަރީ 2017
ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރުމަކީ އެ ނިންމުމެއްގެ ސަބަބުން ހައްގެއް ގެއްލޭ ކަމަށް ގަބޫލު ކުރެވޭ ފަރާތަށް ޝަރުއީ މަރުހަލާގައި ދީފައި އޮންނަ މުހިންމު ފުރުސަތެކެވެ. ދަށު ކޯޓަކުން މީހަކާ މެދު ނުވަތަ ބަޔަކާ މެދު އެޅި ފިޔަވަޅު ތަންފީޒުވެގެން ނިމޭއިރު ވެސް ނުވަތަ އޭގެ މުއާމަލާތް ކެނޑޭއިރު ވެސް އިސްތިއުނާފް މަރުހަލާއިން ގޮތެއް ނުނިމި އޮންނަން ވެއްޖެ ނަމަ އިސްތިއުނާފް މަރުހަލާގެ ބޭނުމެއް ނެތެވެ.
ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރުމަކީ އެ ނިންމުމެއްގެ ސަބަބުން ހައްގެއް ގެއްލޭ ކަމަށް ގަބޫލު ކުރެވޭ ފަރާތަށް ޝަރުއީ މަރުހަލާގައި ދީފައި އޮންނަ މުހިންމު ފުރުސަތެކެވެ. ދަށު ކޯޓަކުން މީހަކާ މެދު ނުވަތަ ބަޔަކާ މެދު އެޅި ފިޔަވަޅު ތަންފީޒުވެގެން ނިމޭއިރު ވެސް ނުވަތަ އޭގެ މުއާމަލާތް ކެނޑޭއިރު ވެސް އިސްތިއުނާފް މަރުހަލާއިން ގޮތެއް ނުނިމި އޮންނަން ވެއްޖެ ނަމަ އިސްތިއުނާފް މަރުހަލާގެ ބޭނުމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފް ކުރެއްވިޔަސް ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓަށް ނުބޭއްވިގެން އުޅެނިކޮށް އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބަލައި ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ނިންމައި އެ ހުކުމް ބާތިލްކޮށްފި ނަމަ އޭގެ މާނައަކީ ހަ މަސް ވަންދެން މަހްލޫފް ޖަލުގައި ބެހެއްޓީ "ނުހައްގުން" ކަމެވެ. އެކަމަކު އޭރު އޮންނާނީ މާ ލަސްވެފަ އެވެ. މަހްލޫފަށް އެ ލިބިވަޑައިގަތީ އިއާދަ ނުކުރެވޭނެ ގެއްލުމެކެވެ. އޭނާގެ ހައްގު ގެއްލުމުގެ އިތުރުން އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންނަށް އެ މީހުންގެ ބަސް މަޖިލީހުގައި އިއްވަން އޮތް ފުރުސަތު ވެސް "ނުހައްގު ގޮތެއްގައި" ހަ މަހަށް ބަންދުވީ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ސާވިސްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެއްބަސްވުން ދަމަހައްޓަން އެ ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރު އެމްޕީއެލް އިން އިސްތިއުނާފް ކުރި އެވެ. އެކަމަކު އަސްލު މައްސަލަ ސިވިލް ކޯޓުން ބަލައި ނިމުނުއިރު ވެސް ވަގުތީ އަމުރުގެ އިސްތިއުނާފް ހައި ކޯޓުގައި އޮތީ ނުފެށި އެވެ. އެހެންވެ އިސްތިއުނާފްގެ މައްސަލަ އެ ހިސާބުން ބޭކާރުވީ އެވެ.
މި ފާހަގަކޮށްލީ މީޑިއާގެ ސުރުޚީތަކުން ޖާގަ ހޯދި ދެ މައްސަލައެކެވެ. މިފަދަ އެހެން މައްސަލަތައް ވެސް ހުންނާނެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެކި ފަހަރުމަތިން ވިދާޅުވެފައިވާ ގޮތުން ޝަރުއީ ދާއިރާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަވަހަށް އަދި ފަސޭހައިން އިންސާފު ހޯދައި ދިނުމެވެ. ތެދެކެވެ. އޭގެ ވަރަށް ގިނަ މަސައްކަތްތައް ފާއިތުވެދިޔަ ދެތިން އަހަރު ޝަރުއީ ދާއިރާއިން ކުރަން ވެސް ކުރި އެވެ. މާލޭގެ ކޯޓުތަކުގައި ހުރި ގިނަ ދުވަސް ވެފައިވާ އެތައް މައްސަލައެއް ނިންމި އެވެ. އަތޮޅުތަކުގެ ކޯޓުތަކުގައި ހުރި ދުވަސް ވީ މައްސަލަތައް ނިންމަން ވަފުދުތައް ފޮނުވައިގެން ވެސް އެކަން ކުރި އެވެ. ކޯޓުތަކުގައި ހުރި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ މައްސަލަތަކުގެ ނިސްބަތް ވަރަށް ބޮޑު ތަން ދަށްކުރި އެވެ.
އެގޮތުން ހައި ކޯޓުން ވެސް ދުވަސް ވީ ގިނަ މައްސަލަތަކެއް ނިންމި އެވެ. މިހާރު ވެސް ބައެއް މައްސަލަތައް އަވަހަށް ނިންމަ އެވެ. މިސާލަކަށް ބަންދު އަމުރުގެ މައްސަލަތަކަކީ އަވަސްކުރަން ޖެހޭތީ ހައި ކޯޓުން ކޮންމެ ދުވަހަކު ހެން އަޑުއެހުންތައް ބާއްވައި، ހަފުތާއެއް ތެރޭގައި ނިންމަ އެވެ.
އެކަމަކު ހަގީގަތަކީ އެކަށީގެންވާ ސަބަބުތަކެއް ނެތި، ބައެއް މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ކުރިއަށް ނުގޮސް އެބަހުރި ކަމެކެވެ. ލަސްވާ މައްސަލަތައް އެ ލަސްކަންމަތީ ކުރިއަށް ނުދަނީ އެވެ. ސަބަބުތަކެއް ހުރެގެން ކަމަށް ވިޔަސް އިސްތިއުނާފްގެ ބައެއް މައްސަލަތައް ހިންގުމުގައި ނުވަތަ ނިންމުމުގައި "ފަހަތު ފަޔަށް ބަރުވެފައި" ހުންނަ މަންޒަރު ފެނެ އެވެ.
ދަށު މަރުހަލާގެ ކޯޓުތަކުން މައްސަލަތައް ނިމުން ލަސްވުމުގައި އެންމެ ބޮޑު ސަބަބަކަށް ދައްކަނީ ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރު ނުކުރެވުން ފަދަ އުޒުރުތަކެވެ. ތެދެކެވެ. ދަށު ކޯޓަކީ ފުރަތަމަ މަރުހަލާ ކަމަށް ވާތީ ކޮންމެ މައްސަލައެއްގައި ވެސް ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރު ކުރުމާއި އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ހުރި ނަމަ އެކަންކަން ސާފުކޮށްފައި ނޫނީ ހުކުމާ ހަމައަކަށް ނުދާނެ އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާ އޮންނާނީ އެއަށް ވުރެ ލުއި ނުވަތަ ފަސޭހަކޮށެވެ.
އާންމު އުސޫލުން އިސްތިއުނާފް މަރުހަލާގައި އޮންނަނީ ދަށު ކޯޓުގައި ޝަރީއަތް ހިނގާ މަރުހަލާ އަށް ވުރެ ކުރު ނުވަތަ ޝަރީއަތް ހިންގަން ލުއި އިޖްރައާތުތަކެކެވެ. އިސްތިއުނާފް މަރުހަލާގައި އޮންނާނީ ދަށު ކޯޓަށް ހުށަހެޅި ކަންކަމާއި ދެކެވުނު ވާހަކަތަކަށް ބަލައި، ދަށު ކޯޓުން ނިންމި ނިންމުން ނުވަތަ އެ ނިންމުމަށް ވާސިލްވި އަސާސް ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުން (ރިވިއު) ކުރުމެވެ. ވަރަށް މަދު މައްސަލަތަކެއްގައި، ކޮންމެހެން ހާޒިރުކުރަން ޖެހޭ މީހުން އިސްތިއުނާފް މަރުހަލާގައި ހާޒިރުކޮށް ނުވަތަ ކުރިން ސާފުނުވެ އޮތް ކަމެއް ސާފުކުރަން ވަގުތުތަކެއް ހޭދަވިޔަސް އެއީ އާންމުކޮށް ކޮންމެ މައްސަލައެއްގައި ހިނގާނެ ކަމެއް ނޫނެވެ.
މިހާތަނަށް އިސްތިއުނާފް މައްސަލަތަކުގައި ރާއްޖޭގައި ކަން ހިނގަނީ ވެސް އެގޮތަށެވެ. އާދައިގެ މައްސަލައެއް ނަމަ އެންމެ އަޑުއެހުމެއް ބޭއްވުމަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެ ނަމަ ހުކުމް އިއްވަ އެވެ. ތަންކޮޅެއް ބޮޑު މައްސަލައެއް ނަމަ ދެތިން އަޑުއެހުމެއް ބޭއްވުމަށް ފަހު ހުކުމް އިއްވަ އެވެ. އެކަމަކު ކުރިން ވެސް ފާހަގަކުރި ގޮތަށް، ދަށު މަރުހަލާގައި މައްސަލަ ބަލާއިރު ފުރިހަމަ ކުރަން ޖެހޭ ފަދަ ދިގު އިޖްރާއަތުތަކެއް އިސްތިއުނާފް މަރުހަލާއަކު ނޯވެ އެވެ.
އިސްތިއުނާފް ޝަރީއަތް ހިންގުން މިހާ ފަސޭހަކޮށް އޮންނައިރު ބައެއް މައްސަލަތަކުގައި އިސްތިއުނާފް ކުރިއަށް ނުގޮސް ޕާކް ކޮށްފައި ހުރުމަކީ ހައްގުތަކެއް ގެއްލުމެވެ. ޝަރުއީ ދާއިރާއާ މެދު ތުހުމަތުތަކެއް ކުރެވި އަދި ފާޑުކިޔުންތައް އަންނަމުން ދާ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހިނގާ ނަމަ އެއީ މައްސަލައެކެވެ.
މެމްބަރު މަހްލޫފް: އޭނާގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމުނުއިރު ވެސް އިސްތިއުނާފް މަރުހަލާ ނުފެށޭ - ފޮޓޯ: ފޭސްބުކް/މަހްލޫފް
އިސްތިއުނާފްގެ ހުރިހާ މައްސަލައެއް ވެސް އެއް މިންގަނޑަކުން ނުވަތަ އެއް ސްޕީޑެއްގައި އަވަސްކޮށް ހިނގަމުންދާ ނަމަ އެ އިސްތިއުނާފެއް ރައްދުވާ ފަރާތަށް ވެސް އެއީ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި އެ މައްސަލައަކާ ގުޅުން ހުރި ދެން ތިބި ފަރާތްތަކަށް ވެސް ލިބޭ ފަސޭހައެކެވެ.
އިސްތިއުނާފް ބައެއް މައްސަލަތައް މިހާރަކަށް އައިސް ލަސްވާ ލަސްވުމުގެ ވާހަކަ ފާހަގަކުރާއިރު އެކަމަށް ކޮންމެވެސް ވަރެއްގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ: އިސްތިއުނާފް މަރުހަލާގައި އެންމެ ގިނަ މައްސަލަ ބަލާ މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުން މަދުވުމެވެ. ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މާލޭގެ ހައި ކޯޓުގައި ތިބި ފަނޑިޔާރުން އެ ގޮފިތަކަށް ބަހަން ޖެހުމެވެ.
އެ އިސްލާހާ ގުޅިގެން އައްޑޫގައި ހެދި ދެކުނު ގޮފީގެ މަސައްކަތް ފެށި، މާލޭގެ ހައި ކޯޓުގައި ތިބި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެ ގޮތްޕަށް ފޮނުވަން ޖެހުނެވެ. އޭގެ ފަހުން އިތުރު ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވުމުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މާލޭގައި ތިއްބަވަނީ އެންމެ ހަތަރު ފަނޑިޔާރުންނެވެ.
ނުވަ ފަނޑިޔާރުން ތިބެން ޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތުމުން އުތުރު ގޮތްޕަށް އަދި ފަނޑިޔާރުން ކަނޑައެއް ވެސް ނާޅަ އެވެ. އެ ދެ މަގާމަށް ފަނޑިޔާރުން ހަމަޖެއްސުމުން މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް ތިން ފަނޑިޔާރަކު އުތުރު ގޮތްޕަށް ކަނޑައަޅާނެ އެވެ. އޭރުން މާލޭގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިބޭނީ ތިން ފަނޑިޔާރުންނެވެ. އޭރުން މިއަށް ވުރެ ވެސް މައްސަލަ ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ކޮންމެ ގޮތްޕެއްގައި ވެސް ތިން ފަނޑިޔާރުން ތިބުމުން އިސްތިއުނާފް ހުރިހާ މައްސަލައެއް ވެސް ބަލަން ޖެހޭނީ އެ ތިން ފަނޑިޔާރުންނެވެ. އެއިން އެންމެ ފަނޑިޔާރަކު ރަށުން ބޭރަށް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް ޝަރީއަތްތައް ހުއްޓުމަކަށް އައީ އެވެ.
އެހެންވެ، މިސާލަކަށް މާލޭގެ ހައި ކޯޓުން 500 އެއްހާ އިސްތިއުނާފް މައްސަލަ ކޮންމެ އަހަރަކު ބަލާއިރު މިހާރު ތިބި ހަތަރު ފަނޑިޔާރުން (ކުރިއަށް އޮތް ތަނުގައި ތިން ފަނޑިޔާރުން) އެ ހުރިހާ މައްސަލައެއް ބަލައި ނިންމުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ފަނޑިޔާރަކު ޗުއްޓީ ނުވަތަ ސަލާމް ބުންޏަސް އެ ފަނޑިޔާރު އަންނަންދެން އެ ހިސާބުން ކޯޓުގެ ހުރިހާ މައްސަލައެއް ހުއްޓުނީ އެވެ. ދާދި ފަހުން މާލޭގެ ހައި ކޯޓުގައި އެކަން އެގޮތަށް ދިމާވި އެވެ.
ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ކިތަންމެ ބޭނުންވިޔަސް، މިހާރު ހުސްކޮށް އޮތް ދެ މަގާމަށް ވުރެ އިތުރަށް އެ ކޯޓުގެ ބެންޗަށް ފަނޑިޔާރުން ނެގޭކަށް ނެތެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓުގައި އެންމެ ގިނަވެގެން ވެސް ތިބޭނީ ނުވަ ފަނޑިޔާރުންނެވެ. އެއަށް ވުރެ އިތުރަށް ފަނޑިޔާރުން ނެގެން އޮތީ ގާނޫނު އިސްލާހު ކޮށްގެންނެވެ.
އިސްތިއުނާފު މަރުހަލާގެ ބޭނުން ކެނޑޭ ފަދަ މިންވަރަށް އިސްތިއުނާފް މަރުހަލާގައި މައްސަލަތައް ލަސްވެގެން ނުވާނެ އެވެ. މިކަން މިހެން ނުވާނެ ފަދަ ގޮތެއް ޝަރުއީ ނިޒާމުގައި އޮންނަން ޖެހެ އެވެ.
ބަންދު އަމުރު އިސްތިއުނާފް ކުރެވޭނީ މާލޭގެ ހައިކޯޓުގައި
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް
ހައި ކޯޓުގެ ގޮފިތަކުގެ ނިޒާމަށް މިވީ ކިިހިނެއް!
އިސްތިއުނާފް މުއްދަތު ކުރު، ދަތުރުކުރަންޖެހޭ މަގު ދިގު
ހައްގުތަކެއް ގެއްލޭ އުސޫލެއް، ބަދަލުކުރަން ޖެހޭ!
އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލަނީ
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި
ހުއްދަ ދޭ މައްސަލަތައް ހުށަހަޅަން ލިބޭނީ 10 ދުވަސް
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ
މަހްލޫފްގެ ޝަރީއަތްތައް ނުބާއްވާތީ އާއިލާ ކަންބޮޑުވެއްޖެ