Roadha Mihaaru
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް

ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް

14 ފެބުރުއަރީ 2018

އިސްތިއުނާފު ކުރުމުގެ ނިޒާމަށް ގެނައި އެންމެ ފާހަގަކުރެވޭ ބަދަލަކީ ހައި ކޯޓުގެ ދެ ގޮތްޕެެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނު 2014 ގައި އިސްލާހުކުރުމެވެ. އެ ބަދަލު އެގޮތަށް ގެނައީ ފަސޭހަ އިން އިސްތިއުނާފްގެ މަރުހަލާ އަށް ދެވޭނެ މަގު ރައްޔިތުންނަށް ތަނަވަސްކޮށް ދިނުމަށް ކަމަށް ވިޔަސް އޭރު އެ ނިޒާމު އޮތް ގޮތުން، އެކަމުން ލިބުނު ފަސޭހަތަކަށް ވުރެ އުފުލަން ޖެހުނު ތަކުލީފު ބޮޑެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްތިއުނާފު ކުރުމުގެ ނިޒާމަށް ގެނައި އެންމެ ފާހަގަކުރެވޭ ބަދަލަކީ ހައި ކޯޓުގެ ދެ ގޮތްޕެެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނު 2014 ގައި އިސްލާހުކުރުމެވެ. އެ ބަދަލު އެގޮތަށް ގެނައީ ފަސޭހަ އިން އިސްތިއުނާފްގެ މަރުހަލާ އަށް ދެވޭނެ މަގު ރައްޔިތުންނަށް ތަނަވަސްކޮށް ދިނުމަށް ކަމަށް ވިޔަސް އޭރު އެ ނިޒާމު އޮތް ގޮތުން، އެކަމުން ލިބުނު ފަސޭހަތަކަށް ވުރެ އުފުލަން ޖެހުނު ތަކުލީފު ބޮޑެވެ.

ހައި ކޯޓުގައި ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮއްވާ ގާނޫނަށް އިސްލާހު ގެނައީ މާލޭގެ ހައި ކޯޓުގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ދާއިމީކޮށް ތިން ފަނޑިޔާރުން ތިބޭ ގޮތަށެވެ. ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހޭނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވާއިރު، ގޮފިތައް ހެދުމުން އޭގެ ނަތީޖާއަކަށް ވީ ހުރިހާ މައްސަަލަތަކެއް އެއް ބެންޗަކުން ބަލަން ޖެހުމެވެ. އެހެންވެ، އެންމެ ފަނޑިޔާރަކު ސަލާމް ބުންޏަސް ނުވަތަ ޗުއްޓީ ނެންގެވިޔަސް ޝަރީއަތްތައް ހުއްޓުމަކަށް އާދެ އެވެ.

އައްޑޫގައި ދެކުނު ގޮފި އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ އެ މައްސަލަތައް ދިމާވާން ފެށި އެވެ. އެންމެ ބޮޑަށް އެ މައްސަލަ ދިމާވީ މާލޭގެ ހައި ކޯޓަށެވެ. އަހަރަކު އެތައް ސަތޭކަ މައްސަލައެއް މާލޭގެ ހައި ކޯޓަށް ހުށަހެޅޭއިރު އޭގެ ތެރޭގައި ބޮޑެތި މައްސަލަތައް ވެސް ހިމެނެ އެވެ. އެކަމަކު ދާދި ފަހަކާ ޖެހެންދެން އެ ކޯޓުގައި އެ ހުރިހާ މައްސަލަ ބެއްލެވީ އެންމެ ހަތަރު ފަނޑިޔާރުން ތިއްބަވައިގެންނެވެ. މައްސަލަތައް ލަސްވާން ފެށުމުން، އެންމެ ފަހުން ދެކުނު ގޮފީގެ ފަނޑިޔާރުން ތިން މަހަށް މާލެ ގެނެސްގެން އެ މައްސަލަތައް ނިންމި އެވެ.

މާލޭގެ ހައި ކޯޓަށް މި މައްސަލަ ބޮޑަށް ދިމާވި މައިގަނޑު ދެ ސަބަބެއް އޮތެވެ. އެއް ސަބަބަކީ ހައި ކޯޓަށް އިސްތިއުނާފް ކުރެވޭ މައްސަލަތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލަތަކަކީ މާލޭގެ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ކަމަށް ވުމެވެ. ދެ ވަނަ ސަބަބަކީ ހައި ކޯޓަށް އަސްލީ އިހްތިސާސް ލިބިފައި އޮންނަ މައްސަލަތަކަކީ ގޮފިތަކަށް ބެލޭ މައްސަލަތަކަށް ނުވުމެވެ. އެހެންވެ އެފަދަ މައްސަލަތައް ވެސް މާލޭގެ ހައި ކޯޓުން ބަލަން ޖެހުމަކީ މާލޭގެ ހައި ކޯޓަށް މައްސަލަ ގިނަވެ، މައްސަލަތައް ނިމޭ ސްޕީޑަށް އަސަރު ފޯރުވި ކަމެކެވެ.

މީގެ އިތުރުން ގޮފިތަކުގައި ތިބޭ ފަނޑިޔާރުން އާއިލާއާ ދުރުގައި ދާއިމީކޮށް ތިބެން ޖެހުމަކީ ވެސް ފަނޑިޔާރުންނަށް އޮތް ކަންބޮޑުވުމެކެވެ. ދެކުނު ގޮފީގެ ދެ ފަނޑިޔާރަކު އޭރު އަމިއްލަފުޅަށް މަގާމުން ވަކިވެވަޑައިގަތުމުން މާލޭގެ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ދެކުނު ގޮތްޕަށް ކަނޑައަޅަން ޖެހުނެވެ. އޭރު ފަނޑިޔާރުންގެ ދަތިކަމާ ހެދި އުތުރު ގޮފީގެ މަސައްކަތް ނުފެށެ އެވެ.

މި ހުރިހާ މައްސަލަތަކެއް ދިމާވި މައިގަނޑު ސަބަބަކީ ގޮފިތައް އުފައްދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރި އިރު މި ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ވިސްނާނުލެވި އޮތުމެވެ. އެއްކޮޅުގައި އޮތީ ރައްޔިތުންނަށް ފަސޭހަ އިން އިސްތިއުނާފް ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމެވެ. އަނެއްކޮޅުގައި އޮތީ ގޮފިތަކުގެ ނިޒާމު އުފެއްދި ގޮތުން ދިމާވަމުން ދިޔަ މައްސަލަތަކެވެ.

އެކަމަކު ސުޕްރީމް ކޯޓުން މިހާރު ހަމަޖެއްސި އުސޫލާ އެކު، މި މައްސަލަތަކަށް ވަނީ ހައްލެއް ލިބިދީފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު ގަރާރަކުން ހަމަޖައްސާފައިވަނީ ހައި ކޯޓުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ބަލާނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ޝަރުއީ ވަފުދެއް ގޮސްގެން ކަމަށެވެ. ކޮންމެ ގޮތްޕަކަށް އެކަށީގެންވާ އަދަދަކަށް މައްސަލަތައް ހުށަހެޅުމުން، ގޮފިތަކަށް ދާނެ ފަނޑިޔާރުންގެ ވަފުދުތައް ކަނޑައަޅާނީ ސުޕްރީން ކޯޓުން ކަމަށް އެ ގަރާރުގައިވެ އެވެ.

އެގޮތަށް ހަމަޖެއްސުމުން ގޮފިތައް އޭގެ ޒާތުގައި އުވިގެނެއް ނުދާނެ އެވެ. މާނައަކީ ގޮފިތައް މެދުވެރިކޮށް ފަސޭހަ އިން އިސްތިއުނާފަށް ދެވޭނެ މަގު ތަނަވަސްވެފައި އޮންނާނެ އެވެ. ހަމައެކަނި އަންނާނެ ބަދަލަކީ ކުރިން ތިބި ގޮތަށް، ދާއިމީކޮށް ގޮފިތަކުގައި ފަނޑިޔާރުން ތިބެން ނުޖެހުމެވެ. އޭގެ ބަދަލުގައި ހައި ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް ދާއިމީކޮށް ގާއިމްވެ ތިއްބަވާނީ އަދި މަސައްކަތް ކުރައްވާނީ މާލޭގެ ހައި ކޯޓުގަ އެވެ.

ސުޕްރީމް ކޯޓު:--ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު:--ފޮޓޯ/މިހާރު

މީގެ ސަބަބުން ނިކުންނާނެ އެންމެ ބޮޑު ފައިދާއަކީ މާލޭގެ ހައި ކޯޓަށް ވޯކް ލޯޑް ކުޑަވެ، މައްސަލަތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެ މަގު ވެސް ތަނަވަސްވެގެން ދިއުމެވެ. އަދި ކުރިން ދިމާވި މައްސަލަތައް ކަމަށްވާ ޝަރީއަތްތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު ވެސް ނެތުނީ އެވެ. މިއީ އެންމެ ފުރަތަމަ ގޮފިތަކުގެ ނިޒާމް ތައާރަފް ކުރި އިރު ވެސް، ކުރެވެން އޮތް ކަމެއް ކަން ގާނޫނީ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

މިގޮތަށް ހަމަޖެއްސުމުން ދައުލަތުން ކުރަން ޖެހޭ ޚަރަދު ވެސް އެތައް ގުނައެއް ކުޑަވެގެންދާނެ އެވެ. ގޮފިތަކުގައި ތިއްބަވާ ކޮންމެ ފަނޑިޔާރަކު ހުންނަވާނެ ވަކި ގެއަކާއި ސެކިއުރިޓީ ހަމަޖެއްސުމަކީ ވެސް ދާއިމީކޮށް ދައުލަތުން ކުރަމުން އައި ޚަރަދުތަކެކެވެ. އެކަމަކު މިހާރު ދައުލަތުން ކުރަން ޖެހޭ އެ ޚަރަދުތަކުން ސަލާމަތްވީ އެވެ.

މި ބަދަލާ އެކު، ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. މި ބަދަލު މިގޮތަށް ގެނަޔަސް، ގޮފިތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމަން ޖެހޭ މައްސަލަތައް އަވަސް ގޮތެއްގައި ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެކެވެ. މިސާލަކަށް ބަންދު އަމުރާއި ވަގުތީ އަމުރުތައް ފަދަ މައްސަލަތަކަކީ އަވަހަށް ނިންމަން ޖެހޭ ބާވަތުގެ މައްސަލަތަކެވެ. އެހެންވެ، ޝަރުއީ ވަފުދުތައް ގޮފިތަކަށް ދެވެންދެން މަޑުނުކޮށް، މިފަދަ މައްސަލަތައް ގޮފިތަކުގައި އަވަސް ގޮތެއްގައި ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިންމެވެ. މިސާލަކަށް ފަނޑިޔާރުން މާލޭގައި ތިއްބަވައިގެން ވީޑިއޯ ކޮންފަރެންސްކޮށް ގޮފިތަކުގައި މިފަދަ މައްސަލަތައް ކުރިއަށް ގެންދެވިދާނެ އެވެ.

ގޮފިތައް އުފެއްދުމުން ދިމާވާން ފެށި މައްސަލަތައް ހައްލު ކުރުމަށްޓަކައި، ދާދި ފަހުން ވަނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކޮށްފަ އެވެ. ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮއްވާ ހައި ކޯޓުގެ ބެންޗުގެ އަދަދު އިތުރުކުރީ މާލޭގެ ހައި ކޯޓުގައި ފަސް ފަނޑިޔާރުން އަދި ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ތިބޭ ގޮތަށެވެ. އޭގެ މަގްސަދަކީ މާލޭގެ ހައި ކޯޓުގައި މައްސަލަތައް އަވަސް ކުރެވޭނެ ގޮތް ހެދުމެވެ. އެ އިސްލާހާ ގުޅިގެން 11 ފަނޑިޔާރުން ބެންޗަށް ހަމަކުރުމުގެ މަސައްކަތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ކުރަމުންނެވެ،

އެކަމަކު ސުޕްރީމް ކޯޓުން ގެނައި މި ބަދަލަށް ފަހު، 11 ފަނޑިޔާރުންގެ ބެންޗެއް ހައި ކޯޓުގައި މިހާރު އޮންނަން ޖެހޭތޯ އެއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ ކުރިން ވެސް ދެންނެވިހެން، ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން ނިންމީ ގޮފިތަކުގައި ދާއިމީކޮށް އޭރު ފަނޑިޔާރުން ތިބެން ޖެހޭތީ އެވެ. އެކަމަކު މިހާރު އެ ހާލަތެއް ނެތެވެ. އަދި މިހާރު ހަމަޖެއްސި އުސޫލު އޮތް ގޮތުން ފަނޑިޔާރުންގެ ދަތިކަމެއް މާލޭގެ ހައި ކޯޓަށް ކުރިމަތިވެދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެކަމަކު، އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ، ދުރު މުސްތަގްބަލަށް ވިސްނައި، އެ އަދަދު އެ ގޮތުގައި ބޭއްވުމަކުން ގޯހެއް ވެސް ނެތެވެ.

ހައި ކޯޓަކީ ނިސްބަތުން އެންމެ އަވަހަށް މައްސަލަތައް ނިންމަމުން އައި ކޯޓެވެ. އެކަމަކު ގޮފިތައް އުފައްދަން ޖެހޭ ގޮތަށް ގެނައި އިސްލާހުގެ ސަބަބުން، ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހު ހައި ކޯޓުގެ ސްޕީޑަށް އަސަރުތަކެއް ކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިހާރު ގެނައި މި ބަދަލާ އެކު އެކަން މިވަނީ ހައްލުވެފަ އެވެ. ބަދަލުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނީ އަވަސް މިނެއްގައި މާލޭގެ ހައި ކޯޓުގައި ޝަރީއަތްތައް ހިނގަން ފެށުމުންނެވެ.