19 އޮކްޓޯބަރ 2017
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އިސްތިއުނާފްގެ ނިޒާމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ގޮފިތައް އުފައްދަން ގާނޫނުގައި ކަނޑައެޅުމެވެ. ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހުގެ ދަށުން އެ ބަދަލު ގެނައީ ރައްޔިތުންނަށް ފަސޭހައިން އިސްތިއުނާފްގެ ނިޒާމު ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށެވެ. މަގްސަދު ވަރަށް ރަނގަޅެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އިސްތިއުނާފްގެ ނިޒާމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ގޮފިތައް އުފައްދަން ގާނޫނުގައި ކަނޑައެޅުމެވެ. ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހުގެ ދަށުން އެ ބަދަލު ގެނައީ ރައްޔިތުންނަށް ފަސޭހައިން އިސްތިއުނާފްގެ ނިޒާމު ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށެވެ. މަގްސަދު ވަރަށް ރަނގަޅެވެ.
ގޮފި އުފެދުމުން އާންމު ރައްޔިތުންނަށް ފަސޭހަތަކެއް ވެސް ލިބުނެވެ. އައްޑޫ ސިޓީގައި ގާއިމްކުރި ހައި ކޯޓުގެ ގޮތްޕަށް ދެކުނުގެ އަތޮޅުތަކުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވުމަކީ އޭގެ ހެއްކެކެވެ. އެކަމަކު ގޮފި އުފެއްދިތާ ތިން އަހަރު ވާން ކައިރި ވެފައިވާއިރު ފެނުނީ ފަސޭހައަކަށް ވުރެ ކުރިމަތިވާން ފެށި ގޮންޖެހުންތަކެވެ. އެ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ގޮފިތަކުގެ ނިޒާމް ހިންގެން އޮއްވާ ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހުކުރީ އެކަމާ ވިސްނާލުމެއް ނެތި އެވެ. މައްސަލައަކީ ގޮފިތައް އުފެއްދުމެއް ނޫނެވެ. މައްސަލައަކީ އެކަން ކުރި ގޮތެވެ.
ނުވަ ފަނޑިޔާރުންގެ ބެންޗެއް ހައި ކޯޓުގައި އޮއްވާ ގޮފިތައް އުފައްދަން ހަމަޖެއްސީ މާލޭގެ ހައި ކޯޓުގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިން ފަނޑިޔާރުން ތިބޭ ގޮތަށެވެ. އެކަމަކު އޭރު މަޖިލީހަށް ވިސްނާ ނުލެވުނު ކަމަކީ އެންމެ ތިން ފަނޑިޔާރުން ތިބެގެން ހުރިހާ މައްސަލައެއް ބަލަން ޖެހުމުން ދެން ވާނެ ގޮތެވެ. ގޮފިތަކަށް ފަނޑިޔާރުން ބަހާލުމުން ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެ، މައްސަލަތައް ހުއްޓުމުގެ ބިރު އޮތްކަން އޭރު މަޖިލީހުގެ މެމްބަރުންނަށް ވިސްނައެއް ނުލެވުނެވެ. ގޮފިތައް އުފެދުމާ އެކު، އާޚިރުގައި އެ މައްސަލަތައް ދިމާވާން ފެށީ އެވެ.
އެ އިސްލާހުގެ ދަށުން ދެކުނު ގޮތްޕަށް ފުރަތަމަ ކަނޑައެޅި ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމުން މާލޭގެ ހައި ކޯޓުގައި އޭރު ތިއްބެވި ހަ ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު ދެކުނު ގޮތްޕަށް ކަނޑައެޅި އެވެ. އެ ހިސާބުން މާލޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަރަކަށް ދަށްވެ، އެންމެ ހަތަރު ފަނޑިޔާރުން ތިއްބަވައިގެން ހުރިހާ މައްސަލަަތަކެއް ބަލަން ޖެހުމުން ގޮންޖެހުންތައް ކުރިމަތިވާން ފެށި އެވެ. އެންމެ ފަނޑިޔާރަކު ސަލާމް ބުނުމުން ވެސް މާލޭގެ ހައި ކޯޓުގައި އެދުވަހެއްގެ ޝަރީއަތްތަކެއް ހުއްޓާލަން ޖެހިފައި އެބަ ހުއްޓެވެ.
މާލޭގެ ހައި ކޯޓަށް އަހަރަކު 500 އަށް ވުރެ ގިނަ މައްސަލަ ހުށަހަ އެވެ. ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންވެ އެންމެ ހަތަރު ފަނޑިޔާރުން ތިއްބަވައިގެން އެ ހުރިހާ މައްސަލައެއް ބަލަން ޖެހުމުން ގިނަ ދަތިތަކާ ކުރިމަތިވި އެވެ. ދާދި ފަހުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
"ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެ، ފަނޑިޔާރުންގެ އެންމެ ބެންޗަކުން މައްސަލަ ބަލަން ޖެހުން ވެގެން ދިޔައީ ޝަރީއަތްތައް އަޅުގަނޑުމެން ބޭނުންވި ހަލުވި މިނުގައި ކުރިއަށް ގެންދިއުމުގައި ދިމާވި ދައްޗަކަށް،" ހައި ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
މާލޭގެ ހައި ކޯޓަށް މި މައްސަލަތައް ދިމާވާ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ. އެއް ސަބަބަކީ އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ މައްސަލަތައް މާލޭގެ ހައި ކޯޓަށް ހުށަހެޅުމެވެ. އެކަމަކު ގޮފިތައް އުފެއްދިއިރު މަޖިލީހުން އެކަމަކަށް ވިސްނައެއް ނުލަ އެވެ.
ދެވަނަ ސަބަބަކީ އިސްތިއުނާފް މައްސަލަތައް ބެލުމުގެ އިތުރުން ހައި ކޯޓަކީ އެ ކޯޓުގެ ޒާތުގައި ވަކި ބާވަތެއްގެ މައްސަލަތައް ބެލުމުގެ އަސްލީ އިހްތިސާސްތަކެއް ލިބިފައި އޮންނަ ކޯޓަކަށް ވާއިރު އެފަދަ މައްސަލަތައް ހަމައެކަނި މާލޭގެ ހައި ކޯޓުން ބަލަން ޖެހޭ ގޮތަށް އޮތުމެވެ. ދުސްތޫރީ މައްސަލަތަކާއި އިންތިޚާބީ ޝަކުވާގެ މައްސަލަތަކާއި މޮނިކޮން އަމުރުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ވެސް ހައި ކޯޓުން ބަލަން ޖެހެ އެވެ.
ގޮފިތައް އުފައްދަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައިރު ގޮފިތަކުގެ އިހްތިސާސްގައި އޮންނަނީ އެ ގޮތްޕެއް ނިސްބަތްވާ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބެލުން އެކަންޏެވެ. އެހެންވެ، މިދެންނެވި ފަދަ މައްސަލަތައް ގޮފިތަކަކަށް ނުބެލެ އެވެ. މާނައަކީ މިސާލަކަށް އައްޑޫގައި ބާއްވާ އާންމު އިންތިޚާބަކާ ގުޅިގެން އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ ދަށުން އިންތިޚާބީ ޝަކުވާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ބޭނުންވިޔަސް އައްޑޫގައި ހުންނަ ހައި ކޯޓުގެ ގޮތްޕަކަށް ހުށައެއް ނޭޅޭނެ އެވެ. އެ މައްސަލަ ބަލަން ޖެހެނީ ގާނޫނު އޮތް ގޮތުން މާލޭގެ ހައި ކޯޓުންނެވެ.
ޖަލްސާގައި މެމްބަރުން: ހައި ކޯޓުގެ ގޮފިތައް އުފައްދަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރީ ގިނަ ކަންކަމަށް މަޖިލީހުން ވިސްނުމެއް ނެތި-- ފޮޓޯ: މަޖިލިސް
މާލޭގެ ހައި ކޯޓަށް މި މައްސަލަ ދިމާވާން ފެށުމުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް މިދިޔަ ޖޫން މަހު ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކޮޮށްފަ އެވެ. އެއީ މާލޭގެ ހައި ކޯޓަށް ފަސް ފަނޑިޔާރުން އަދި މިހާރެކޭ ވެސް އެގޮތަށް ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުންނެވެ. މި އިސްލާހާ އެކު ފަނޑިޔާރުންގެ ބެންޗަށް އިތުރުވި ދެ މަގާމާއި ކުރިން ހުސްވެފައި އޮތް އިތުރު ދެ މަގާމާ އެކު ޖުމްލަ ހަތަރު ފަނޑިޔާރުން ހައި ކޯޓަށް އައްޔަން ކުރުމުގެ މަސައްކަތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަންނަނީ ކުރަމުންނެވެ. އެކަމަކު އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރިޔަސް މިއީ މުޅި މި މައްސަލައަށް އަންނާނެ ދާއިމީ ހައްލެއްތޯ ސުވާލު އުފެދެ އެވެ.
ކުރިން ވެސް ފާހަގަކުރިހެން، ގޮފިތަކަށް ހުށަހަޅާ މައްސަލަތަކަށް ވުރެ އެތައް ގުނައެއް އިތުރަށް މާލޭގެ ހައި ކޯޓަށް މައްސަލަ ހުށަހަޅަ އެވެ. އަދި ދަށު ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ ހައި ކޯޓުން ބަލަން ޖެހޭ މައްސަލަތައް ވެސް މިހާރަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ފަސް ފަނޑިޔާރުންނަކީ މާލޭގެ ހައި ކޯޓަށް އެކަށީގެންވާ އަދަދަކަށް ނުވާނެ އެވެ.
މާލޭގެ ހައި ކޯޓަށް ކުރިމަތިވެފައިވާ ފަނޑިޔާރުންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ދެކުނު ގޮފީގެ ފަނޑިޔާރުން ވަގުތީ ގޮތުން މާލޭގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސައިފަ އެވެ. އެހެންވެ މިދުވަސްވަރު ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ގެންދަވަނީ މާލޭގެ ހައި ކޯޓުގައި މައްސަލަތައް ބައްލަވަމުންނެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން އެ ބޭފުޅުން މާލޭގައި މަސައްކަތް ކުރައްވާނީ އަންނަ ޑިސެމްބަރު މަހާ ހަމައަށެވެ.
ދެން އޮތީ ގޮފިތަކުގައި ދިމާވާ މައްސަލަތަކެވެ. އެންމެ ތިން ފަނޑިޔާރުން ތިބޭތީ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހެނީ އެއް ބެންޗަކުންނެވެ. އެއިން އެންމެ ފަނޑިޔާރަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނެވިޔަސް ޖެހެނީ އެ ގޮތްޕެއްގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލާށެވެ. ދެކުނު ގޮފީގެ ޝަރީއަތްތައް ދާދި ފަހުން އެގޮތަށް ހުއްޓާލަން ޖެހުނެވެ. ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރިޔަސް މި މައްސަލައަށް ހައްލެއް ނެތެވެ. ސަބަބަކީ ފަނޑިިޔާރުންގެ އަދަދު އިތުރުކޮށް ގެނައި އިސްލާހުގައި އޮތީ ގޮފިތަކުގައި މިހާރެކޭ ވެސް އެގޮތަށް ތިން ފަނޑިޔާރުން ތިއްބަވާ ގޮތަށް ކަމަށްވާތީ އެވެ.
ގޮފިތަކަށް ދައުލަތުން ކުރަން ޖެހޭ ހޭދަ ވެސް ވަކި ކުޑައެއް ނޫނެވެ. ކޮންމެ ގޮތްޕެއްގައި ތިއްބަވާ ފަނޑިޔާރުންނަށް އެ ރަށަކުން ގެ ކުއްޔަށް ހިފުމާއި ގޮފި ހިންގާ އިމާރާތަށް ކުރަން ޖެހޭ ޚަރަދާއި އެތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ދައުލަތުން ކުރަން ޖެހޭ ޚަރަދު ކުޑައެއް ނުވާނެ އެވެ.
އޭގެ ބަދަލުގައި، ކަނޑައެޅޭ ވަކި އުސޫލަކުން މައްސަލަތައް ނިންމަން ވަފުދުތައް ފޮނުވާ ގޮތަށް ހަމަޖައްސައިފި ނަމަ އެ ސަލާމަތް ކުރެވުނީ ބޮޑު ޚަރަދެކެވެ. އެއީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބޭ ގޮތަށް ހަމަޖެއްސުމުގެ ބަދަލުގައި ވެސް ކުރެވެން އޮތް ކަމެކެވެ. ދެވަނަ ގޮތަކީ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު ކޮންމެ ގޮތްޕެއް ނިސްބަތްވާ ދާއިރާއަކުން އެ ގޮތްޕަކަށް ވަކިން ފަނޑިޔާރުން ހޯދައިގެން އައްޔަން ކުރުމެވެ. އޭރުން ފަނޑިޔާރުން ގޮފިތަކުގައި ބޭތިއްބުމަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވުމުގެ އިތުރަށް އާއިލާއާ ދުރުގައި ދާއިމީކޮށް ތިބެން ޖެހުމުގެ ކަންބޮޑުވުމެއް ފަނޑިޔާރުންނަކަށް ނޯންނާނެ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއިރު ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް އެކަން ވަނީ ފާހަގަކުރައްވައިފަ އެވެ. އެ މެމްބަރުން ވެސް މިހާރު ގަބޫލުކުރައްވާ ގޮތުގައި ފަނޑިޔާރުން އަދަދު އިތުރު ކޮށްގެން ދާއިމީކޮށް ފަނޑިޔާރުން ގޮފިތަކުގައި ބޭތިއްބުމަށް ވުރެ ފަނޑިޔާރުން ފޮނުވައިގެން މައްސަލަތައް ނިންމާ އުސޫލު ރަނގަޅެވެ.
"އަޅުގަނޑު ހިތަށްއަރަނީ 11 ގެ ބަދަލުގައި ނުވައެއް އޮތަސް ވެެސް އަޅުގަނޑުމެންނަށް ޖުޑީޝަލް ކޮމެޓީތައް ފޮނުއްވި އުސޫލުން ފަށައިގަތުމުގެ ގޮތުން އެ މަސައްކަތް ކުރެވިއްޖެއްޔާ ދައުލަތަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަކަށް ވެދާނެއޭ،" ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ހުށަހެޅި އިސްލާހަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމަށް ނިސްބަތްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެފައިވެ އެވެ.
"އޭގެ އިތުރުން ރައްޔިތުންނާ ހިސާބަށް އެތަނުގައި ތިން ފަނޑިޔާރުން ތިބޭއިރު އެއް ފަނޑިޔާރަކު މަދުވެގެން މައްސަލަތައް ނުހިނގުމަށް މި ދިމާވާ މައްސަލަ ވެސް ހައްލަކަށް ގެނެވިދާނޭ މިކަހަލަ ގޮތެއްގެ ތެރެއިން."
ފަސޭހައިން އަދުލު އިންސާފަށް ވާސިލްވެވޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޮފިތައް އުފެއްދީ އެ މަގްސަދުގައި ކަމަށް ވިޔަސް އޭގެ ނަތީޖާ ފެނުނީ މުޅިން އެގޮތަކަށް ނޫނެވެ. މައްސަލައަކީ މިހާރު މިއޮތް ގޮތަށް ގޮފިތައް އުފެއްދުމުން ދިމާވާނެ މައްސަލަތަކަށް މަޖިލީހުން ކުރިން ވިސްނާ ނުލައި އޮތުމެވެ. އެފަދަ ކަންކަން ދިމާ ނުވާނެ ފަދަ ގޮތަކަށް އަދިވެސް އެ ނިޒާމު ރަނގަޅު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ
ބަންދު އަމުރު އިސްތިއުނާފް ކުރެވޭނީ މާލޭގެ ހައިކޯޓުގައި
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް
އިސްތިއުނާފް ލަސްވަމުން ގޮސް އޭގެ ބޭނުން ކެނޑެނީ؟
އިސްތިއުނާފް މުއްދަތު ކުރު، ދަތުރުކުރަންޖެހޭ މަގު ދިގު
ހައްގުތަކެއް ގެއްލޭ އުސޫލެއް، ބަދަލުކުރަން ޖެހޭ!
ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅީ ގޯސްކޮށް: ކޮމިޓީ
އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލަނީ
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު