މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް ކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްތިއުނާފަށް ހުށަހަޅަން ލިބޭ މުއްދަތު ކުރުކޮށްފަ އެވެ. އެއީ އިސްތިއުނާފްގެ މުއްދަތު ދިގުވުމުން، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގު ކަށަވަރު ނުކުރެވި އޮތް އޮތުމަށް ނިމުމެއް ގެނައުމަށާއި އަވަހަށް އިންސާފު ލިބޭކަން ކަށަވަރުކުރަން ގެނައި ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
19 އޮކްޓޯބަރ 2016
މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް ކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްތިއުނާފަށް ހުށަހަޅަން ލިބޭ މުއްދަތު ކުރުކޮށްފަ އެވެ. އެއީ އިސްތިއުނާފްގެ މުއްދަތު ދިގުވުމުން، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގު ކަށަވަރު ނުކުރެވި އޮތް އޮތުމަށް ނިމުމެއް ގެނައުމަށާއި އަވަހަށް އިންސާފު ލިބޭކަން ކަށަވަރުކުރަން ގެނައި ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮއްވާ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު ސާކިއުލާއަކުން ވަނީ، ދަށު ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރުމުގެ މުއްދަތު 10 ދުވަހަށް ކުރުކޮށްފަ އެވެ. އަދި އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ އަމަލުކުރަން ޖެހޭ އާ އުސޫލެއް ވެސް އެ ސާކިއުލާގައި ކަނޑައެޅި އެވެ.
ކުރިން ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރަން އެ މީހަކު ހުށަހަޅަން ޖެހެނީ ސީދާ އިސްތިއުނާފް ކޯޓަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ހަމަޖެއްސީ އިސްތިއުނާފް ކުރަން ބޭނުން ނަމަ އެ މައްސަލައެއް ނިންމި ކޯޓަކަށް ހުށަހެޅުމަށެވެ. އޭރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެދުވެރިކޮށް އެ މައްސަލައެއްގެ ލިޔުންތައް އިސްތިއުނާފް ކޯޓަށް ފޮނުވާނީ މައްސަލަ ނިންމި ކޯޓުން ކަމަށް އެ އުސޫލުގައި ވަނީ ހަމަޖައްސައިފަ އެވެ.
އެ އުސޫލަށް އަމަލުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު އޭގެ ސަބަބުން ކުރިމަތިވާ ދަތިިތަކެއް ވެސް އެބަ ހުއްޓެވެ. އިސްތިއުނާފް ކުރުމާ މެދު 10 ދުވަސް ތެރޭގައި ގޮތެއް ނިންމައި، ލިޔުންތައް ހުށަހަޅަން ޖެހުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ޚާއްސަކޮށް ރަށްރަށުގައި އުޅޭ މީހުންނަށް އޮތް ހުރަސްތައް ގިނަ އެވެ. ރަށްރަށުގައި ވަކީލުންގެ އެހީތެރިކަން ލިބުން އުނދަގޫ އިރު ވަކީލުންގެ ގާނޫނީ ލަފާ ހޯދައިގެން އެހާ ކުރު މުއްދަތެއްގައި އިސްތިއުނާފާ މެދު ގޮތެއް ނިންމަން ޖެހުމަކީ ތަކުލީފެކެވެ.
އިސްތިއުނާފް މުއްދަތުގެ ގޮތުގައި ކޯޓުތަކުގެ ގާނޫނުގައި އޮތް 90 ދުވަހަކީ ދިގު މުއްދަތެއް ކަމަށް އެންމެންހެން އެއްބަސްވެ އެވެ. އެކަމަކު މިހާރު ހަމަޖައްސާފައި އޮންނަ 10 ދުވަހަކީ މާ ކުރު މުއްދަތެއް ކަމަށް ވަކީލުން ދެކެ އެވެ.
"އިސްތިއުނާފް މުއްދަތު ކުރު ކުރުން އެންމެ ރަނގަޅު. އެކަމަކު އެންމެ މަދުވެގެން 30 ދުވަސް ދޭން އެބަ ޖެހޭ އެކަމަށް. އެއީ ވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކޮށްފައި،" ވަކީލް އިބްރާހިމް ޝަމީލް ވިިދާޅުވި އެވެ.
މީގެ އިތުރުން އިސްތިއުނާފް ކުރަން ބޭނުން ނަމަ އެ މައްސަލައެއް ނިންމި ކޯޓަކަށް ލިޔުންތައް ހުށަހަޅަން ޖެހުމަކީ ވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް އަންނަ ކަމަށްވެ އެވެ. މާލެ ނުވަތަ ހައި ކޯޓުގެ ގޮތްޕެއް ހުރި ރަށެއްގައި ނަމަ ސީދާ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ ގޮތަށް އޮތުން މުހިންމު ކަމަށް ބައެއް ވަކީލުން ދެކެ އެވެ.
"ކުރިން ނަމަ ސީދާ ހައި ކޯޓަށް ހުށަހަޅަން ޖެހެނީ. މިހާރު ދަށު ކޯޓަށް ހުށަހަޅަން ޖެހޭތީ އެއް ދުވަސް ނުވަތަ ދެ ދުވަސް ވަރު އެކަމަށް އެބަ ގެއްލޭ. އެއީ ވަރަށް އުނދަގޫވާ ކަމެއް. ހައި ކޯޓު ހުންނަ ރަށެއްގައި ނަމަ ސީދާ ހައި ކޯޓަށް ހުށަހެޅޭ ގޮތަށް ފުރުސަތު ދީފައި އޮންނަ ނަމަ ރަނގަޅު. އޭރުން ހައި ކޯޓު ނުހުންނަ ރަށްރަށުގައި ތިބޭ މީހުންނަށް ދަށު ކޯޓުތައް މެދުވެރިކޮށް ހަައި ކޯޓަށް ހުށަހެޅޭނެ،" ޝަމީލް ވިދާޅުވި އެވެ.
ސީދާ އިސްތިއުނާފް ކޯޓަށް މައްސަލަ ހުށަހެޅޭ ގޮތަށް ކުރިން އޮއްވާ މައްސަލަ ނިންމި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ޑީޖޭއޭ އަށް ފޮނުވައި، ޑީޖޭއޭ އިން އެ ލިޔުންތައް އިސްތިއުނާފް ކޯޓަށް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ކޯޓުތަކާއި ޑީޖޭއޭ އަށް ވެސް އިތުރު ބުރައެކެވެ. އެކަމަށް ވަކި މުވައްޒަފުންތަކެއް ހުސްކުރަން ޖެހި، ކުރަން ޖެހޭ މަސައްކަތްތަކާއި ޚަރަދު ވެސް އެބަ ބޮޑުވެ އެވެ. މިއީ ވެސް ވިސްނާލުން މުހިންމު ކަމެކެވެ.
އިސްތިއުނާފް މުއްދަތު ކުރުވެފައި، ދަތުރު ކުރަން ޖެހޭ މަގު ދިގު ވާއިރު އިސްތިއުނާފަށް މައްސަލަ ތައްޔާރު ކުރަން ދިމާވާ ދަތިތައް ވެސް ވަކި ކުޑައެއް ނޫނެވެ. ކޯޓުތަކުން ކުރަން ޖެހޭ އިދާރީ ކަންކަން ނުނިމި އޮއްވާ އިސްތިއުނާފް މުއްދަތު ފަހަނައަޅައި ދިއުން އާންމެވެ.
ދެ ކޯޓެއް ހިންގާ ޖަސްޓިސް ބިލްޑިން: މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބެނީސް ބައެއް ފަހަރު އިސްތިއުނާފް މުއްދަތު ހަމަވޭ --މިހާރު ފޮޓޯ/ނިޝާން އަލީ
އިސްތިއުނާފަށް ހުށަހަޅަން ދައުވާ ފޯމް ތައްޔާރު ކުރެވެން އަންނަނީ އެ މައްސަލައެއް ދަށު ކޯޓުން ނިންމި ގޮތުގެ ރިޕޯޓް ދޫކުރުމުންނެވެ. މައްސަލަ ނިންމާތާ 14 ދުވަސް ތެރޭގައި އެ ރިޕޯޓް ދޫކުރަން ޖެހެ އެވެ. އެކަމަކު ބައެއް ފަހަރު އެ މުއްދަތު ފާއިތުވެގެން ދާއިރު ވެސް ރިޕޯޓެއް ނުލިބެ އެވެ. އެހެންކަމުން ރިޕޯޓް ދޫކުރަން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފް ފޯމް ހުށަހަޅަން ޖެހުމަކީ ވަކީލުންގެ ކަންބޮޑުވުމެކެވެ.
"ކޯޓުތައް ތައްޔާރެއް ނޫން މި ކަމަކަށް. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، އެ ބުނާ މުއްދަތުގެ ތެރޭގައި ދުލެއް ނުކުރެވޭ ގިނަ ފަހަރު. އިސްތިއުނާފަށް ރަނގަޅަށް ތައްޔާރު ވެވޭނީ އެ ރިޕޯޓް ލިބިގެން. މިހާރު މިޖެހެނީ މުބާރާތެއް ބާއްވާހެން މިކަން ކުރަން. ހަމަޖެހިލައިގެން ދިރާސާކޮށްގެން އިސްތިއުނާފަށް ހުށަހެޅޭކަށް ނެތް. އެއީކީ މުވައްކިލުންނަށް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެހެން ވަކީލަކު ވިދާޅުވި އެވެ.
މައްސަލަ ނިމުނު ގޮތުގެ "ތަފްސީލު ރިޕޯޓް" ކޯޓުތަކުން ދޫކުރުން ލަސްވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސުޕްރީމް ކޯޓުން ކުރިން ވަނީ އެ ރިޕޯޓް ނެތަސް މައްސަލަ ނިމުނު ގޮތުގެ "ޚުލާސާ ރިޕޯޓާ" އެކު އިސްތިއުނާފަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފަ އެވެ. ޚުލާސާ ރިޕޯޓަކީ ކޮންމެ މައްސަލައެއްގެ ވެސް ހުކުމްކުރާ ދުވަހު ދޭން ޖެހޭ ރިޕޯޓެއް ނަމަވެސް ބައެއް ފަހަރު އެ ރިޕޯޓު ލިބެން ވެސް އެތައް ދުވަހެއް ހޭދަވާ ކަމަށް ބައެއް ވަކީލުން ބުނެ އެވެ.
"ހުކުމް ކުރާ ދުވަހު ޚުލާސާ ރިޕޯޓް ދޭން އެންގިޔަސް ގިނަ ފަހަރަކު ނުލިބޭ. ހަމައެކަނި ހުކުމުގެ އިބާރާތާ އެކު އިސްތިއުނާފަށް ލާން ދެން މި ޖެހެނީ. ޖިނާއީ މައްސަލައެއް ނަމަ ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުވީ ކީއްވެގެން ކަން ވެސް ނޭނގި އިސްތިއުނާފަށް ހުށަހަޅަން މިޖެހެނީ. މިއީ ހަމަޖެހޭ ކަމެއް ނޫން،" ޝަމީލް ވިދާޅުވި އެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވެގެން އިސްތިއުނާފް މުއްދަތު ހަމަވާ ހާލަތްތަކުގައި އެއީ މަގުބޫލު އުޒުރެއް ކަމަށް ބަލައި، އެ މުއްދަތަށް ވުރެ ފަހުން ހުށަހެޅިޔަސް އިސްތިއުނާފް ކޯޓުތަކުން ބައެއް މައްސަލަތައް ބަލައިގަނެ އެވެ. އެކަމަކު އެއީ ވެސް ލިޔެފައި އޮންނަ އުސޫލެއް ކަމަށް ނުވާތީ "އެއްޗަކަށް އެއްޗެއް" ހެދުމަށް ފަހު 10 ދުވަސް ހަމަވުމުގެ ކުރިން މައްސަލަ ހުށަހަޅަނީ ކަމަށް ބައެއް ވަކީލުން ބުނެ އެވެ.
"އޭގައި އަމަލުކުރާނެ ވަކި ގޮތެއް ލިޔެފައެއް ނެތް. އެކި ފަހަރު އެކި ގޮތަށް އޮންނަނީ. އާންމުކޮށް މިހެން ހަދަން މިޖެހެނީ. އިތުރު ގޮތެއް ނެތް. އެކަމަކު އޭރުން ބޭނުންވާ އެންމެ ރަނގަޅަކަށް އެކަމެއް ނުވޭ،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.
އިސްތިއުނާފް އުސޫލަށް ގެނައި ބަދަލުން ދަތިތަކެއް ކުރިމަތިވެ އެވެ. އެހެންވެ މިއީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެކެވެ. އެއްގޮތަކީ އިސްތިއުނާފް މުއްދަތު ކޮންމެވެސް ވަރަކަށް ދިގުކޮށްލުމެވެ. އަނެއް ގޮތަކީ މައްސަލައިގެ ލިޔުންތައް ދޫކުރުމުގައި ކޯޓުތަކުން ދިމާވާ އިދާރީ ކަންކަން ހައްލުކޮށް، ވަގުތުން ވަގުތަށް ލިޔުންތައް ލިބޭނެ ގޮތް ހެދުމެވެ. އަދި ހައި ކޯޓު ހުންނަ ރަށްރަށުގައި އިސްތިއުނާފް ލިޔުންތައް ސީދާ ހައި ކޯޓަށް ހުށަހެޅޭ ގޮތް ހެދުން ވެސް މުހިންމެވެ.
ބަންދު އަމުރު އިސްތިއުނާފް ކުރެވޭނީ މާލޭގެ ހައިކޯޓުގައި
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ
ހައި ކޯޓުގެ ގޮފިތަކުގެ ނިޒާމަށް މިވީ ކިިހިނެއް!
އިސްތިއުނާފް ލަސްވަމުން ގޮސް އޭގެ ބޭނުން ކެނޑެނީ؟
ހައްގުތަކެއް ގެއްލޭ އުސޫލެއް، ބަދަލުކުރަން ޖެހޭ!
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"