Roadha Mihaaru
ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފެއް ނެތް

ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފު ލިބޭކަށް ނެތް: މެމްބަރުން

13 ފެބުރުއަރީ 2017

ޖިނާއީ ޝަރީއަތްތަކުގައި ހެކިވެރިންނަށް ބޮޑެތި ހިމާޔަތްތަކެއް ލިބޭ ގޮތަށް ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފަނޑިޔާރުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖިނާއީ ޝަރީއަތްތަކުގައި ހެކިވެރިންނަށް ބޮޑެތި ހިމާޔަތްތަކެއް ލިބޭ ގޮތަށް ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފަނޑިޔާރުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މިއީ މުހިންމު ބިލެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ކިތަންމެ ބިލެއް ހުށަހެޅިޔަސް، ފަނޑިޔާރުގެ މިނިވަން ނުވަނީސް ރައްޔިތުންނަށް އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ތިއްބެވީ ސިޔާސީ ވެރިންނަށް ތަބާވާ ފަނޑިޔާރުންތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން ނުހައްގުން ޖަލަށް ލާން ހުކުމް ކުރީ ސިޔާސީ ވެރިން އަޑީގައި ތިއްބަވައިގެން ކަމަށް ވެސް އެ މެމްބަރުން ތުހުމަތުކުރައްވަ އެވެ.

ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ހެއްކާ ބެހޭ ބިލަކީ ރައްޔިތުން އިތުރަށް އަޅުވެތި ކުރަން ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި ބިލުގައި ސުޕްރީމް ކޯޓަށް ކަމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު ދީފައި އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ގަވާއިދެއް ހަދާނަމަ، ހަދަން ޖެހޭނީ މަޖިލިސް ތެރެއިން، ގަވާއިދު ހަދަނީ ކޯޓަށް ގޮސް ހުންނަ މީހާގެ ރައްކާތެރިކަމަށް. އެއީކީ ދައުލަތާއި ސަލާމަތީ ހިދުމަތްތަކާ ކޯޓުތަކަށް ފަސޭހަ ކުރަން ހަދާ އެއްޗެއް ނޫން، މިއަދު ފެންނަނީ އެ ގޮތަށް ގާނޫނުތައް ހެދިގެން ތާން،" ފައްޔާޒް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އިންސާފުވެރި ޝަރީއަތްތައް ކުރުމުގައި ހަމަތަކާ އެއްގޮތަށް ފަނޑިޔާރުން މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ފަނޑިޔާރުންނަށް ހެއްކެއްގެ ގޮތުގައި އަބަދުވެސް ފެންނަނީ "ޑޮލަރު ބޮނޑި" ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

"އެ އަސާސް ގަބޫލު ނުކުރާނަމަ ރަނގަޅު ހެކި ފަނޑިޔާރު ކުރިމައްޗަށް އައި ކަމަށް ވިޔަސް ބަލައެއްނުގަނެވޭނެ. އިންސާފު ގާއިމް ކުރަން ބޭނުން ނުވާނަމަ ބިލުގެ ބޭނުމެއް ނެތް،" އިމްތިޔާޒު ވިދާޅުވި އެވެ.

ބިލާ އެއްކޮޅަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ވިދާޅުވީ ހެކި ބަސްދޭ މީހުންނަށް އެކަށީގެންވާ ހިމާޔަތެއް ލިބިފައި ނެތުމަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެ ގޮތުން ހެކިބަސްދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭނެ ގޮތް ބިލުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމެޓީ މަރުހަލާގައި ކަންބޮޑުވުންތަކަށް ހައްލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޖުމްލަ ގޮތެއްގައި ބިލަކީ ވުޖޫދަށް އަންނަން ޖެހިފައި އޮތް ބިލެއް ކަމީ އަޅުގަނޑުމެން އެއްބަސްވާ ކަމެއް،" ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އަމީތު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލު އޮތީ އިސްލާމީ ޝަރީއަތާއި ދުނިޔޭގެ ތަހުޒީބު މުޖުތަމައުގައި އަމަލު ކުރާ އުސޫލުތައް ވެސް ހިފަހައްޓާ ގޮތަށް ކަމަށެވެ. އެހެންކަމުން ހެއްކާ ބެހޭ ބިލަށް ގާނޫނަކަށްވެ، ހިނގަން ފަށައިފިނަމަ، އެކަމުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވި ގޮތުގައި ހެއްކާ ބެހޭ ބިލަކީ ކުށެއް ނެތް މީހުން ފްރޭމްކޮށްގެން އަނިޔާ ދިނުމުގެ "ދަންތުރައެއް" ކަމަށެވެ. އެހެންވެ، މި ބިލަށް ތާއީދު ކުރެވެން ނެތް ކަމަށް ވެސް ސަރުކާރާ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވާ މެމްބަރު ވިދާޅުވި އެވެ.

ހެއްކާ ބެހޭ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ. މި ބިލު ބަލައިގަތުމަށް 59 މެމްބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރުން ތިއްބެވި އެވެ.

އަލަށް އެކުލަވައިލި ބިލުގައި ހެކި ބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި ހެކިބަސް ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ހެކިންނާއި ސުވާލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅާފައިވެ އެވެ.