Roadha Mihaaru
ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބާސާއަށް ހަނިމޮޅެއް

ހަތަރުވަނަ ޑިވިޝަން ޓީމެއް އަތުން ބާސެލޯނާ އަށް ހަނި މޮޅެއް

08 ޖެނުއަރީ 2024

ބާބަސްޓްރޯ (ޖެނުއަރީ 8) - ހަތަރު ވަނަ ޑިވިޝަންގެ ބާބަސްޓްރޯ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެން ބާސެލޯނާ، ކޮޕަ ޑެލް ރޭގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ބާބަސްޓްރޯ (ޖެނުއަރީ 8) - ހަތަރު ވަނަ ޑިވިޝަންގެ ބާބަސްޓްރޯ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެން ބާސެލޯނާ، ކޮޕަ ޑެލް ރޭގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުުޅުނު މެޗުގެ 18 ވަނަ މިނިޓުގައި ފާމިން ލޮޕޭޒް ވަނީ ބާސެލޯނާ އަށް ގޯލު ޖަހައި ލީޑު ނަގައިދީފަ އެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނިޓު ފަހުން ލީޑޫ ފުޅާ ކޮށްދިނީ ރަފީނިއާ އެވެ. އޭގެ 10 މިނިޓު ފަހުން އެޑްރިއާ ޑި މޭސާ، ބާބަސްޓްރޯ އަށް ފަރަގު ކުޑަކޮށްދިނެވެ.

ހަނި ލީޑެއްގައި މެޗު ނިންމަން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން، ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ރޮބާޓް ލެވަންޑޯސްކީ ބާސެލޯނާ އަށް ދެ ގޯލުގެ ލީޑު އަލުން ހޯދައިދީފައި ވަނިކޮށް، އިތުރު ވަގުތުގައި ބާބަސްޓްރޯ ވެސް ވަނީ ޕެނަލްޓީއެއް ހޯދައިގެން ފަރަގު ކުޑަކޮށް، ބާސެލޯނާ ހާސް ކޮށްލައިފަ އެވެ. ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކް ޕްރެޓް އެވެ.

ލެވަންޑޯސްކީ ބާސާގެ ތިންވަނަ ގޯލު ޖެހުމަށް ފަހު.--

ލެވަންޑޯސްކީ ބާސާގެ ތިންވަނަ ގޯލު ޖެހުމަށް ފަހު.--

"މިކަހަލަ މެޗުތަކަކީ ބައިވަރު ގޯލު ޖެހޭނެ މެޗުތަކެއް، އެކަމަކު އެހެން އެކަން ނުވާ ނަމަ ހީނުކުރާ ގޮތަކަށް އުނދަގޫތަކެއް ތަހަންމަލް ކުރަން ޖެހޭނެ،" މެޗަށް ފަހު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.

ސްޕެނިޝް ލީގުގައި ވެސް ބާސެލޯނާ އަށް އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރެވުނީ ހަނި ގޮތަކަށެވެ. މި އަހަރުގެ ފުރަތަމަ މެޗުގައި، ލީގު ޓޭބަލްގެ މެދަކާ ހަމައިގައި އުޅޭ ލަސް ޕާމަސް އާ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކާ އެކު މޮޅުވީ 2-1 އިންނެވެ. އަދި މިދިޔަ މަހު ކުޅުނު ފަހު މެޗުގައި ލީގު ފުލުގައި އޮތް އަލްމެއިރާ އަތުން މޮޅުވީ ވެސް މެޗު ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބު ކުރި ގޯލަކުން 3-2 އިންނެވެ.

ޒަވީ ވަނީ މި މެޗުގައި، ބުދަ ދުވަހު ސައުދީ އަރަބިއްޔާގައި ފަށާ ސްޕެނިޝް ސުޕަ ކަޕަށް ތައްޔާރުވާން، އާއްމުކޮށް ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް ރެސްޓު ދީފަ އެވެ. ހަތަރު ޓީމު ކުޅޭ ސުޕަ ކަޕްގެ ސެމީގައި ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. ބުދަ ދުވަހުގެ ރޭ ފުރަތަމަ ސެމީގައި ކުޅޭނީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ.

ސުޕަ ކަޕް ފައިނަލް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.