Roadha Mihaaru

ބާސާއަށް ދައްކައިދިނީ އެތުލެޓިކޯގެ ތަފާތުކަން: ސިމިއޯނީ

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ފަހު ވަގުތު ގޯލުތަކެއް ޖަހައިގެން 4-4 އިން ބާސެލޯނާ ހުއްޓުވައި ދައްކައިދިނީ ޓީމެއްގެ ގޮތުގައި އެތުލެޓިކޯ އޮތް ފުރިހަމަކަން ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

"އަހަރެންނަށް މި ޓީމުން އެންމެ ބޮޑަށް ފާހަގަ ވަނީ ޓީމުގެ ރޫހު. ކުޅުންތެރިންގެ ފަރާތުން އާދަޔާ ހިލާފު ޖޯޝެއް ފެނުމަކީ އަބަދުވެސް އުންމީދެއް އާވާ ކަމެއް،" އެތުލެޓިކޯ އަށް 2011 އިން ފެށިގެން ކޯޗު ކޮށްދޭ ސިމިއޯނީ ބުންޏެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ހޫލިއަން އަލްވަރޭޒް އާއި ހަ ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ޖަހައިދިން ގޯލުތަކުން އެތުލެޓިކޯ ލީޑު ކުރަނިކޮށް ބާސާ ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ހޯދައިފަ އެވެ.

ބާސާ އެއްވަރު ކުރީ 19 ވަނަ މިނިޓާއި 21 ވަނަ މިނިޓުގައި މިޑްފީލްޑަރު ޕެޑްރީ އާއި ޒުވާން ޑިފެންޑަރު ޕައު ކުބާސީ ޖަހައިދިން ގޯލުންނެވެ. އަދި 41 ވަނަ މިނިޓުގައި ލީޑު ނެގި ލަނޑު ޖަހައިދިނީ އިނީގޯ މާޓިނޭޒް އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ ބާސާގެ ހަތަރުވަނަ ގޯލު ޖަހައިދިން އިރު، އެތުލެޓިކޯ ވަނީ އޭގެ 10 މިނިޓު ފަހުން މާކޮސް ލޮރެންޓޭގެ ލަނޑަކުން ފަރަގު ކުޑަކޮށް، އުއްމީދު ހޯދައިފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ސްޓްރައިކަރު އަލެކްސެންޑަ ސޯލޮތު ވަނީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓު ތެރޭ ކައުންޓާ އެޓޭކެއްގައި ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ސެމީ ފައިނަލްގައި ބާސެލޯނާ އާއި އެތުލެޓިކޯ ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އޭޕްރީލް 2 ގައި އެތުލެޓިކޯގެ ދަނޑުގަ އެވެ.

މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރަނީ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް އެވެ. ފުރަތަމަ ލެގު މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ސޮސިއެޑާޑްގެ ދަނޑުގަ އެވެ.